ވިޔަފާރި

ލޭނު މަސްވެރިކަމަށް ޒުވާނުން ތަމްރީނުކުރަނީ


ލޭނު މަސްވެރިކަމަށް ޒުވާނުން އަހުލުވެރިކުރުވުމަށް ތަމްރީނު ޕްރޮގްރާމެއް ކުރިއަށްގެންދަން މިނިސްޓްރީ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރއިން ނިންމައިފިއެވެ.

މިއީ މަސްވެރިކަމުގެ ސިނާޢަތުގައި މަސްވެރިންގެ ހިއްސާ އިތުރުކޮށް، މަސްވެރިންނަށް އިތުރު ނަފާ ހޯދުމުގެ މަޤްސަދުގައި މިނިސްޓްރީން ސިލްސިލާކޮށް ކުރިއަށްގެންދާ ޕްރޮގްރާމެއްކަމަށް ފިޝަރީޒް މިނިސްޓްރީން ވިދާޅުވެއެވެ.

މި ޕްރޮގްރާމުގެ ތެރެއިން މަސްވެރިންނަށް ލޭނު މަސްވެރިކަމުގެ ޢަމަލީ ތަޖްރިބާ ފޯރުކޮށްދީ ރާއްޖޭގައި ލޯބޮޑު ކަންނެއްޔަށް އަމާޒުކޮށްގެން ކުރެވޭ ލޭނު މަސްވެރިކަމުގެ ތެރެއިން ދިވެހި ޒުވާން މަސްވެރިންނަށް ފުރުޞަތު ހޯދައި ދިނުމަކީ ޕްރޮގްރާމްގެ އަމާޒެއްކަމަށް މިނިސްޓްރީން ވިދާޅުވެއެވެ.

ފިޝަރީޒް މިނިސްޓްރީން ވިދާޅުވީ މި ޕްރޮގްރާމުގައި ބައިވެރިވުމަށް ޝައުޤުވެރިވާ ފަރާތްތަކުން ޕްރޮގްރާމުގައި ބައިވެރިވުމަށް އެދި ހުށަހަޅާ ސިޓީއާއި ގުޅޭނެ ފޯނު ނަންބަރާއި ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީއާއިއެކު އޭޕްރިލް 2 ވަނަ ދުވަހުގެ ކުރިން މިނިސްޓްރީއަށް ހުށަހަޅަންޖެހޭކަމަށެވެ.

ލޭނު އަޅައިގެން ބޮޑުކަންނެލީގެ މަސްވެރިކަން ކުރުމުގެ ހުއްދަ 2012 ވަނަ އަހަރު ރާއްޖެއަށް ތަޢާރަފްކުރިނަމަވެސް މިބާވަތުގެ މަސްވެރިކަމުގައި ހަރަކާތްތެރިވާ ދިވެހި މަސްވެރިން ވަރަށް މަދެވެ. ރާއްޖޭގައި ކުރަމުން އަންނަ މަސްވެރިކަމުގެ ބާވަތްތަކާއި ޚިލާފަށް ލޭނު މަސްވެރިކަމަކީ ބިދޭސީންނަށް މަސްވެރިކަން ކުރުމުގެ ހުއްދަ އޮންނަ ހަމައެކަނި މަސްވެރިކަމެވެ. މިސަބަބާ ހެދި ލޭނު މަސްވެރިކަމުން ބިދޭސީން ނުހައްޤުން ފައިދާ ހޯދަމުންދާކަމަށް ގިނަ ފަރާތްތަކުން ތުހުމަތުކުރެއެވެ.

މި ކަންތައްތަކަށް ބެލުމަށްފަހު މިދިޔަ އަހަރު ސަރުކާރުން ވަނީ ލޭނު މަސްވެރިކަމަށް ލައިސަންސް ދޫކުރުން ހުއްޓާލާފައެވެ. އަދި ސަރުކާރުގެ އަމާޒަކީ ލޭނު މަސްވެރިކަމަށް ދިވެހިން ތަމްރީނުކޮށް މި މަސްވެރިކަމުގައި ދިވެހިން ކުރިއެރުވުމެވެ.