ޚަބަރު

ޢާއްމުންގެ ފަރާތުން ޖޭއެސްސީއަށް 5 ބޭފުޅެއްގެ ނަން


ޢާންމުންގެ ތެރެއިން ޖުޑީޝަލް ސާރވިސް ކޮމިޝަނަށް ރައްޔިތުންގެ މަޖިލީހުން މީހަކު ކަނޑައެޅުމަށް ހުޅުވާލި ފުރުސަތުގައި ކުރިމަތި ލެއްވި ފަސް ބޭފުޅުންގެ ނަންފުޅުދިރާސާ ކުރެއްވުމަށް ރައްޔިތުންގެ މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީއަށް ފޮނުވައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދުވަނީ މިމަޤާމަށް ކުރިމަތިލެއްވި ފަސް ބޭފުޅުންގެ ނަންފުޅު މަޖިލީހުގެ ތަޅުމަށް އިއްވާފައެވެ.

ޖޭއެސްސީއަށް ކުރިމަތިލެއްވި ފަސް ބޭފުޅުން.

  • އަލްފާޟިލާ އާމިނަތު އުންމު ކޫލްސުމް
  • އަލްފާޟިލް އަލީ މުހައްމަދު މަނިކު
  • އަލްފާޟިލް އާދަމް މިޤްދާދް
  • އަލްފާޟިލް އަހުމަދު މިޒްމާދު
  • އަލްފާޟިލް އަހުމަދު ނަސީރު


ރައްޔިތުންގެ މަޖިލީހުން މީގެކުރިންވެސް ވަނީ ޖުޑީޝަލް ސާވިސް ކޮމިޝަނަށް ޢާންމުންގެ ފަރާތުން ކަނޑައަޅާ މެމްބަރުން ކަނޑައެޅުމުގެ މަސައްކަތް ކުރައްވާފައެވެ. އެގޮތުން އާންމުންގެ ފަރާތުން ކުރިމަތިލެއްވި، އަޙްމަދު ސާވީ އާއި ޙުސައިން އަމްރުގެ ނަން ޖުޑިޝަރީ ކޮމިޓީން ފާސްކޮށް ތަޅުމަށް ފޮނުވި ނަމަވެސް ތަޅުމުން ވަނީ މި ދެނަމަވެސް ރުހުންނުދީ އަނބުރާ ފޮނުވާލާފައެވެ.

ޖޭއެސްސީ އެކުލެވިގެންވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސްއާއި، އުއްތަމަ ފަނޑިޔާރު ފިޔަވާ ސުޕްރީމް ކޯޓުގައި ހިމެނޭ ފަނޑިޔާރުންގެ ތެރެއިން، އެކޯޓުން އިންތިޚާބު ކުރާ ފަނޑިޔާރަކާއި، ދަށުކޯޓުތަކުގެ ފަނޑިޔާރުންގެ ތެރެއިން އެކޯޓުތަކުން އިންތިޚާބު ކުރާ ފަނޑިޔާރަކާއި، ހައިކޯޓުގައި ހިމެނޭ ފަނޑިޔާރުންގެތެރެއިން އެކޯޓުން އިންތިޚާބު ކުރާ ފަނޑިޔާރަކާއި، ޢާންމުންގެ ތެރެއިން ރައްޔިތުންގެ މަޖިލިހުން ކަނޑައަޅާ މީހަކާއި، ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ތެރެއިން އެމަޖިލީހުން ކަނޑައަޅާ މެންބަރަކާއި، ރައީސުލްޖުމްހޫރިއްޔާ ކަންޑައަޅުއްވާ މެންބަރެއްގެ އިތުރުން ސިވިލް ސާވިސް ކޮމިޝަންގެ ރައީސްއާއި، ދައުލަތުގެ ބަންޑާރަ ނައިބެވެ.

ޖޭއެސްސީގައި ނުވަ މެމްބަރުން ތިއްބަވާއިރު މިހާރު ހުސްކޮށް އޮތީ ޢާންމުންގެ ތެރެއިން މަޖިލީހުން ކަނޑައަޅާ މެމްބަރުގެ މަޤާމް އެކަނި.