ޚަބަރު

އަނިޔާއިން ދިވެހިން މިންޖުކުރުމަށް އެންމެކުރީ ސަފުގައި ތިބީ އަންހެނުން - ރައީސް


ފާއިތުވެދިޔަ އަހަރުތަކުގައި ރާއްޖޭގައި އޮތް އަނިޔާވެރިކަން ނިމުމަކަށް ގެނެސް ޑިމޮކްރެޓިކް އުސޫލުން ރާއްޖޭގައި ވެރިކަން ކުރުމުގެ ފުރުސަތު ހޯދާދިނުމުގައި އެންމެ ބޮޑު ދައުރެއް އަދާކުރީ އަންހެނުން ކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ އަންހެނުންގެ ރޫހުން އިންތިޒާމުކޮށްގެން ވިލިމާލޭގައި ކުރިއަށް ގެންދާ ރަށްވެހި ފަތިސް ފެސްޓިވަލް ޝަރަފްވެރި ކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ޤައުމުގެ ތަރައްޤީގައި އެންމެ މުހިންމު ދައުރެއް އަދާކުރަނީ އަންހެނުންކަމަށާއި އެކަން ފާއިތުވެދިޔަ މާޒީގައި ފެނިގެން ގޮސްފައިވާކަމަށެވެ. ފާއިތުވެދިޔަ 7 އަހަރެއްގެ ތެރޭގައި ރާއްޖޭގެ ރައްޔިތުން އުޅެމުންދިޔަ ހިތްދަތިކަމާއި އަނިޔާވެރިކަމުގެ ތެރެއިން ސަލާމަތްކޮށް ހެޔޮވެރިކަމެއް ގެނައުމުގައި ރާއްޖޭގެ އަންހެނުން ވަކިން ޚާއްސަކޮށް އެމްޑީޕީގެ އަންހެނުން އަދާކޮށްފައިވާ ދައުރަކީ ޝުކުރު ހައްގު މަސައްކަތްތަކެއްކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

"މިދިޔަ އަހަރުތަކުގައި ރާއްޖެދުށް އަނިޔާވެރި ބިރުވެރި ވެރިކަމުގެ ދުވަސްވަރު އެއަނިޔާއިން ދިވެހިން މިންޖުކުރުމަށް އެންމެކުރީ ސަފުގައި ތިބީ ތިބޭފުޅުންކަން އަޅުގަނޑު ފާހަގަކުރަން. ހަމަ އެންމެ ދުވަހެއް ނުދޭ އެމްޑީޕީ އަންހެނުން މުޒާހަރާގެ މައިދާނުން ނުފެންނަ. ބެރިކޭޑްތަކާއި، ޕެޕަރ ސްޕްރޭތަކުގެ ތެރޭގައި ކެތްތެރިކަމާއިއެކު 7 އަހަރު ހޭދަކޮށް ދިވެހިންނަށް ޑިމޮކްރެޓިކް ސަރުކާރެއް ގާއިމްކުރުމުގެ ފުރުސަތު ލިބުނީ ތިފިސާރި އަންހެނުންގެ ބުރަ މަސައްކަތުން" ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު ވިދާޅުވިއެވެ.

ލާމަރުކަޒީ ޤާނޫނަށް ގެނައި ބަދަލާއި އެކު އަންހެނުންނަށް ޤާނޫނުގެ ތެރެއިން ފަހިކޮށްދީފައިވާ ފުރުސަތުތަކުގެ ނަތީޖާ ކައުންސިލް އިންތިޚާބަށްފަހު ފެނިގެންދާނެކަމަށް ޔަގީންކުރައްވާކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. ލާމަރުކަޒީ ޤާނޫނަށް ސަރުކާރުން ގެނައި އެންމެ މުހިންމު އެއް އިސްލާހަކީ ކައުންސިލްތަކުގެ 33 އިންސައްތަ އަންހެނުންނަށް ޚާއްސަ ކުރުންކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. މިއާއެކު ސިޔާސީ މައިދާނުގައި އަންހެނުންގެ ދައުރު އިތުރުވެ، ރަށްރަށާއި، ސިޓީތަކުގައި ނިންމާ ނިންމުންތައް އަންހެނުންގެ ބައިވެރިވުމާއިއެކު ނިންމުގެ ފުރުސަތު ފަހިވެގެންދާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. މީގެއިތުރުން ރާއްޖޭގެ ތަރައްޤީއަށް އަންހެނުން ތަރައްޤީއަށް ކޮމެޓީގެ ދައުރުވެސް މުހިއްމުކަމަށާއި އެ ކޮމެޓީގެ މެމްބަރުންނަށްވެސް އުޖޫރަ ލިބޭނެ އިންތިޒާމު ހަމަޖައްސަވާފައިވާކަމަށް ރައީސް ވިދާޅުވިއެވެ.

އަންހެނުން ބާރުވެރިކޮށް އަންހެނުންގެ ހައްޤުތަށް ކަށަވަރުކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކާއި، ކުރުމަށް ރާވާފައިވާ ކަންކަމަށް އަލިއަޅުއްވާލައްވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ފަޚުރުވެރި އާއިލާއެއް ބިނާކުރުމަށް ޗައިލްޑް ކެއަރ ސެންޓަރުތަކެއް ރާއްޖޭގެ 3 ސަރަހައްދެއްގައި ގާއިމްކުރުމަކީ ސަރުކާރުގެ އަމާޒެއްކަމަށެވެ. އެމަސައްކަތުގެ ތެރެއިން މިއަހަރުގެ ތެރޭގައި މާލެސިޓީއާއި އައްޑޫސިޓީގައި މިސެންޓަރުތައް ގާއިމްކުރެވިގެންދާނެކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ފާއިތުވެދިޔަ މާޒީގައި ބޮއްސުންލާފައިވާ އެތައްކަމެއް ރަނގަޅުކުރުމަށް ގިނަ ވަޢުދުތަކެއްވެ އެކަންކަން ތަންފީޒުކުރަމުންދާކަން އެމަނިކުފާނުވަނީ ފާހަގަކުރައްވާފައެވެ. އެގޮތުން ވިހެއުމަށްފަހު އަންހެނުންނަށް މުސާރަޔާއެކު 6 މަސްދުވަހުގެ ޗުއްޓީ ލިބޭނެ ގޮތް ހަމަޖެހުމަކީ އާއިލީ ހަމަޖެހުމަށްޓަކައިވެސް ކޮށްދެވުނު މުހިންމު ކަމެއްކަމަށާއި އަންހެނުންނަށް ކުރާ ގެވެށި އަނިޔާއަކީ އެއްވެސް އިރެއްގައި ސަރުކާރުން ޤަބޫލުކުރާ ކަމެއްނޫންކަމަށް ރައީސް ވިދާޅުވިއެވެ. އަދި މިކަންކަމަށް ހައްލުތަކެއް ހޯދުމަށް، އަނިޔާލިބޭ އަންހެނުންނަށް މާލީ އެހީދިނުން ފަދަ ކަންކަން ސަރުކާރުގެ ސިޔާސަތުގެ ތެރެއިން ހަމަޖެހިގެންދާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރާއްޖޭގެ ހަމަޖެހުމާއި މަސްލަހަތާއި، ތަރައްޤީއަށް އަންހެނުން ކުރައްވަމުންދާ މަސައްކަތް ފާހަގަކުރައްވައި އެކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު ވަނީ ޝުކުރު އަދާކުރައްވާފައެވެ.