ވިޔަފާރި

ވަޒީފާގެ ބާޒާރުގައި އަންހެނުންނަށް ހުރި ދަތިތައް ޙައްލުކޮށްދޭނަން - ރައީސް


ވަޒީފާގެ ބާޒާރުގައި އަންހެނުންނަށް ހުރި ދަތިތައް ޙައްލުކޮށްދެއްވާނެކަމަށް ރައީސުލްޖުމްހުރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ އަންހެނުންގެ ރޫހުން އިންތިޒާމްކޮށްގެން ވިލިމާލޭގައި ކުރިއަށްގެންދިޔަ "ރަށްވެހި ފަތިސް ފެސްޓިވަލް" ފެށުމުގެ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވައި ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހުރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވީ އަންހެނުންނަށް ހުރި ގޮންޖެހުންތައް ޙައްލުކޮށްދީ ގޭގައި ތިބެގެންވެސް ޢާމްދަނީ ހޯދުމުގައި ކުރިމަތިވާ ދަތިތައް ޙައްލުކޮށްދެއްވާނެ ކަމަށެވެ.

"އިޖުތިމާޢީ ރައްކާތެރިކަމުގެ އޮނިގަނޑު ހަރުދަނާވުމަކީ މުހިންމު ކަމެއް. އަދި ހަމަ މިއާއެކު އަންހެނުން ވަޒީފާގެ ބާޒާރަށް އަހުލުވެރިކުރުވާ ވަޒީފާގެ ބާޒާރުގައި އަންހެނުންނަށް ހުރި ގޮންޖެހުންތައް ހައްލު ކޮށްދޭނަން. މީގެ ތެރޭގައި ގޭގައި ތިބެގެން ޢާމްދަނީ ހޯދުމުގައި ކުރިމަތިވާ ގޮންޖެހުންތައް ހައްލުކޮށްދޭނަން." ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ އަންހެނަކަށް އެވްރެޖްގޮތެއްގައި އަހަރެއްގެ މައްޗަށް މިހާރު ލިބެނީ ހަތް ހާސް ހަތަރު ސަތޭކަ ފަންސާސް ހަތަރު ޑޮލަރު ކަމަށާ، ނުވަތަ ގާތްގަނޑަކަށް އެއްލައްކަ ސާދަހާސް ނުވަސްތޭކަ ސާޅީސް ރުފިޔާ ކަމަށެވެ. ނަމަވެސް ފިރިހެނަކަށް އެވްރެޖުކޮށް އަހަރެއްގެ މައްޗަށް ފަނަ ހާސް ފަސް ސަތޭކަ ހަތްދިހަ ހަތް ޑޮލަރު ނުވަތަ ދެލައްކަ ސާޅީސް ހާސް އެއް ސަތޭކަ ނުވަދިހަ ހަތް ރުފިޔާ ލިބޭކަމަށެވެ. މިފަރަޤު ކުޑަވާން ޖެހޭކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

އަދި އަންހެނުން ބާރުވެރިކުރުވުމަށް ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތްތައް އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އެގޮތުން އެމަނިކުފަނުގެ ކެބިނެޓުގެ ތިރީސް ފަހެއް އިންސައްތައަކީ އަންހެނުންކަމާއި ސްޕްރީމް ކޯޓުގެ ފަނޑިޔާރުގެން ބެންޗަށް 2 އަންހެން ބޭފުޅުން ޢައްޔަންކުރެއްވިކުރެއްވުން ފާހަގަކުރެއްވިއެވެ. އަދި މިނިވަން މުއައްސަސާތަކުގެ ވެރިންގެ ގޮތުގައިވެސް މިހާރު އަންހެން ބޭފުޅުން އިތުރުކަން ރައީސް ފާހަގަކުރެއްވިއެވެ.