ސިޔާސީ

ޖަވާބުދާރީވެ ވަޑައިގަންނަވަންޖެހޭނީ ޑރ.ޖަމީލުކަމަށް އަންގައިފި


ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ޑރ. މުހައްމަދު ޖަމީލު އަހުމަދުގެ އިތުބާރު
ނެތްކަމަށް މަޖިލީހަށް ހުށައަޅުއްވާފައިވާ މައްސަލާގައި މަޖިލީހަށް ޖަވާބުދާރީ
ވެވަޑައިގަންނަވަން ޖެހިވަޑައިގަންނަވާނީ އެމަނިކުފާނުކަމަށާއި، ބަދަލުގައި ޤާނޫނީ ވަކީލަކަށް
ޖަވާބުދާރީއެއް ނުވެވޭނެކަމަށް މަޖިލީހުން އަންގައިފިއެވެ. 

ޑރ. ޖަމީލުގެ ފަރާތްޕުޅުން
މަޖިލީހަށް ޖަވާބުދާރީ ވެވަޑައިގަންނަވާނީ ޤާނުނީ ވަކީލު ހުސްނުއްސުއޫދުކަމަށް ޑރ.
ޖަމީލުގެ ފަރާތުން ކުރިން ވަނީ މަޖިލީހަށް އަންގާފައެވެ. ނަމަވެސް މިއަދު މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު މުހައްމަދު
ސޮއިކުރައްވާ ސުއޫދަށް ފޮނުއްވާފައިވާ ސިޓީގައި ވިދާޅުވެފައިވަނީ މަޖިލީހަށް
ޖަވާބުދާރީވެ ވަޑައިގަންނަވަން ޖެހިވަޑައިގަންނަވާނީ ރައީސުލްޖުމްހޫރިއްޔާގެ ނާއިބުކަމަށް ޤާނުނު
އަސާސީގެ 100 ވަނަ މާއްދާގެ "ރ"ގައި އޮޅުން ނާރާވަރަށް ސާފުކޮށް އެނގޭކަމަށެވެ. 

މަޖިލީހުން އެހެން އަންގާފައިވާކަމަށް ހުސްނުއްސުއޫދު ވަނީ ޕީއެސްއެމަށްވެސް
ޔަގީންކޮށްދީފައެވެ. ހުސްނުއްސުއޫދު ވިދާޅުވީ މަޖިލިހުން ފޮނުވާފައިވާ ސިޓީގައި ބުނެފައިވަނީ ޑރ.ޖަމީލު މަޖިލީހަށް ވަޑައިގަންނަވާއިރު ޤާނޫނީ ވަކީލަކަށްވެސް އެމަނިކުފާނާއެކުގައި ވަޑައިގަނެވޭނެކަމަށެވެ. ޑރ. ޖަމީލްގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލިހަށް
ހުށައަޅުއްވާފައިވަނީ މިދިޔަ ޖޫން މަހުގެ 30 ވަނަ ދުވަހުއެވެ.