ޚަބަރު

ޒުވާނުންނާއި ގުޅުން ހުރި ހަރަކާތްތައް ކުރިއަށް ގެންދާނެ ގޮތުގެ މަގުޗާޓެއް އެކުލަވާލުމުގެ މަސައްކަތް ފަށައިފި


އަތޮޅުތަކާއި މާލޭގައި ޒުވާނުންނާ ގުޅުން ހުރި ހަރަކާތްތައް ކުރިއަށް ގެންދާނެ ގޮތުގެ މަގުޗާޓެއް އެކުލަވާލުމުގެ މަސައްކަތް މިނިސްޓްރީ އޮފް ޔޫތު،ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓުން ފަށައިފިއެވެ.

ރާއްޖޭގައި ޒުވާނުންނާ ގުޅުން ހުރި ހަރަކާތްތައް ކުރިއަށްގެންދިޔުމާއި ހަރަކާތްތައް ރާވައި ހިންގުމުގައި ކަމާ ގުޅޭ އިދާރާތަކާ މަޝްވަރާކޮށް އެކަންކަން ކުރިއަށްގެންދާނެ ގޮތުގެ މަގުޗާޓެއް އެކުލަވާލުމަށް ވަނީ ޔޫތް ސްޓޭކް ހޯލްޑާސް ފޯރަމެއް ފަށާފައެވެ. އެއްދުވަހުގެ މުއްދަތަށް ކުރިއަށްގެންދާ މި ފޯރަމްގައި ސަރުކާރުގެ 30 އިދާރާއަކުން ބައިވެރިވެއެވެ.

މި ފޯރަމް ފައްޓަވާދެއަވާ ޔޫތް މިނިސްޓަރ އަޙްމަދު މަޚުލޫފް ވަނީ ޒުވާނުންނަށް އަމާޒުކޮށްގެން ގިނަ ހަރަކާތްތަކެއް ކުރިއަށްގެންދަން ޖެހޭކަން ފާހަގަކުރައްވާފައެވެ.އަދި ޒުވާނުންނަށް ޚައްސަކޯށްގެން ކުރިއަށްގެންދާ ހަރަކާތްތަކުގައިވެސް ރަނގަލޫ ކުރަންޖެހޭ ގިނަ ކަންތަތއްތައް އެބަހުރި ކަމަށާއި މިއީ ހަމައެކަނި ސަރުކާރަށް ކުރެވޭނެ މަސައްކަތެއް ނޫންކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

"ހައްލު ހޯދުމުގައި އަޅުގަނޑުމެންނަކީ ވަރަށް ބޮޑު ދަޢުރެއް އަދާކުރެވޭނެ ފުރުޞަތު އެބައޮތް. މިހަރު ޒުވާނުންނަށް ދިމާވެފައިވާ މައްސަލަތައް ހައްލުކުރުމަށް މި ފޯރަމްއަކީ މުހިއްމު ފޯރަމެއް." މިނިސްޓަރ އޮފް ޔޫތު،ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓު އަޙްމަދު މަޚުލޫފް ވިދާޅުވިއެވެ.

ޔޫތް ސްޓޭކް ހޯލްޑަރ ފޯރަމަކީ ސަރުކާރުން އެކުލަވާލާފައިވާ ސްޓްރެޓެޖިކް އެކްޝަން ޕްލޭންގައިވާ ޒުވާނުންނާ ގުޅުން ހުރި ހަރަކާތްތައް ކުރިއަށް ގެންދިޔުމަށް ކަމާއި ގުޅޭ ފަރާތްތަކާއެކު މަޝްވަރާކުރުމަށް ކުރިއަށްގެންދާ ފޯރަމެކެވެ.

ފޯރަމްއާ ގުޅޭގޮތުން ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމުން ޔޫތް މިނިސްޓްރީގެ ސީނިއަރ ޕޮލިސީ ޑިރެކްޓަރ އަޙްމަދު އިރާޝް ވިދާޅުވީ މި ފޯރަމްގައި ސްޓްރެޓެޖިކް އެކްޝަން ޕްލޭންގައި ޔޫތް މިނިސްޓްރީގެ ދަށުން ޒުވާނުންނަށް ޚާއްސަކޮށްގެން ކަނޑައަޅާފައިވާ 4 ދާއިރާއަކާއި ގުޅޭގޮތުން މަޝްވަރާކުރާނެ ކަމަށެވެ. އޭނާ ވަނީ މިހާރުވެސް އެކި ވުޒާރާތަކާއި ގުޅިގެން ޒުވާނުންނަށް ޚާއްސަކޮށްގެން އަތޮޅުތަކުގައި ހަރަކާތްތައް ކުރިއަށް ގެންދާކަން ފާހަގަކުރައްވާފައެވެ. އަދި މި ހަރަކާތްތަކަކީ މުޖުތަމަޢުގައި ޒުވާނުންނަކީ ޒިންމާދާރު ބަޔަކަށް ހެދުމަށްޓަކައި ކުރިއަށްގެންދާ ހަރަކާތްތައެއްކަން އޭނާ ފާހާގަކުރެއްވިއެވެ.

" މީގެ ކުރިންވެސް ވާނެ މިފަދަ ބައްދަލުވުންތަކެއް ބާއްވާފަ. އެހެންނަމަވެސް އެރު މި ބައްދަލުވުންތައް ބޭއްވި ވަކި ވަކީ ވުޒާރާތަކާއެކު ވަކިވަކިން. މި ފޯރަމްގައި ޒުވާނުންގެ ބައިވެރިވުމާ ގުޅުން ހުރި ގިނަ ކަންތައްތަކެއް ނިންމާނެ" ޔޫތް މިނިސްތްރީގެ ސީނިއަރ ޕޮލިސީ ޑިރެކްޓަރ އަޙްމަދު އިރާޝް ވިދާޅުވިއެވެ.

މި ފޯރަމްގައި ޒުވާނުން އެކި ކަންތައްތަކުގައި ބައިވެރިކުރުމުގައި ޖަމިއްޔާތަކާއި ވުޒާރާތަކުން ކުރިއަށްގެންދާ ހަރަކާތްތަކަގައި ޒުވާނުންގެ ދައުރު އިތުރުކުރުމަށްޓަކައި މަޝްވަރާކުރާނެއެވެ. އަދި ޒުވާނުންގެ ދުޅަހެޔޮކަމާއި ސިއްޙާތާ ގުޅެގޮތުން މަޝްވަރާކުރުމާއި ޒުވާނުން ބާރުވެރިކުރުމަށްޓަކައި ކުރެވުދާނެކަންކަމާ ގުޅެގޮތުން މަޝްވަރާކުރާނެއެވެ. އަދި ޒުވާނުންނަށް ދިމާވެފައިވާ އިޖްތިމާޢީ މައްސަލަތަކާގުޅޭގޮތުންނާ މިކަން ހައްލުކުރުމަށްޓަކި ކުރެވިދާނެ ކަންކަމާ ގުޅެގޮތުން މަޝްވަރާކުރާނެކަމަށް ޔޫތް މިނިސްޓްރީން މަޢުލޫމާތުދެއްވައެވެ. ޔޫތް މިނިސްޓްރީން ވިދާޅުވީ މި ފޯރަމްގެ އިތުރުން ރާއްޖޭގައި ހަރަކާތްތެރިވާ ޖަމިއްޔާތަކާއި އެކުވެސް ފޯރަމެއް ކުރިއަށްގެންދިޔުމަށް ނިންމާފައިވާކަމަށެވެ.