ސިއްހަތު

ވ.ތިނަދުއާއި ޅ.އަތޮޅުގެ ރިސޯޓަކަށް އަރައި ފޭބުން ވަގުތީގޮތުން މަނާކޮށްފި


ކޯވިޑް-19 އަށް ޝައްކު ކުރެވޭ މީހަކު ވ.ތިނަދުއާއި ޅ.އަތޮޅުގެ ރިސޯޓަކުން ފެނުމާ ގުޅިގެން އެ ދެރަށަށް އަރައި ފޭބުން ވަގުތީގޮތުން މަނާކޮށްފިއެވެ.

ވ.ތިނަދު އާއި ޅ.އަތޮޅު ރިސޯޓަކަށް އަރައި ފޭބުން މަނާކުރީ އެ ދެ ރަށުން ކޯވިޑް19އަށް ޝައްކުވެގެން ގެންދިޔަ މީހުންގެ ޓެސްޓްތަކުގެ ނަތީޖާ ލިބެންދެންކަމަށް ހެލްތް މިނިސްޓަރ ވިދާޅުވިއެވެ. އެ ދެރަށުން ގެންދިޔަ މީހުން ފަރުކޮޅުފުށީގައި ޤާއިމް ކޮށްފައިވާ ކަރަންޓީން ފެސިލިޓީއަށް ގެންގޮސް މިހާރު ވަނީ ޓެސްޓު ހެދުމުގެ މަސައްކަތް ފަށާފައެވެ.

މީގެ އިތުރުން ޗައިނާ ފިޔަވައި އެންމެ ބޮޑަށް ކޯވިޑް-19 ފެތުރެމުންދާ އިޓަލީ ވިލާތުން ރާއްޖެއަށް އަންނަ ޑައިރެކްޓް އަދި ޓްރާންސިޓް ފްލައިޓްތައްވެސް ވަނީ މެދުކަނޑާލާފައެވެ.

ހެލްތު މިނިސްޓަރު އަމީން ވިދާޅުވީ ރާއްޖޭގެ އެއްވެސް ރަށަކުން ކޯވިޑް-19 ފެނިއްޖެ ނަމަ އެ ރަށަކަށް އަރައި ފޭބުން މެދުކަނޑާލުމަށް ނިންމާފައިވާކަމަށެވެ. އަދި ރާއްޖޭގެ ހުރިހާ ރަށަކަށް ވެސް، ބޭނުންވާ ސިއްޙީ ސާމާނު ހާލަތާ އެކަށީގެންވާ ވަރަށް ފޮނުވާފައިވާ ކަމަށެވެ.

މީގެ އިތުރުން މިހާރު ފަރުކޮޅުފުއްޓާއި ފުނަދޫގެ އިތުރުން ކުރިން ރިސޯޓް ހިންގި ރަށެއް ކަމަށްވާ ވިލިވަރުގައިވެސް 30 މީހުންގެ ޖާގައިގެ ކަރަންޓީން ފެސިލިޓީއެއްވެސް ސަރުކާރުން ވަނީ ޤާއިމް ކޮށްފައެވެ.

މިހާތަނަށް ރާއްޖޭގައި ކޯވިޑް-19 އަށް ޝައްކުކުރެވޭ 6 މީހަކު ވަނީ ކަރަންޓީނުކޮށްފައެވެ.

ކޯވިޑް-19 ރާއްޖެއަށް އެތެރެވިޔަ ނުދިނުމަށްޓަކައި ސަރުކާރުން ދަނީ ގިނަ ފިޔަވަޅުތަކެއް އަޅަމުންނެވެ. އެގޮތުން ވަޔާއި ކަނޑުގެ މަގުން ރާއްޖެ އެތެރެވާ މީހުން ހެލްތް ސްކްރީން ކުރުމާއި ރާއްޖެއިން މި ވައިރަހަށް ޓެސްޓު ކުރެވޭނެ ގޮތްވެސް ވަނީ ހަދާފައެވެ. އަދި ރާއްޖެއިން މިވަގުތު މިއޮތީ މި ވައިރަސް އަތުވެދާނެ ހާލަތަކަށް ބަލައި ފުރިހަމައަށް ތައްޔާރުވެފައި ކަމަށްވެސް ސަރުކާރުން ވަނީ ހާމަކުރައްވާފައެވެ.

މީގެ އިތުރުން ނޭޝަނަލް އެމަޖެންސީ އޮޕަރޭޝަން ސެންޓަރެއް ޤާއިމްކޮށް، ރައްކާތެރިކަމުގެ ފިޔަވަޅުތައް ވަނީ ވަރުގަދަކޮށްފައެވެ. އަދި މި ބައްޔާގުޅޭ އެއްވެސް ކަމެއް ރައްޔިތުންނަށް ނުފޮރުވައި ހާމަކުރާނެކަމުގެ ޔަޤީންކަން ސަރުކާރުން ވަނީ ރައްޔިތުންނަށް ދީފައެވެ.