ޚަބަރު

އަންހެނުންނަށް ގޮނޑިތައް ޚާއްސަކުރި މައްސަލަ ސުޕްރީމް ކޯޓުން ބަލައެއްނުގަތް


ރަށު ކައުންސިލްތަކާއި ސިޓީ ކައުންސިލްތަކަށް އިންތިޚާބުކުރާ ކައުންސިލަރުންގެ ތެރެއިން 33 ޕަސެންޓް ގޮނޑިއަށް ހަމަ އެކަނި ކުރިމަތިލެވޭނީ އަންހެނުންނަށް ކަމަށް ކަނޑައަޅާ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނަށް ގެނެސްފައިވާ އިސްލާހް ބާތިލްކުރަން ސުޕްރީމް ކޯޓަށް ހުށައެޅި މައްސަލަ ބަލައިނުގަނެ ބޭރުކޮށްލައިފިއެވެ.

މި މަހުގެ 13 ވަނަ ދުވަހު މި މައްސަލަ ސުޕްރީމް ކޯޓަށް ހުށައެޅުއްވީ ޖުމްހޫރީ ޕާޓީގެ ޒުވާނުންގެ ގޮފީގެ ކުރީގެ ރައީސް މޫސާ އަންވަރުއެވެ. މައްސަލަ ބަލައިގަނެވެން ނެތް ކަމަށް ސުޕްރީމް ކޯޓުގެ ރަޖިސްޓްރާ ނިންމެވިކަން އަންގާ ފޮނުވި ލިޔުމުގައިވާ ގޮތުން އެމައްސަލަ އެކޯޓުން ބަލައިނުގަތީ ޤާނޫނެއް ނުވަތަ ޤާނޫނުން ބައެއް ބާތިލް ޤާނޫނު އަސާސީއާ ތައާރަޒުވާ ކަމަށް ބުނެ ހުށައަޅާ މައްސަލައެއްގެ ފުރަތަމަ މަރުހަލާގައި ހުށައަޅަން ޖެހޭނީ ހައިކޯޓަށް ކަމަށްވާތީ ކަމަށް ބަޔާންކޮށްފައިވެއެވެ.

މި މައްސަލައިގައި ބުނެފައިވަނީ އިންތިޚާބުތަކުގައި ވާދަކުރުމުގެ ހައްގު ޤާނޫނު އަސާސީން ކޮންމެ ޖިންސެއްގެ މީހަކަށްވެސް ލިބިދީފައިވަނިކޮށް ބައެއް ދާއިރާތަކުގެ ގޮނޑިތަކަށް އަންހެނުންނަށް ކުރިމަތިނުލެވޭނެ ގޮތައް ޤާނޫނަށް އިސްލާހެއް ގެނެސްގެން ނިންމުމަކީ ޤާނޫނު އަސާސީއާ ޚިލާފު ނިންމުމެއްކަމަށެވެ.