އިޓަލީއިން ރާއްޖެއަށް އަންނަ ޑައިރެކްޓް އަދި ޓްރާންސިޓް ފްލައިޓްތައް މެދުކަނޑާލުމަށް ނިންމައިފިއެވެ.
އެޤައުމާއި ރާއްޖެއާއި ދެމެދު ވައިގެ ދަތުރުތައް މެދުކަނޑާލަން ނިންމީ ޗައިނާ ފިޔަވައި އެންމެ ބޮޑަށް ކޯވިޑް-19 ފެތުރެމުންދާ ޤައުމަކީ އިޓަލީކަމަށްވާތީއެވެ.
ސަރުކާރުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޓޫރިޒަމް މިނިސްޓަރ އަލީ ވަޙީދު ވިދާޅުވީ މިރޭ ބާރައިން ފެށިގެން އިޓަލީއާއި ރާއްޖެއާއި ދެމެދު ވައިގެ ދަތުރުތައް ވަގުތީ ގޮތުން މެދުކަނޑާލުމަށް ނިންމާފައިވާ ކަމަށެވެ.
"ޑައިރެކްޓް ފްލައިޓަކަށް ވެސް ޓްރާންސިޓް ފްލައިޓަކަށް ވެސް ރާއްޖެއަށް ވަގުތީ ގޮތުން އިޓަލީވިލާތުން އެއްވެސް ފަތުރުވެރިއަކަށް ރާއްޖެއަށް ނާދެވޭނެ. ޗައިނާއާއި ގުޅިގެންވެސް ދުނިޔޭގެ އެހެން ޤައުމުތަކުންވެސް ނަގަމުން ދިޔަ ފިިޔަވަޅުތަކާ އެއްގޮތަށް އަދި ޑަބްލިއު އެޗްއޯ މިންގަނޑުތަކާއި އެއްގޮތަށް ރާއްޖެއަށް އެކަމުގެ ނުރައްކާ އޮތް މިންވަރު އެސެސް ކުރުމަށްފަހު އަޅުގަނޑުމެންވާނީ ދުނިޔޭގެ އެންމެ ކުރީ ބައިގަ އެ ޑިޒިޝަން ނެގި އެއް ޤައުމަކަށްވެފަ" އަލީ ވަޙީދު ވިދާޅުވިއެވެ.
ދުނިޔޭގެ 12 ޤައުމަކުން މިހާތަނަށް ވަނީ އިޓަލީވިލާތުން ފަތުރުވެރިން އައުން މަނާކޮށްފައެވެ. އެއީ އިންޑޮނޭޝިއާ، ކުކް އައިލްންޑްސް، ފީޖީ، އިންޑިއާ، އިޒްރޭލް، ޖޯޑަން، ލުބްނާން، މޮރިޝަސް، މޮންގޯލިއާ، ސެއިންޓް ލޫސިއާ، ސީޝެލްސް އަދި ތުރުކީއެވެ.
ޔޫރަޕްގެ ޤައުމުތަކުގެ ތެރެއިން އެންމެ ހަލުވި ކަމާއި އެކު ކޯވިޑް-19 ފެތުރެމުންދަނީ އިޓަލީގައެވެ.
ވޭތުވެދިޔަ 24 ގަޑިއިރުތެރޭގައި އިޓަލީވިލާތުން ވައިރަހުގެ އަސަރު އަލަށް ފެނިފައިވާ މީހުންގެ ޢަދަދުވަނީ 500 އަށްވުރެ އިތުރުވެފައެވެ. އަދި ވައިރަހުގެ ސަބަބުން އެޤައުމުން މަރުވި މީހުންގެ ޖުމްލަ ޢަދަދުވަނީ 100 އަށްވުރެ އިތުރުވެފައެވެ.
ވައިރަހުގެ އަސަރު އެންމެ ބޮޑަށް ކޮށްފައިވާ އެޤައުމުގެ މައި ސިނާޢީ ދެސަރަޙައްދުކަމަށްވާ ލަންބާޑީއާއި ވެނެތޯގެ މަދަރުސާތައް މިދިޔަ ހަފުތާގައިވަނީ ބަންދުކޮށްފައެވެ. އަދި މަރޗް އަށެއްގެ ކުރިން މަދަރުސާތައް ހުޅުވުން ރައްކާތެރި ނޫންކަމަށް އެޤައުމުގެ ސަރުކާރުން ބުނެއެވެ. ބަންދުކޮށްފައިވާ ސިނަމާތަކާ ދާރުލްއާސާރުތައް އަލުން ހުޅުވޭނެ ތާރީޚެއް ހާމަކޮށްފައެއް ނުވެއެވެ.
ކޯވިޑް-19 ރާއްޖެއަށް އެތެރެވިޔަ ނުދިނުމަށްޓަކައި ސަރުކާރުން ދަނީ ގިނަ ފިޔަވަޅުތަކެއް އަޅަމުންނެވެ.
އެގޮތުން ޗައިނާއިން ރާއްޖެއަށް ސިދާ ދަތުރުކުރާ ފުލައިޓްތައް މެދުކަނޑާލިތާ މިހާރު މަސްދުވަސްމިވަނީ ވެފައެވެ. އަދި އީރާނުން ނުވަތަ އީރާނު މަގުން ރާއްޖެއަށް މީހުން އައުން މިވަގުތަށް މަނާކޮށްފައިވާ އިރު ސައުތު ކޮރެއާގެ ދެ ސަރަހައްދަކުން މީހުން އައުންވެސް ވަނީ މެދުކަނޑާލާފައެވެ.
އަދި މީގެއިތުރުން ކްރޫޒްލައިނަރތައްވެސް ރާއްޖެއައުން ވަގުތީގޮތުން މެދުކަނޑާލާފައިވާއިރު އަލުން ކްރޫޒްލައިނަރތައް ރާއްޖެ އައުމަށް ހުއްދަދޭނީ ދުނިޔޭގައި ކޯވިޑް 19 އޮތް ހާލަތަށް އަންނަ ބަދަލުތަކަށް ބެލުމަށްފަހުކަމަށް ސަރުކާރުން ބުނެއެވެ.