ޚަބަރު

ފާނަބަސަންދާއި ރޯގާ ފެތުރެނީ! ، ބަލިމީހުންނަށް ޒިޔާރަތް ކުރުން ރައްކާތެރިއެއްނޫން - އައިޖީއެމްއެޗް


ފާނަބަސަންދާއި އެކި ކަހަލަ ރޯގާތައް ފެތުރެމުންދާތީ ބަލިމީހުންނަށް ޒިޔާރަތްނުކުރުން އެންމެ ރައްކާތެރިނޫންކަމަށް އައިޖީއެމް ހޮސްޕިޓަލުން ވިދާޅުވެއްޖެއެވެ. އެހޮސްޕިޓަލުންވަނީ ބަލިތަކުން ރައްކާތެރިވުމަށް ދުރާލާ ފިޔަވަޅު އެޅުމަށްވެސް އިލްތިމާސްކޮށްފައެވެ.

މިދުވަސްވަރު ރާއްޖެއިން ފާނަބަސަންދާއި އެކި ކަހަލަ ހުމާއި ރޯގާގެ ކޭސްތައް ފެނުން އިތުވަމުން އަންނަކަން ފާހަގަވެފައިވާކަމަށް އައިޖީއެމް ހޮސްޕިޓަލުންވަނީ ވިދާޅުވެފައެވެ. އަދި އައިޖީއެމްއެޗްއިން ވިދާޅުވެފައިވަނީ މިދުވަސްވަރު ތަފާތު ރޯގާތައް ފެތުރެމުން އަންނަ ދުވަސްވަރަކަށްވަތީ ބަލިމީހާގެ ރައްކާތެރިކަމާއި، އަމިއްލަ މީހާގެ ރައްކާތެރިކަމަށް ބަލައި، ޑޮކްޓަރަށް ދެއްކުމަށް މެނުވީ ހޮސްޕިޓަލަށް ނުދިއުމަކީ އެދެވިގެންވާކަމަކަށެވެ. އަދި މިފަދަ ބަލިތައް ޖެހިފައިވާ މީހުންނަށް ޒިޔާރަތް ކުރުމަކީވެސް އެންމެ ރައްކާތެރިގޮތް ނޫންކަމަށް ހޮސްޕިޓަލުންވަނީ ވިދާޅުވެފައެވެ.

ފާނަބަސަންދު ޖެހިފައިވާ މީހަކާއި އެއްގެއެއްގެއެއްގައި ދިރިއުޅޭ މީހެއް ނަމަ، އެމީހާގެ ގައިން ބަލީގެ އަލާމާތެއް ފެންނަން ނެތަސް ބައްޔަށް ހުށައެޅިފައިވާ މީހާގެ ޒަރިއްޔާއިން ބަލި ފެތުރުމުގެ ފުރުސަތު ބޮޑެވެ. ފާނަ ބަސަންދު ޖެހުމުގެ ފުރުސަތު ބޮޑު މީހުންގެ ތެރޭގައި ކުޑަކުދިންނާއި، އުމުރުންދުވަސްވީ މީހުންނާއި، ދިފާޢީ ނިޒާމު ބަލިކަށި ފަރާތްތަކާއި، ރޯގާޖެހި ހުންއައިސް ކިންބިހިއަޅާ ނުވަތަ ކެއްސާ މީހުން ހިމެނެއެވެ. މި މީހުންގެ ތެރޭގައި ކުރިން ފާނަ ބަސަންދު ޖެހިފައިވާ މީހުންނާއި ފާނަބަސަންދަށް ދޭ ވެކްސިން 2 ޑޯޒް ޖަހާފައިވާ މީހުން ނުހިމެނެއެވެ.

ޢާއްމުކޮށް ފެތުރޭ ހުމާއި ރޯގާފަދަ ބަލިތަކުން ރައްކާތެރިވުމަށް އެޅިދާނެ ފިޔަވަޅުތައް

  • ކެއްސައި ކިނބިހި އަޅާއިރު ނޭފަތާއި އަނގަމަތި ނިވާކުރުން
  • ސައިބޯނި ލައިގެން ގިނައިން އަތްދޮވުން ނުވަތަ ސެނެޓައިޒަރ ބޭނުންކުރުން
  • އަތްދޮވެގެން މެނުވީ ލޮލާއި އަންގަ އަދި ނޭފަތުގައި އަތްނުލުން
  • ރޯގާޖެހި ކިނބިހިއަޅާ ނުވަތަ ކެއްސާނަމަ ސިއްޙީ މާހިރެއްގެ ލަފަޔާއި އިރުޝާދާއި އެއްގޮތަށް މާސްކު ބޭނުންކުރުން
  • ބޭނުންކޮށްފައިވާ މާސްކާއި ޓީޝޫފަދަ ތަކެތި ކޮތަޅަކަށްލައި ބަންދުކުރުމަށްފަހު ޑަސްބިނަށްލުން

ބަލިތަކުން ރައްކާތެރިވުމަށް އެޅިދާނެ ފިޔަވަޅުތަކުގެ ތެރޭގައި ބަލިތަކުން ވެކްސިންގގެ ޑޯޒްތައް ހަމަކުރުމަކީވެސް ޚާއްސަ އިސްކަމެއްދީގެން ކުރިއަށްގެންދަންޖެހޭ ކަމެކެވެ. އެގޮތުން އިންފްލުއެންޒާ ވެކްސިން، ފާނަބަސަންދު ވެކްސިން، އަދި ހިމަބިހިން ރައްކާތެރިވުމަށް އެމްއާރް ވެކްސިންގގެ ޑޯޒްތައް ހަމަކުރުމަށްވެސް ސިއްޙީ ޚިދުމަތްދޭ ފަރާތްތަކުން އިލްތިމާސްކުރެއެވެ.