ޚަބަރު

ފަތުރުވެރިކަމުގެ މަސައްކަތް ކުރިއަށް ނުދާ ތަންތަނުގެ އެއްބަސްވުން އުވާލަނީ


  • މަސައްކަތް ކުރިއަށް ނުދާ 168 ތަނެއް ވަނީ ފާހަގަކުރެވިފައި

  • އައު ޤަވައިދު ދަށުން މަސައްކަތް ކުރިއަށް ގެންދާނެ އިތުރު ފުރުސަތުތައް ދެވޭނެ

ފަތުރުވެރިކަމުގެ ބޭނުމަށް ދޫކޮށްފައިވާ ރަށްރަށާއި، ފަޅުތަކާއި އަދި ބިންތަކުގެ ތެރެއިން، ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތް ނުނިމި ހުރި ތަންތަނާމެދު ޢަމަލުކުރާނެ އުޞޫލުތައް ބަޔާންކުރާ ޤަވާޢިދު ފަތުރުވެރިކަމާއި ބެހޭ ވުޒާރާއިން ޝާޢިއުކޮށްފިއެވެ. މި ޤާވައިދުގެ ދަށުން 8 އަހަރަށް ވުރެ ދިގުމުއްދަތަކަށް އެއްވެސް މަސައްކަތެއް ނުކޮށް ހުރި ތަންތަނުގެ އެއްބަސްވުން އުވާލުމަށް ވަނީ ހިމަނާފައެވެ.

ފަތުރުވެރިކަމުގެ ބޭނުމަށް ތަރައްޤީކުރުމަށް ކުއްޔަށް ދޫކޮށްފައިވާ ތަންތަނުގެ ތެރެއިން، ދިގު މުއްދަތެއް ވެގެންދިޔައިރުވެސް މަސައްކަތް ނުނިމި ހުރި ތަންތަނާމެދު ޢަމަލުކުރާނެ ގޮތުގެ އައު ގަވާއިދެއް ފަތުރުވެރިކަމާއި މަދަނީ އުދުހުންތަކާއި ބެހޭ ވުޒާރާއިން އާންމުކޮށްފައިވާއިރު މިފަދަ ބައެއް ރަށްތަކަކީ 25 އަހަރަށް ވުރެ ދިގު މުއްދަތެއް އޮޕަރޭޝަނަށް ނުގެނެވި ހޭދަވެފައިވާ ރައްތަކަށް ސަރުކާރުން ފާހަގަކުރެއެވެ. ފަތުރުވެރިކަމާ ބެހޭ ވުޒާރާއިން ހާމަކުރައްވާފައިވާ ގޮތުގައި، ފަތުރުވެރިކަމުގެ އެކި ބޭނުންތަކަށް ދޫކޮށްފައިވާ ތަންތަނުގެ ތެރެއިން ތަރައްޤީ ނުކުރެވި ގިނަ ދުވަސްތަކެއް ވެފައިވާ 168 ތަނެއް ވެއެވެ. އަދި މިފަދަ ތަންތަނުން ދައުލަތަށް ލިބެންޖެހޭ ފައިސާގެ ތެރެއިން 537 މިލިއަން އެމެރިކާ ޑޮލަރު މިހާތަނަށް ނުލިބިވާކަން އެ ވުޒާރާއިން ފާހަގަކުރައްވާފައި ވެއެވެ.

މިފަދަ މަޝްރޫޢުތައް ނުނިމި ދިގުލައިގެން ދިއުމަކީ ރައްޔިތުންނަށާއި ދައުލަތަށް އޭގެ ނޭދެވޭ އަސަރު ވަރަށް ބޮޑަށް ކުރާ ކަމެކެވެ. އެގޮތުން، ދައުލަތަށް ލިބެންޖެހޭ ޓީ.ޖީ.އެސް.ޓީ އާއި، ގްރީން ޓެކްސް އާއި، އެއާޕޯޓް ޓެކްސް ފަދަ ޓެކްސްތައް ނުލިބުމާއި، އަދި މީގެ ސަބަބުން ރައްޔިތުންނަށް ފަހިވާންޖެހޭ ވަޒީފާގެ ފުރުޞަތުތައް ހަނިވެގެންދެއެވެ. ދައުލަތުގެ މިފަދަ އަގުހުރި ވަސީލަތްތައް އެކަށީގެންވާ ގޮތެއްގައި ބޭނުންނުކުރެވި، ދިގު މުއްދަތަކަށް ވަކި ފަރާތްތަކެއްގެ ބާރުގެ ދަށުގައި ހުރުމަކީ، ޤައުމުގެ އިޤްތިޞާދީ ކުރިއެރުމާއި ތަރައްޤީއަށް އެޅޭ ބޮޑު ހުރަހެކެވެ.

މި މައްސަލަތަކަށް ޙައްލެއް ހޯދުމުގެ ގޮތުން އެކުލަވާލައި ޢާންމުކުރި މި ގަވާއިދުގެ ދަށުން، ކޮންސްޓްރަކްޝަން މުއްދަތު އިތުރުކޮށްދިނުމާއި، އަލުން ތަރައްޤީކުރުމަށް (ރީ-ޑިވެލޮޕްމަންޓަށް) ތަން ބަންދުކޮށް މުއްދަތު ދިނުމުގެ އިތުރުން، ކުލި ފަސްކުރުމާއި ފަސްކުރެވޭ ކުލި އަލުން ދެއްކުމާ ގުޅޭ ހަރުދަނާ އުޞޫލުތަކެއް ވަނީ ކަނޑައަޅާފައެވެ. އަދި ހަމައެއާއެކު، ތަރައްޤީނުކޮށް ގިނަ ދުވަސް ވެފައިވާ ތަންތަނާމެދު ޢަމަލުކުރާނެ ޚާއްޞަ އިޖުރާއާތުތަކެއްވެސް މި ގަވާއިދުގައި ވަނީ ބަޔާންކޮށްފައެވެ.

ފަތުވެރިކަމާއި ބެހޭ ވުޒާރާއިން ވިދާޅުވީ ފާހަގަ ކުރާ ގޮތުގައި މި އައު ގަވާއިދަށް ޢަމަލުކުރަން ފެށުމާއެކު، ކަނޑައެޅިފައިވާ އުސޫލުގެ ދަށުން ބައެއް ތަންތަން ޓަރމިނޭޓު ކުރެވުމާއި ހުއްޓިފައިވާ ބައެއް މަޝްރޫޢުތަކުގެ މަސައްކަތްތައް އަލުން ފެށި، އެ ތަންތަން ވީ އެންމެ އަވަހަކަށް އޮޕަރޭޝަނަށް ގެނެވޭނެ ކަމަށެވެ. މީގެ ސަބަބުން، ދައުލަތަށް ގެއްލެމުންދާ ޢާމްދަނީ އަނބުރާ ލިބެން ފެށުމުގެ އިތުރުން، އެތައް ރައްޔިތުންނަކަށް ވަޒީފާގެ އައު ފުރުޞަތުތައް ފަހިވެ، ދިވެހިރާއްޖޭގެ އިޤްތިޞާދަށް އިތުރު ދިރުމަކާއި ކުރިއެރުމެއް ލިބިގެންދާނެ ކަމަށް އެ ވުޒާރާއިން ދެކެއެވެ.