ޚަބަރު

ކޮންމެ ވަގުތެއްގައިވެސް ހާލަތު ބަދަލުވެދާނެ - އެންމެ ނުރައްކާތެރި ހާލަތައްވެސް ތައްޔާރު - އަމީން


ކޯވިޑް-19 އަށް ޝައްކު ކުރެވޭ މީހަކު ވ.ތިނަދުއާއި ޅ.އަތޮޅުގެ ރިސޯޓަކުން ފެނުމާ ގުޅިގެން އެ ދެރަށަށް އަރައި ފޭބުން ވަގުތީގޮތުން މަނާކޮށްފިއެވެ.

ވ.ތިނަދު އާއި ޅ.އަތޮޅު ރިސޯޓަކަށް އަރައި ފޭބުން މަނާކުރީ އެ ދެ ރަށުން ކޯވިޑް 19އަށް ޝައްކުވެގެން ގެންދިޔަ މީހުންގެ ޓެސްޓްތަކުގެ ނަތީޖާ ލިބެންދެންކަމަށް ހެލްތު މިނިސްޓަރ ޢަބުދުﷲ އަމީން ވިދާޅުވިއެވެ. އެ ދެރަށުން ގެންދިޔަ މީހުން ފަރުކޮޅުފުށީގައި ޤާއިމް ކޮށްފައިވާ ކަރަންޓީން ފެސިލިޓީއަށް ގެންގޮސް މިހާރު ވަނީ ޓެސްޓު ހެދުމުގެ މަސައްކަތް ފަށާފައެވެ.

ހެލްތު މިނިސްޓަރ އަމީން ވިދާޅުވީ ރާއްޖޭގެ އެއްވެސް ރަށަކުން ކޯވިޑް-19 ފެނިއްޖެ ނަމަ އެ ރަށަކަށް އަރައި ފޭބުން މެދުކަނޑާލުމަށް ނިންމާފައިވާކަމަށެވެ. އަދި ރާއްޖޭގެ ހުރިހާ ރަށަކަށް ވެސް، ބޭނުންވާ ސިއްޙީ ސާމާނު ހާލަތާ އެކަށީގެންވާ ވަރަށް ފޮނުވާފައިވާ ކަމަށާއި، ބަލި ފެތުރި، ކުރިމަތިވެދާނެ އެންމެ ނުރައްކާތެރި ހާލަތަށް ވެސް ސަރުކާރުން ތައްޔާރަށް އޮތްކަމުގައި މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ އަމީން ވިދާޅުވީ މުޅި ރާއްޖޭގެ ހާލަތު ބެލުމަށްޓަކައި ރާއްޖޭގެ ރަށްތަކުގައި ރޯގާއާއި ނިއުމޯނިއާ ފަދަ ބަލިތައްފެތުރި ދައުރުވަމުންދާ ނިސްބަތް ބެލުމަށްޓަކައި ދުވަހުން ދުވަހަށް އެކަންބެލޭނެ އިންތިޒާމު ހަމަޖައްސާފައިވާކަމަށެވެ.

ދުނިޔޭގެ އެހެންޤައުމުތަކުގައިވެސް މިބައްޔަށް ދެމުންދާ ފަރުވާތަކާއި، ބަލި ޓެސްޓްކުރެވޭނެ އިންތިޒާމު މިވަގުތު ރާއްޖޭގައި ހުރިކަމަށް މިނިސްޓަރ ފާހަގަކުރެއްވިއެވެ. އަދި މިކަމުގައި ދިވެހި ސަރުކާރުން އަމަލުކުރަމުންދަނީ ޑަބްލިއުއެޗްއޯގެ މިންގަނޑުތަކާއި އެއްގޮތަށްކަމަށާއި މިކަމުގައި ކޮންމެ މީހެއްގެވެސް ފަރުދީ ޒިންމާއެއް އޮތްކަމަށް ޤަބޫލުކޮށް އާންމު ސާފުތާހިރުކަމާއި، ޑޮކްޓަރުންނާއި ކަމާއިބެހޭ ފަރާތްތަކުން ދެއްވާ އިރުޝާދުތަކަށް މިދަނޑިވަޅުގައި އަމަލުކުރުމަށް މިނިސްޓަރ ވަނީ އިލްތިމާސް ކުރައްވާފައެވެ.

އައިޖީއެމްއެޗްގައި ކޯވިޑް 19 އަށް ޓެސްޓް ކުރުމަށް ބޭނުންކުރަމުންދާ ވަސީލަތްތަކާއި ގުޅޭގޮތުން ނޫސްވެރިޔަކު ދެންނެވި ސުވާލުގެ ޖަވާބުގައި މިނިސްޓަރ ވިދާޅުވީ ޓެސްޓް ކިޓްތައް ހަދިޔާކުރީ ވެސް ޑަބްލިޔުއެޗްއޯ އިން ކަމަށެވެ. އަދި މިވަގުތު މުޅި ދުނިޔޭގައި ވެސް އެންމެ ބޮޑީ ބައްޔާ މެދު ސައްހަ ނޫން މައުލޫމާތު ފެތުރުމާއި ޝައްކު އުފެއްދުން ކަމަށް ޑަބްލިޔުއެޗްއޯއާ ހަވާލާދީ މިނިސްޓަރ އަމީން ފާހަގަކުރެއްވިއެވެ.

ކޯވިޑް-19 ގެ އަލާމާތްތައް ފެނިގެން ފަރުކޮޅު ފުށީގައި ގާއިމްކޮށްފައިވާ ކަރަންޓީން ފެސިލިޓީޒްގައި ތިބީ 6 މީހެކެވެ. އެއީ ރާއްޖެ އިން ބޭރުން އައި ދިވެހި އަންހެނަކާއި އޭނާގެ ދަރިފުޅާއި، އަދި ވ.އަތޮޅު ތިނަދޫން އިއްޔެ ކަރަންޓީން ކުރި ތިން ފަތުރުވެރިންނާއި، ޅ.އަތޮޅުގެރިސޯޓްގެ ޑޮކްޓަރެވެ. ފަރުކޮޅުފުއްޓާއި ފުނަދޫގެ އިތުރުން ކުރިން ރިސޯޓް ހިންގި ރަށެއް ކަމަށްވާ ވިލިވަރުގައިވެސް 30 މީހުންގެ ޖާގައިގެ ކަރަންޓީން ފެސިލިޓީއެއް ސަރުކާރުން މިހާރު ވަނީ ޤާއިމް ކޮށްފައެވެ.

މިބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޓޫރިޒަމް މިނިސްޓަރ އަލީ ވަހީދު ވިދާޅުވީ ކޯވިޑް 19 ގެ އެއްވެސް މައުލޫމާތެއް ސަރުކާރުން ފޮރުވައިގެން ހާމަނުކޮށް ނުތިބޭނެކަމަށެވެ. މިހާތަނަށްވެސް ބައްޔަށް ޓެސްޓް ކުރެވޭ މީހުންގެ އަދަދާއި، ޓެސްޓުކުރެވޭ މީހުންގެ ނަތީޖާތައްވެސް ސަރުކާރުން އަންނަނީ ހާމަކުރަމުންދާކަމަށް އަލީ ވަހީދު ވިދާޅުވިއެވެ.

ދުނިޔޭގެ 100 އަށްވުރެ ގިނަ ޤައުމުގައި ހަލުވިކަމާއިއެކު ކޯވިޑް 19 ފެތުރެމު އަންނަކަން ފާހަގަކުރައްވަމުން ރާއްޖޭގެ އިޤްތިޞާދަށް މިކަމުގެ ސަބަބުން ލޮޅުންތަކެއް އައިކަމުގައި ވީނަމަވެސް ސަރުކާރުން ޤައުމުގެ އިޤްތިޞާދަށްވުރެ އިސްކަންދެނީ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށް ކަމުގައި އަލީ ވަހީދު ވިދާޅުވިއެވެ.

ރާއްޖޭގެ މިވަގުތުގެ ހާލަތާ ގުޅޭގޮތުން މިނިސްޓަރ ވިދާޅުވީ މިހާރުވެސް ރާއްޖެއޮތީ ވައިޓް އެލާޓްގައިކަމަށާއި މިދަނޑިވަޅަކީ ރައްޔިތުން ޕެނިކްވާންޖެހޭ ހާލަތެއްނޫންކަމަށެވެ. މިނިސްޓަރ ވިދާޅުވީ އިގްތިސާދެއް އޮންނަނީ ރައްޔިތުންނަށް ހިމާޔަތް ލިބިގެން ކަމަށްވާއިރު އަޅަންޖެހޭ ކޮންމެ ގައުމަކަށް ވެސް، ހާލަތު ވަޒަންކުރުމަށް ފަހު ފިޔަވަޅު އަޅުއްވާނެ ކަމަށާއި، މިވަގުތު ރާއްޖެ އޮތް ހާލަތަކީ ކޮންމެ ވަގުތެއްގައިވެސް ބަދަލުވެދާނެ ހާލަތަކަށްބަލައި އެކަމަށް ފުރިހަމައަށް ތައްޔާރަށް އޮތްކަމަށްވެސް އަލީ ވަހީދު ވިދާޅުވިއެވެ.

ކޯވިޑް-19 ރާއްޖެއަށް އެތެރެވިޔަ ނުދިނުމަށްޓަކައި ސަރުކާރުން ދަނީ ގިނަ ފިޔަވަޅުތަކެއް އަޅަމުންނެވެ. އެގޮތުން ވަޔާއި ކަނޑުގެ މަގުން ރާއްޖެ އެތެރެވާ މީހުން ހެލްތު ސްކްރީން ކުރުމާއި ރާއްޖެއިން މި ވައިރަހަށް ޓެސްޓު ކުރެވޭނެ ގޮތްވެސް ވަނީ ހަމަޖައްސަވާފައެވެ.

މީގެ އިތުރުން ނޭޝަނަލް އެމަޖެންސީ އޮޕަރޭޝަން ސެންޓަރެއް ޤާއިމްކޮށް، ރައްކާތެރިކަމުގެ ފިޔަވަޅުތައް ވަނީ ވަރުގަދަކޮށްފައެވެ. އަދި މި ބައްޔާގުޅޭ އެއްވެސް ކަމެއް ރައްޔިތުންނަށް ނުފޮރުވައި ހާމަކުރާނެކަމުގެ ޔަޤީންކަން ސަރުކާރުން ވަނީ ރައްޔިތުންނަށް ދީފައެވެ.