ޚަބަރު

ޕީއެސްއެމްއާއި ޖަވާބު އެކަޑަމީއާ ދެމެދު އެއްބަސްވުމެއް


  • މިއީ އޭއައިގެ އެހީގައި ދިވެހި ބަސް ކުރިއަރުވަން ވެފައިވާ އެއްބަސްވުމެއް

  • ކުރީގެ އަޑުތައް ދިރުވާ އާލާކުރަން މަސައްކަތް ކުރާނެ

  • ލިޔުމުން އަޑަށް ބަދަލުކުރުމުގެ ޚިދުމަތް ފުޅާކުރާނެ

އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ޓެކްނޮލޮޖީ ބޭނުންކޮށްގެން ދިވެހި ބަސް ކުރިއަރުވައި، ރާއްޖޭގައި މަޤުބޫލު އަޑުތައް ޑިޖިޓަލްކޮށް އާންމުންނާ ހަމައަށް ގެނެސްދިނުމަށް ޕަބްލިކް ސާވިސް މީޑިއާ، ޕީއެސްއެމްއާއި ޖަވާބު އެކަޑަމީއާ ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

މި އެއްބަސްވުމުގައި ޕީއެސްއެމްގެ ފަރާތުން ސޮއިކުރެއްވީ، ޕީއެސްއެމްގެ މެނޭޖިންގ ޑިރެކްޓަރ އަޙްމަދު ޝަކީބެވެ. ޖަވާބު އެކަޑަމީގެ ފަރާތުން ސޮއިކުރެއްވީ، އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ އަދި ސީއީއޯ މުޙައްމަދު ޖައިލަމްއެވެ.

ޖަވާބު ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ އަދި ސީއީއޯ މުހައްމަދު ޖައިލަމް ވިދާޅުވީ، ޖަވާބު ކުންފުންޏަކީ ޓެކްނޮލޮޖީގެ ކަންކަން ހަމައެކަނި ކޮންސެޕްޓެއްގެ ގޮތުގައި ނުބަހައްޓައި، އާންމު ރައްޔިތުންނަށް ބޭނުންކުރެވޭނެ ފަދަ ޕްލެޓްފޯމްތައް ގާއިމްކޮށްދޭ ކުންފުންޏެއް ކަމަށެވެ. އެގޮތުން "ދިވެހި ޖީޕީޓީ" ޕްލެޓްފޯމް މެދުވެރިކޮށް ތައާރަފްކުރި ޓެކްސްޓް-ޓު-ސްޕީޗު (ލިޔުން އަޑަށް ބަދަލުކުރުމުގެ) ޚިދުމަތުގެ ތެރެއިން ޕީއެސްއެމްއާ ގުޅިގެން އިތުރު މަޤުބޫލު އަޑުތަކެއް ތައާރަފުކުރަން ނިންމާފައިވާ ކަމަށް ވިދާޅުވިއެވެ.

ޖައިލަމް ފާހަގަކުރެއްވި ގޮތުގައި، އާންމުންނަށް ވަރަށް މަޤުބޫލު އަޑުތަކެއް ކަމަށްވާ "ހާމާން"ގެ އަޑާއި، "ސިޔަރަތު"ގެ އަޑުގެ އިތުރުންވެސް އެކި އަޑުތައް ކުރިއަށް އޮތްތަނުގައި އޭއައި މެދުވެރިކޮށް ތައާރަފްކުރެވޭނެއެވެ. މިއީ، އިޝްތިހާރުތަކާއި ނެރޭޝަން ފަދަ ތަކެތި އުފެއްދުމުގައި އޭއައި ޓެކްނޮލޮޖީ ބޭނުން ކޮށްގެން ދިވެހި ބަހަށް ދިރުން ގެނައުމަށް ކުރާ މުހިންމު މަސައްކަތެކެވެ.

"އަޅުގަނޑުމެން ކުރިން ވިސްނާފައި އޮންނާނެކަމެއް ނޫން ކަންނޭނގެ އަޅުގަނޑުމެން ބޭނުން ދެތިން ބަސްކޮޅެއް، އިޝްތިހާރު ކޮޅެއް ނޫނީ އަޅުގަނޑުމެންގެ ނެރޭޝަންއެއް އެ އަޑުތަކުން އަޅުގަނޑުމެންނަށް އުފައްދާލެވޭނެ ކަމެއް. އެކަމަކު ރާއްޖެ ތެރެއަށް މިހާރު އާޓިފިޝަލް އިންޓެލިޖެންސްގެ ޓެކްނޮލޮޖީއާއެކު ވަރަށް ފަސޭހަކަމާއެކު އަޅުގަނޑުމެންނަށް މިކަން ކުރެވޭނެ މަގުފަހިވެގެން މިދަނީ. އެހެންވީމަ، މި ޑިޖިޓަލް ޒަމާނަށް އަޅުގަނޑުމެންނަށް މިއަޑުތަކަށް އަނެއްކާވެސް ދިރުން ގެނެވޭ ކަހަލަ." ޖަވާބު ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ އަދި ސީއީއޯ މުހައްމަދު ޖައިލަމް ވިދާޅުވިއެވެ.

ޕީއެސްއެމްގެ މެނޭޖިންގ ޑިރެކްޓަރ އަޙްމަދު ޝަކީބު ވިދާޅުވީ، މި އެއްބަސްވުމުގެ ސަބަބުން ޕީއެސްއެމްގެ އާކައިވްގައި ހުރި އިންޓެލެކްޗުއަލް ޕްރޮޕަޓީ ނުވަތަ ފަންނާނުންގެ އަގުހުރި މަސައްކަތްތަކަށް އައު ދިރުމެއް ލިބިގެންދާނެ ކަމަށެވެ. އެގޮތުން ހާމާންގެ އަޑަށް މަޝްހޫރުވި އިއްބެގެ އަޑާއި، މަރްޙޫމް ތައުފީޤުގެ ސިޔަރަތުގެ އަޑު އަދި "ސަޅިބައިސާ" ޕްރޮގްރާމުގެ ނިމާލުގެ އަޑު ފަދަ ގިނަ ބައެއްގެ މެދުގައި މަޤުބޫލު އަޑުތައް އާންމުންނާ ހަމައަށް އަލުން ގެނެސްދެވޭނެއެވެ.

އަދި މި މަސައްކަތުގެ ސަބަބުން ކުރީގެ ފަންނާނުންގެ ޒިކުރާ އައު ކުރެވި، ދެ ފަރާތަށްވެސް ބޮޑެތި ފައިދާތަކެއް ކުރާނެ ކަމަށް އެމްޑީ ވިދާޅުވިއެވެ. މީގެއިތުރުން ޖަވާބު އެކަޑަމީގެ ޓެކްނޮލޮޖީގެ މޮޅު މަސައްކަތްތަކާއެކު ކުރިއަށް ދިއުމަށް ފުރުސަތުތަކެއް ހުޅުވިގެންދާނެ ކަންވެސް ފާހަގަކުރެއްވިއެވެ.

"ޖަވާބު އެކަޑަމީއާ ޕީއެސްއެމްއާ އެކީގައި މި ކުރެވޭ މަސައްކަތުން އަޅުގަނޑުމެން ދެ ފަރާތަށްވެސް އޭގެ މަންފާކުރާނިވި، ނަފާކުރަނިވި ގޮތަކަށް ދެންމެ މިދެންނެވިހެން މި ބޭފުޅުން ޒިކުރާވެސް އައުކޮށް، އަޅުގަނޑުމެންގެ މަސައްކަތްތައް އިތުރަށް ތަރައްޤީކޮށް ފުޅާކުރުން، އަޅުގަނޑު ހިތުން އެއީ ޕީއެސްއެމް އެކަންޏެއްނޫން. ޕީއެސްއެމްއާ އެކީ ޖަވާބު އެކަޑަމީއަށްވެސް ލިބޭ ވަރަށް ރަނގަޅު ފުރުސަތަކަށްވާނެ." ޕީއެސްއެމްގެ މެނޭޖިންގ ޑިރެކްޓަރ އަޙްމަދު ޝަކީބު ވިދާޅުވިއެވެ.

ޖަވާބު އެކަޑަމީއަކީ، އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) އަދި ޒަމާނީ ޓެކްނޮލޮޖީ ބޭނުންކޮށްގެން ދިވެހި ބަސް ޑިޖިޓަލްކޮށް ކުރިއަރުވައި، އީޖާދީ ޕްލެޓްފޯމްތައް މެދުވެރިކޮށް އާންމުންނަށް ބޭނުންކުރެވޭނެ އަމަލީ ޚިދުމަތްތައް ފޯރުކޮށްދޭ ކުންފުންޏެކެވެ. އެހެންކަމުން، ޕީއެސްއެމްއާއެކު ޖަވާބު އެކަޑަމީން ވި މި އެއްބަސްވުމުގެ ސަބަބުން ކުރީގެ ފަންނާނުންގެ ޒިކުރާ އައު ކުރެވި، ލިޔުމުން އަޑަށް ބަދަލުކުރުމުގެ ޚިދުމަތް އިތުރަށް ފުޅާވެގެން ދާނެއެވެ. އަދި މިފަދަ ޑިޖިޓަލް ޒަމާނެއްގައި ދިވެހި ބަހަށް އައު ދިރުމެއް ލިބިގެންދާނެއެވެ.