ކޯވިޑް19، ވައިރަސްއާ ގުޅޭގޮތުން ދިވެހި ސަރުކާރުން ރައްޔިތުންނަށް އޮޅުވާލައި ދޮގުހަނދާނެ އެއްވެސް ކަމެއްނެތްކަމަށާ، ތެދު މަޢުލޫމާތު ސަރުކާރުން ރައްޔިތުންނަށް ވަގުތުންވަގުތަށް ހާމަކުރަމުންދާނެކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިބް ރައީސް އީވާ ޢަބްދުﷲ ވިދާޅުވެއްޖެއެވެ.
ކޯވިޑް19އާ ގުޅޭގޮތުން ހުށަހަޅާފައިވާ މައްސަލާގައި ވާހަކަފުޅުދައްކަވަމުން ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ ޢަބްދުﷲ ވިދާޅުވީ މިބައްޔަކީ ހަލުވިކަމާއެކު ފެތުރެމުންދާ ބައްޔަކަށްވާއިރު މިބައްޔާ ގުޅޭގޮތުން ދޮގުމައުލޫމާތުވެސް ފަތުރަމުންދާކަމަށެވެ. ނަމަވެސް ސަރުކާރުން މިކަމުގައި އެއްވެސް ފޮރުވުމެއް ނުގެން ގުޅުއްވާނެކަމަށް އީވާ ވިދާޅުވިއެވެ.
ފާއިތުވެދިޔަ މާޒީގައި ކަންކަން ހިނގާފައިވާގޮތުން ނިމިދިޔަ ސަރުކާރުތަކުން ރައްޔިތުންނަށް އޮޅުވާލައި ދޮގުހަދާފަދައިން މިސަރުކާރުންވެސް އެހެން އެކަންކޮށްފާނެކަމަށް އިދިކޮޅު ފަރާތްތަކުން ދެކޭކަމަށް އިވާ ވިދާޅުވިއެވެ. ނަމަވެސް މިހާތަނަށްވެސް މިބަކީގެ ނުރައްކާ ރާއްޖެއަށްއޮތް މިންވަރާއި ރައްޖެއިން މިކަމުގައި ސްކްރީންކޮށް ޓެސްޓްކުރި މީހުންނާއި މިކަމާގުޅުންހުރި ހުރިހާ މަޢުލޫމާތެއް ދުވަހުންދުވަހަށް ބަރާބަރަށް ސަރުކާރުން ރައްޔިތުންނާ ޙިއްސާ ކުރަމުންދާކަމަށެވެ.
ކުއްލި މައްސާލާގައި ފާހަގަކޮށްފައިވާ ކާޑުގެ ކަންބޮޑުވުމަށް އިޝާރާތް ކުރައްވަމުން އީވާ ވިދާޅުވީ ކާޑުގެ އެއްވެސް ދަތިކަމެއްވެސް ރާއްޖެއަށް ނެތްކަމަށެވެ. އެސްޓީއޯއަކީ ރާއްޖެއަށް ކާޑުގެ ބާވަތްތައް އެތެރެކުރާ ކުންފުންޏަށްވާއިރު، ކާޑުގެ އެއްވެސް ދައްޗެއް ކުރިއަށް އޮތް ތިން މަހަށްވެސް ނެތްކަން އެކުންފުނީގެ އެމްޑީ ކަށަވަރު ކޮށްދެއްވާފައިވާކަމަށެވެ. އަދި އިތުރު ފަސް މަހަށް ބޭނުންވާ ކާޑުގެ ބާވަތްތައް މިހާރުވެސް ރާއްޖެއަށް ގެނަމުގެ މަސައްކަތް ކުރަމުންދާކަމަށް އެސްޓީއޯގެ އެމްޑީ ވިދާޅުވެފައިވާކަމަށްވެސް އީވާ ވިދާޅުވިއެވެ.
ކޯވިޑް 19 އަކީ ދުނިޔޭގައި ހަލުވިކަމާއިއެކު ފެތުރޭ ބައްޔަކަށްވާއިރު މިކަމުގެ ނުރައްކާތެރިކަން އިންތިހާޔަށް އިތުރުކޮށް ޤައުމުގައި ނެތްކަންތައްތަކެއް ރައްޔިތުންގެ ހިތްތަކަށް ވައްދައި ބިރުވެރިކަން އިތުރުކުރުމަކީ އެއްވެސް ޙާލެއްގައި ކޮށްގެންވާނެ ކަމެއް ނޫންކަމަށް އީވާ ވިދާޅުވިއެވެ. އަދި އެފަދަ މަސައްކަތް ކުރައްވާ ފަރާތްތަކުން އެކަން ކުރައްވަނީ ވަރަށް ޒިންމާދާރުކަން ކުޑަކޮށްކަމުގައި އީވާ ވިދާޅުވިއެވެ.