ޚަބަރު

ޒުވާނުންގެ ފުރިހަމަ ހުނަރު ޤައުމު ހިންގުމުގައި ބޭނުންކުރަންޖެހޭ - ސްޓޭޓް މިނިސްޓަރ މާހިރު


ޒުވާނުންގެ ފުރިހަމަ ހުނަރު ޤައުމު ހިންގުމުގައި ބޭނުންކުރުމަށް މިނިސްޓަރ އޮފް ސްޓޭޓް ފޮރ ހޯމްއެފެއާޒް މުޙައްމަދު މާހިރު ޢީސާ ގޮވާލައްވައިފިއެވެ.

ސްޓޭޓް މިނިސްޓަރ މާހިރު ވަނީ ޒުވާނުންގެ ހުނަރު ތަރައްޤީކުރުމަށް ހޯމް މިނިސްޓްރީއިން މުހިންމު ޕްލޭންތަކެއް ހުރިކަން ފާހަގަކުރައްވާފައެވެ.

ނ. ވެލިދޫގައި ބޭއްވި މިއަހަރުގެ ފުރަތަމަ ޒުވާން ލީޑަރުންގެ ފޯރަމް ނިންމުގެ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވާ ވާހަކަފުޅުދައްކަވަމުން މިނިސްޓަރ އޮފް ސްޓޭޓް ފޮރ ހޯމްއެފެއާޒް މުޙައްމަދު މާހިރު ޢީސާ ވަނީ، ދިވެހިންނަކީ ހުނަރުން ފުރިގެންވާ ތޫނު ފިލި ބައެއްކަން ފާހަގަކުރައްވާފައެވެ. ޒުވާނުންނަކީ ޤައުމު ހިންގުމުގެ މުގުލުގައި ތިބި ފަރާތްތައްކަން ފާހަގަކުރައްވާ ސްޓޭޓް މިނިސްޓަރ މާހިރު ވަނީ ހޯމް މިނިސްޓްރީއިން ޒުވާނުން ބިނާކުރުމަށް މުހިންމު މަސައްކަތްތަކެއް ކުރަން ނިންމާފައިވާކަން ހާމަކުރައްވާފައެވެ. އެގޮތުން ދިވެހި ޒުވާނުންނަކީ ކެރޭ ޤައުމަށް ބޭނުންޖެހޭ ކޮންމެ ވަގުތެއްގައިމެ ކުރީ ސަފަށް ނިކުންނަށް ކެރޭ ބަޔަކަށް ހަައްދަވާނެކަމަށް ވިދާޅުވެފައެވެ. ވެލިދޫގައި ބޭއްވި ޒުވާނުންގެ ފޯރަމުން އެކަނިވެސް ޒުވާނުންގެ ހުނަރު ވަޒަންކުރެވިގެން ގޮސްފައިވާކަމަށް ސްޓޭޓް މިނިސްޓަރ ވިދާޅުވިއެވެ. ސްޓޭޓް މިނިސްޓަރ ވަނީ ދިވެހި ޒުވާނުންގެ ފުރިހަމަ ހުނަރު ޤައުމު ހިންގުމުގައި ބޭނުންކުރުމަށް ގޮވާލައްވައިފައެވެ.

"އަޅުގަނޑަށް މި ފަހަރުގެ ފޯރަމް އިން ފެނުނީ ހިތް އުފާވާ ފަދަ އުފާވެރި މަންޒަރެއް. ދިވެހި ޒުވާން ލީޑަރުންގެ އުންމީދީ ހުނަރު. އަޅުގަނޑުމެން މިފަދަ ޒުވާނުންނަށް ބިނާކޮށް އެހީވުމުގައި ދެމިހުންނާނަން." ސްޓޭޓް މިނިސްޓަރ މާހިރު ވިދާޅުވިއެވެ.

ޔޫތު ލީޑަރސް ފޯރަމަކީ ދިވެހި ޤާބިލު ޒުވާނުން ބިނާކޮށް، ދިވެހި ޒުވާނުންނަކީ ޤައުމަށް ބޭނުންވާ ކޮންމެ ޙާލަތެއްގައި ޤައުމަށްޓަކައި ނިކުންނަން ކެރޭ ބަޔަކަށް ހެދުމަށް އަހަރުގެ އެކި ދުވަސްވަރަށް ބަހާލައިގެން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކުރިއަށްގެންދާ ސިލްސިލާ ފޯރަމެކެވެ. މިނިސްޓްރީ އޮފް ހޯމް އެފެއާޒްގެ ދަށުން މަސައްކަތްކުރާ، ޔޫތު ލީޑާސް ނެޓްވޯކުން އިންތިޒާމުކޮށްގެން ކުރިއަށްގެންދާ މި ފޯރަމްގައި ނ އަތޮޅުގެ އެކި ރަށްރަށުން 82 ޒުވާނުން ވަނީ ބައިވެރިވެފައެވެ.

މިއަހަރުގެ ފޯރަމްގެ ޝިޢާރަކީ، "ހަރުދަނާ ޒުވާނުން، މުޖުތަމަޢުގެ ކުރިއެރުން" މި ޝިޢާރެވެ. މި ޝިޢާރުގެ ދަށުން ޖުމުލަ 7 ސެޝަނެއް ކުރިއަށްގެންދިއުމަށް ވަނީ ނިންމާފައެވެ. އެގޮތުން މިނިސްޓްރީ އޮފް ހޯމް އެފެއާޒްގެ ލީގަލް ޑިޕާޓްމަންޓާއި، ޖުވެނައިލް ޖަސްޓިސް ޔުނިޓާއި، މޯލްޑިވްސް ޕޮލިސް ސަރވިސް އާއި މިނިސްޓްރީ އޮފް އާޓްސް ކަލްޗަރ އެންޑް ހެރިޓޭޖްގެ ތަޖުރިބާކާރުން މިފަހަރުގެ ފޯރަމްގައި މަޢުލޫމާތު ދިނުމަށް ވަނީ ނިންމާފައެވެ. މިއަހަރުގެ ފޯރަމް ކުރިއަށްދާނީ މިމަހުގެ 27 އިން 29 އަށް ނ އަތޮޅު ތަޢުލީމީ މަރުކަޒު ހޯލްގައެވެ.