ޚަބަރު

އެންމެ ކުޑަ އުޖޫރަ ކަނޑައެޅުމާ ގުޅޭ ފޯރަމް މިރޭ - އެންމެނަށްވެސް ބައިވެރިވެވޭނެ


މަސައްކަތްތެރިންނަށް ދިނުމަށް ކަނޑައަޅާ އެންމެ ކުޑަ އުޖޫރައާ ގުޅޭގޮތުން ރައްޔިތުންގެ ޚިޔާލް ހޯދުމަށް ބާއްވާ ފޯރަމްގައި އިކޮނޮމިކް މިނިސްޓަރާއި މިނިމަމް ވޭޖް އެޑްވައިޒަރީ ބޯޑުގެ ރައީސް ބައިވެރިވެވަޑައިގަތުމަށް ހަމަޖެހިފައިވާކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

މިނިމަމް ވޭޖް ކަނޑައެޅުމަށްޓަކައި ރައްޔިތުންގެ މަޖިލީހުގެ ލަފައެއް ހޯދުމަށް އިކޮނޮމިކް މިނިސްޓްރީން ހުށަހަޅާފައިވާ ރިޕޯޓާއިމެދު ރައްޔިތުންގެ ޚިޔާލް ހޯދުމަށް މިރޭ ބާއްވާ ފޯރަމާއި ގުޅޭގޮތުން ވާހަކަ ދައްކަވަމުން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ މިބައްދަލުވުމުގައި އިކޮނޮމިކް މިނިސްޓަރާއި މިނިމަމް ވޭޖް އެޑްވައިޒަރީ ބޯޑުގެ ރައީސް ރައްޔިތުންނަށް މައުލޫމާތު ސާފު ކޮށްދެއްވާނެކަމަށެވެ.

މި ފޯރަމް ފެށުމަށް ހަމަޖެހިފައިވަނީ މިރޭ 8:30ގައެވެ. ނަމަވެސް މި ފޯރަމްގައި ބައިވެރިވާން ބޭނުންވާ އާންމުން މިރޭ 8:15 ގައި މަޖިލިސް އިދާރާއަށް ވަންނަން ޖެހެއެވެ. މި ބައްދަލުވުން ބޭއްވުމަށް ހަމަޖެހިފައިވަނީ މަޖިލިސްކުރާ އިމާރާތުގައެވެ.

މި ފޯރަމްގައި ރައްޔިތުންނަށް މައުލޫމާތު ދެއްވާ ޕެނަލްގައި ތިއްބަވާނީ އިކޮނޮމިކް މިނިސްޓަރާއި މިނިމަމް ވޭޖް އެޑްވައިޒަރީ ބޯޑުގެ ރައީސާއި، އިޤްތިޞާދީ ކޮމިޓީގެ މުޤައްރިރު އަލިފުށި ދާއިރާގެ މެމްބަރު މުޙައްމަދު ރަޝީދު ޙުސައިންއާއި، އިޖްތިމާއީ ކޮމިޓީގެ މުޤައްރިރު ކެނދިކުޅުދޫ ދާއިރާގެ މެމްބަރު އަހުމަދު އީސާއެވެ.

މިބައްދަލުވުން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ޕެނަލްގައި ހިމެނޭ ކޮންމެ މެމްބަރަކަށް 7 މިނިޓްގެ ވަގުތެއް ދެއްވުމަށްފަހު، އާންމުންގެ ޚިޔާލްފާޅުކުރުމަށް 40 މިނިޓް ދޭގޮތަށްކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް ވިދާޅުވިއެވެ. މިބައްދަލުވުމުގައި އުޖޫރަ ކަނޑައެޅުމުގައި އާންމު ރައްޔިތުންގެ ޚިޔާލް ވީހާވެސް ފުޅާގޮތެއްގައި ހާމަކޮށްދެއްވުމަށް މަޖިލީހުގެ ރައީސް ވަނީ އެދިވަޑައިގެންފައެވެ. އަދި މިބައްދަލުވުން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާގޮތުން މަޖިލީހުގެ އެހެންމެ މެމްބަރުންނަށް ބައްދަލުވުން އަޑުއަހަން ތިއްބެވުމުގެ ފުރުޞަތު ލިގެންދާނެކަމަށް މަޖިލީހުގެ ރައީސް ވިދާޅުވިއެވެ.