ޚަބަރު

ޤާނޫނީ ދާއިރާއިން ދަސްވެނިވެފައިވާ 389 ދަރިވަރަކު ގޮތް ހުސްވެ މަޖިލީހަށް ޕެޓިޝަނެއް


ޤާނޫނީ ދާއިރާއިން ދަސްވެނިވެފައިވާ ތިން ސަތޭކަ އަށްޑިހަ ނުވަ ދަރިވަރެއްގެ ކަންބޮޑުވުންތަކާއިއެކު ރައްޔިތުންގެ މަޖިލީހަށް ޕެޓިޝަނެއް ހުށަހަޅައިފިއެވެ.

ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ މި ޕެޓިޝަނާއި ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުގެ އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕްގެ ލީޑަރު އަލީ އާޒިމް ވިދާޅުވީ ޤާނޫނީ ދާއިރާއިން ތައުލީމް ހާސިލްކުރައްވާފައިވާ މިހާ ގިނަ ދަރިވަރުންނަށް ކުރިއަށް ދެވޭނެ ގޮތެއް ނެތިފައި ތިބުމަކީ ކަންބޮޑުވާކަމެއްކަމަށެވެ.
އެކުދިންގެ ކަންބޮޑުވުންތަކާއިއެކު މަޖިލީހަށް ހުށަހަޅާފައިވާ ޕެޓިޝަން މިހާރުވަނީ ރައްޔިތުންގެ މަޖިލީހުގެ ޕެޓިޝަން ކޮމިޓީއާއި ހިއްސާކުރައްވާފައެވެ.

އާޒިމް ވިދާޅުވީ މި ޕެޓިޝަންގައި ޤާނޫނީ ގޮތުން އެކުދިންނަށް ކުރިއަށް ދިއުމުގައި ކުރިމަތިވާ ކަންތައްތައް ފަހަގަކޮށްފައިވާކަމަށެވެ. މައިގަނޑު ހަތް ކަމެއްގެ މައްޗަށް ބިނާކޮށް ހުށަހެޅިފައިވާ ޕެޓިޝަނާއި ގުޅޭގޮތުން ގޮތްތަކެއް ކަނޑައެޅުމަށް މިއަދު ބާއްވާ ޕެޓިޝަން ކޮމިޓީގައި މަޝްވަރާ ކުރެވިގެންދާނެކަމަށް އޭނާ ވިދާޅުވިއެވެ.

ޕެޓިޝަނުގައި ބާކައުންސިލުން އަދާކުރަންޖެހޭ ޒިންމާތަކުގެ ތެރެއިން ބައެއްކަންކަން ފުރިހަމަކޮށްފައި ނުވުމުން ޤާނޫނީ ދާއިރާއިން ދަސްވެނިވެފައިވާ މި ދަރިވަރުންނަށް ކުރިއަށްދެވޭނެ ގޮތްތަކެއްނެތްކަން ޕެޓިޝަންގައިވަނީ ފާހަގަކޮށްފައެވެ. އެގޮތުން ހުވަޔާއި ހަމަޔަށް ދިއުމުގެ ކުރިން ބާކައުންސިލުން ހަދަންޖެހޭ ޓެސްޓެއް މިއަދާއި ހަމަޔަށްވެސް ނެހެދި ލަސްވުމާއި، ޤާނޫނީގޮތުން ބާ ކައުންސިލުން ފުރިހަމަކުރަންޖެހޭ ބައެއްކަންކަން ފުރިހަމަކޮށްފައިނުވާކަން ޕެޓިޝަންގައި ފާހަގަކޮށްފައިވެއެވެ.

މިމައްސަލާގައި އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕްގެ ލީޑަރު ޢަލީ އާޒިމް ވިދާޅުވީ ބާކައުންސިލުން މިކަމުގައި އެބޭފުޅުންގެ ބައެއްކަންބޮޑުވުން ހާމަކުރައްވާފައިވާކަމަށެވެ. އެގޮތުން އެބޭފުޅުންނަށް އިށީންނާނެ ތަނެއް ނެތުންފަދަ ޝަކުވާ ފަދަ ކަންކަން ކޮށްފައިވާކަމަށެވެ. ނަމަވެސް ރައްޔިތުންގެ މަޖިލީހުން ބާ ކައުންސިލަށް ބޭނުންވާ ބަޖެޓް ފާސްކޮށް ފިނޭންސް މިނިސްޓްރީން ބަޖެޓް ދޫކޮށްފައިވާކަމަށްވެސް އާޒިމް ވިދާޅުވިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ޕެޓިޝަން ކޮމިޓީއަށް ހުށަހަޅާފައިވާ މިމައްސަލާގައި ކޮމިޓީން ކުރިއަށް ގެންދާނެ ގޮތެއް ކަނޑައެޅިގެންދާނީ މިއަދު ބާއްވާ އެކޮމިޓީގެ ބައްދަލުވުމުގައިކަމަށް އާޒިމް ވިދާޅުވިއެވެ.