ކޯވިޑް-19އަށް ރައްކާތެރިވުމަށް ކުރަމުންދާ މަސައްކަތް ހަރުދަނާ ކުރުމަށް ރަޢީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުޙައްމަދު ޞާލިޙްގެ އިސްނެންގެވުމާއެކު ހެލްތް ޕްރޮޓެކްޝަން އެޖެންސީ، އެޗްޕީއޭއާއި، ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ ހިމެނޭގޮތަށް ނޭޝަނަލް އެމަޖެންސީ އޮޕަރޭޝަން ސެންޓަރެއް ޤާއިމުކޮށްފިއެވެ.
މި ސެންޓަރަކީ މި ބައްޔާއި މެދު ރާއްޖެއިން އަޅާ ފިޔަވަޅުތަކާއި އަދި ރާއްޖެ އޮތް ހާލަތު ދެނެގަތުމަށް އެކުލަވާލި އޮޕަރޭޝަން ސެންޓަރެކެވެ.
އެހެން ޤައުމުތަކުގައި މި ބަލި ފެތުރެމުން އަންނަ މިންވަރަށް ބަލައި، ރާއްޖެއަށް ބަލި އައުމުގެ ފުރުޞަތު އޮތުމާއިއެކު ސަރުކާރުންދަނީ މުހިންމު ގިނަ ފިޔަވަޅުތަކެއް އަޅަމުންނެވެ. މިހާތަނަށް ދިވެހިރާއްޖެއިން ކޮވިޑް-19 އަށް އެއްވެސް މީހަކު ޕޮޒިޓިވްވެފައި ނުވިނަމަވެސް، ކޮވިޑް-19 އިން ރައްކާތެރިވުމަށްޓަކައި ދިވެހިރާއްޖޭގައި އަޅަމުންދާ ފިޔަވަޅުތައް އިތުރަށް ފުޅާކޮށް، ޤައުމީ ފެންވަރުގައި ދައުލަތުގެ ހުރިހާ އިދާރާތައް ގުޅިގެން މި މަސައްކަތް ކުރިއަށް ގެންދިއުމަށް މިނިސްޓްރީ އޮފް ހެލްތާއި ހެލްތު ޕްރޮޓެކްޝަން އޭޖެންސީ އަދި ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީން ޤައުމީ ފެންވަރުގައި އެކުގައި ބޮޑެތި މަސައްކަތްތަކެއް ކުރުމަށް ވަނީ ނިންމާފައެވެ.
އެގޮތުން ކޮވިޑް-19 އިން ރައްކާތެރިވުމަށްޓަކައި ޚާއްސަކޮށްގެން ބާއްވާ އެމަޖެންސީ ޑްރިލެއް މިއަދު ކުރިއަށްގެންދިއުމަށް ވަނީ ހަމަޖެހިފައެވެ. މިޑްރިލަކީ ގޭބީސީއެއްގައި ކޮވިޑް-19 އަށް މީހަކު ޕޮޒިޓިވް ވެއްޖެ ޙާލަތެއްގައި ކަމާބެހޭ ފަރާތަކުން ކަންކުރާނެ މިސްރާބު ހާމަކޮށްދިނުމާއެކު އެފަދަ ޙާލަތެއްގައި އެންމެ އެކަށޭނަ ފިޔަވަޅުތައް އެޅުމަށްޓަކައި ވެވިފައިވާ ތައްޔާރީތައް ވަރުގަދަކުރުމުގެ ގޮތުން ބާއްވާ ޑްރިލެކެވެ. އެގޮތުން މި ޑްރިލްގެ ތެރެއިން ގޭބިސީއެއްގައި ކޮވިޑް -19 އިތުރަށް ފެތުރުން ހުއްޓުވުމަށް އެޅޭނެ ފިޔަވަޅުތަކާއި ކަރަންޓީނު ކުރާނެގޮތުގެ އިރުޝާދު ދިނުމަށް ވަނީ ހަމަޖެހިފައެވެ.
މީގެ އިތުރުން ކޮވިޑް -19 އިން ރައްކާތެރިވުމުގެ ގޮތުން މާލޭގައި ޓްރެވަލް ކްލިނިކެއް ޤާއިމްކުރުމުގެ މަސައްކަތްވެސް މިހާރު ދަނީ ކުރަމުންނެވެ. މި ކްލިނިކްގެ ބޭނުމަކީ ރާއްޖޭން ބޭރަށް ދަތުރުކޮށްފައި އަންނަ ފަރާތްތައް ކޮވިޑް-19 އަށް އިތުރަށް ސްކްރީން ކުރުމެވެ.
ސަރުކާރުގެ ކަމާބެހޭ ފަރާތްތަކުން ކޮވިޑް-19 އިން ރައްކާތެރިވުމަށްޓަކައި ދުރާލާ ރާވައިގެން ކުރަމުންގެންދާ މަސައްކަތުގެ ތެރެއިން ކަމާގުޅޭ މުއައްސަސާތަކުން ރައްޔިތުންނާ ހަމައަށް ފޯރުކޮށްދެމުންގެންދާ ސައްޙަ މަޢުލޫމާތުގެ އަލީގައި ފަރުދީގޮތުން ކުރެވެންހުރި މުހިއްމު ކަންކަން ފުރިހަމަކުރުމަށް އެޗްޕީއޭއާއި ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީއިން ވަނީ އިލްތިމާސްކުރައްވާފައެވެ. އަދި ސަރުކާރުން ކުރަމުންދާ މި މަސައްކަތުގައި ހުރިހާ ރައްޔިތުންގެ އެއްބާރުލުން ދިނުމަށްވެސް ވަނީ އިލްތިމާސްކުރައްވާފައެވެ.