ޚަބަރު

އައްޑޫ ސިޓީ ހުޅުދޫގެ ބަނދަރު ހެދުމުގެ މަސައްކަތް ކުރުމަށް އެމްޓީސީސީއާ ހަވާލުކޮށްފި


އައްޑޫ ސިޓީ ހުޅުދޫގެ ބަނދަރު ހެދުމުގެ މަސައްކަތް ކުރުމަށް އެމްޓީސީސީއާ ހަވާލުކޮށްފިއެވެ.

ޕްލޭނިން މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި މި އެއްބަސްވުމުގައި މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިން އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން ސޮއިކުރެއްވީ ޕާމަނަންޓް ސެކްރެޓަރީ ޒީނިޔާ އަހުމަދު ހަމީދެވެ. އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ ސީއީއޯ އާދަމް އާޒިމްއެވެ. އަދި މިމަޝްރޫޢުގެ މަސައްކަތް އެކުންފުންޏާ ހަވާލުކޮށްފައިވަނީ އެއްއަހަރާއި ދިހަ ދުވަހުގެ ތެރޭ ނިންމާގޮތަށެވެ. މިމަޝްރޫޢަށް 65 މިލިޔަން ރުފިޔާ ޚަރަދުވާއިރު މިއީ މިސަރުކާރުން ކުރިއަށް ގެންދާ ބަނދަރު ހެދުމުގެ 50 ވަނަ މަޝްރޫޢެވެ.

މި މަޝްރޫޢުގެ ދަށުން ބޮޑުހިލައިގެ 114 މީޓަރުގެ ނެރު ފައިކައްޓެއް ހުޅުދޫ ބަނދަރުގައި ހަދަން ނިންމާފައިވެއެވެ. އަދި 742 މީޓަރުގެ އެއްގަމު ތޮއްޓަކާއި 624 މީޓަރުގެ ރިވެޓްމެންޓެއް ހަދަން ޖެހެއެވެ.

ސަރުކާރުން ކުރިއަށްގެންދާ ބަނދަރު ހެދުމުގެ މަޝްރޫޢުގެ ތަފާސް ހިސާބަށް ބަލާއިރު 20 މަޝްރޫޢެއް މިހާރު ހިނގަމުންދެއެވެ. އަދި މިހާތަނަށް 4 ރަށެއްގެ ބަނދަރު ހެދުމުގެ މަސައްކަތް ވަނީ ނިންމާލާފައެވެ. މީގެ ތެރޭގައި ހިމެނެނީ ނ.މަގޫދޫ ބަނދަރުގެ މެއިންޓަނަންސް ޑްރެޖިންގެ މަސައްކަތާއި ވ.ކެޔޮދޫގެ ބަނދަރުގެ އިތުރުން މ.ނާލާފުށި އަދި ތ.މަޑިފުށި ބޭރުތޮށީގެ މަސައްކަތެވެ. މީގެ އިތުރުން 26 ރަށެއްގެ ބަނދަރު ހެދުމުގެ މަސައްކަތް ކުރުމަށް މިހާރުވަނީ އެވޯޑްކޮށްފައެވެ.