ޚަބަރު

އިޓަލީއިން ރާއްޖެއައި ދިވެއްސެއްގެ ގައިގައި ކޮވިޑް-19 ނެތްކަން ކަށަވަރު ކުރުމަށް އެކަހެރިކޮށްފި


މިއަދު އިޓަލީއިން ރާއްޖެއައި ދިވެއްސެއްގެ ގައިގައި ކޮވިޑް-19 ނެތްކަން ކަށަވަރު ކުރުމަށްޓަކައި އޭނާ އެކަހެރިކޮށްފިއެވެ.

ހެލްތް ޕްރޮޓެކްޝަން އެޖެންސީ އެޗްޕީއޭއިން ވިދާޅުވީ އެމީހާ އެކަހެރިކޮށް މޮނިޓަރ ކުރަމުންދާކަމަށެވެ. އެ މީހާ އެކަހެރިކޮށްފައި ހުރީ ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ޤާއިމްކޮށްފައިވާ ކަރަންޓީން ފެސިލިޓީގައެވެ.

ބަލި ފެތުރޭ ޤައުމަކަށް ނުވަތަ އެފަދަ ސަރަޙައްދަކަށް ދަތުރުކުރުމަށްފަހު ރާއްޖެއައި 5 ދިވެއްސަކުވެސް މީގެ ކުރިން ކަރަންޓީންކޮށްފައިވެއެވެ. މިހާތަނަށް ރާއްޖެއިން ކަރަންޓީން ކުރި އެއްވެސް މީހެއްގެ ގައިން މި ބަލީގެ އަސަރު ފެނިފައި ނުވާއިރު މިހާތަނަށް ރާއްޖެއިންވެސް މި ވައިރަސް ފެނިފައިނުވާކަން ކަމާބެހޭ ފަރާތްތަކުން ވަނީ ކަށަވަރުކޮށްދެއްވާފައެވެ.

ރާއްޖެއަށް މި ވައިރަސް އެތެރެވިޔަ ނުދިނުމަށްޓަކައި ސަރުކާރުން ވަނީ ރައްކާތެރިކަމުގެ ގިނަ ފިޔަވަޅުތަކެއް އަޅާފައެވެ. އެގޮތުން ވަޔާއި ކަނޑުގެ މަގުން ރާޢްޖެ އެތެރެވާ މީހުން ހެލްތް ސްކްރީން ކުރުމާއި މި ވައިރަސް އެންމެ ބޮޑަށް ފެތުރޭ ޤައުމުތަކުން މީހުން ރާޢްޖެއަށް އެތެރެވުންވެސް ވަނީ ވަގުތީގޮތުން މެދުކަނޑާލާފައެވެ.

މީގެ އިތުރުން ކޯވިޑް-19އަށް ރައްކާތެރިވުމަށް ކުރަމުންދާ މަސައްކަތް ހަރުދަނާ ކުރުމަށް ރަޢީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުޙައްމަދު ޞާލިޙްގެ އިސްނެންގެވުމާއެކު ހެލްތް ޕްރޮޓެކްޝަން އެޖެންސީ، އެޗްޕީއޭއާއި، ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ ހިމެނޭގޮތަށް ނޭޝަނަލް އެމަޖެންސީ އޮޕަރޭޝަން ސެންޓަރެއްވެސް ވަނީ ޤާއިމް ކޮށްފައެވެ.