ޚަބަރު

އިސްލާމީ ރިވެތި އުސޫލުތަކުގެ ދަށުން ތަރުބިއްޔަތުވެ، ޒުވާނުން ކުރީ ސަފަށް ނިކުންނަން ޖެހޭ- ސްޓޭޓް މިނިސްޓަރ މާހިރު


އިސްލާމީ ރިވެތި އުސޫލުތަކުގެ ދަށުން ތަރުބިއްޔަތުވެ ޤައުމުގެ ކުރީ ސަފަށް ނިކުތުމަށް ދިވެހި ޒުވާނުންނަށް މިނިސްޓަރ އޮފް ސްޓޭޓް ފޮރ ހޯމްއެފެއާޒް މުޙައްމަދު މާހިރު ޢީސާ ގޮވާލައްވައިފިއެވެ. ސްޓޭޓް މިނިސްޓަރ ވަނީ ދިވެހިންނަކީ އެންމެ ދަތި ޙާލަތްތަކުގައިވެސް ނުގުޑާ ހިތްވަރަކާއެކު އެ ދަތިކާއި ކުރިމަތިލާ ބަޔަކަށްވާއިރު، މިއަދު ޤައުމަށް ދިމާވެފައިވާ ގޮންޖެހުންތަކުން އަރައިގަތުމުގައި މި ހިތްވަރާއި އަޒުމު ދެއްކުމަށްވެސް ގޮވާލައްވާފައެވެ.

މިއަހަރުގެ ފުރަތަމަ ޒުވާން ލީޑަރުންގެ ފޯރަމް ނ. ވެލިދޫގައި ފައްޓަވައިދެއްވަމުން މިނިސްޓަރ އޮފް ސްޓޭޓް ފޮރ ހޯމްއެފެއާޒް މުޙައްމަދު މާހިރު ޢީސާ ވަނީ، ޒުވާން ލީޑަރެއްގެ ކިބައިގައި ހުންނަން ޖެހޭ އެންމެ މުހިންމު ސިފަތަކުގެ މައްޗައް އަލިއަޅުއްވާލައްވާފައެވެ.

ސްޓޭޓް މިނިސްޓަރ ވިދާޅުވީ މަޑުމައިތިރިކަމާއި އޯގާތެރިކަން އިސްކޮށް މުޖުތަމަޢު ހިންގޭނެ ބަޔަކަށް ޒުވާނުން ވާނެ ޖެހޭކަމަށެވެ. ޢިލްމާއި ޙިލްމަކީ އުމުރަކުން ލިބޭ އެއްޗެއް ނޫންކަން ފާހަގަކުރައްވާ ސްޓޭޓް މިނިސްޓަރ ވަނީ މިއަދު އިސްލާމީ މުޖުތަމަޢަށާއި ދިވެހި ރާއްޖެއަށް ކުރިމަތިވެފައިވާ ދަތިތަކުން އަރައިގަތުމަށް އިސްލާމީ ރިވެތި އުސޫލުތަކުގެ ދަށުން ތަރުބިއްޔަތުވެ ޤައުމުގެ ކުރީ ސަފަށް ނިކުތުމަށް ޒުވާނުންނަށް ގޮވާލައްވާފައެވެ. ކުރިއެރުމަށް ދިމާވާ ގޮންޖެހުންތަކަކީ، އިސްލާމީ އުސޫލުތަކާއި ދުރައްދިއުމުން ކުރިމަތިވާ ގޮންޖެހުންތަކެއްކަންވެސް ސްޓޭޓް މިނިސްޓަރ މާހިރު ފާހަގަކުރެއްވިއެވެ.

"އިސްލާމީ ރިވެތި އުސޫލުތަކުގެ ދަށުން ތަރުބިއްޔަތުވެ ޤައުމުގެ ކުރީ ސަފަށް ޒުވާނުން ނިކުންނަން ޖެހޭ އިސްލާމީ ރިވެތި ސިފަތައް އާލާކުރަން މިއަދު މިވަނީ ޖެހިފައި. މަޑުމައިތިރިކަމާއި އޯގާތެރިކަން އިސްކޮށް މުޖުތަމަޢު ހިންގޭނެ ބަޔަކަށް ޒުވާނުން ވާނެ ޖެހޭ." ސްޓޭޓް މިނިސްޓަރ މާހިރު ފާހަގަކުރެއްވިއެވެ.

ޔޫތު ލީޑަރސް ފޯރަމަކީ ދިވެހި ޤާބިލު ޒުވާނުން ބިނާކޮށް، ދިވެހި ޒުވާނުންނަކީ ޤައުމަށް ބޭނުންވާ ކޮންމެ ޙާލަތެއްގައި ޤައުމަށްޓަކައި ނިކުންނަން ކެރޭ ބަޔަކަށް ހެދުމަށް އަހަރުގެ އެކި ދުވަސްވަރަށް ބަހާލައިގެން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކުރިއަށްގެންދާ ސިލްސިލާ ފޯރަމެކެވެ. މިނިސްޓްރީ އޮފް ހޯމް އެފެއާޒްގެ ދަށުން މަސައްކަތްކުރާ، ޔޫތު ލީޑާސް ނެޓްވޯކުން އިންތިޒާމުކޮށްގެން ކުރިއަށްގެންދާ މި ފޯރަމްގައި ނ އަތޮޅުގެ އެކި ރަށްރަށުން 82 ޒުވާނުން ވަނީ ބައިވެރިވެފައެވެ.

މިއަހަރުގެ ފޯރަމްގެ ޝިޢާރަކީ، "ހަރުދަނާ ޒުވާނުން، މުޖުތަމަޢުގެ ކުރިއެރުން" މި ޝިޢާރެވެ. މި ޝިޢާރުގެ ދަށުން ޖުމުލަ 7 ސެޝަނެއް ކުރިއަށްގެންދިއުމަށް ވަނީ ނިންމާފައެވެ. އެގޮތުން މިނިސްޓްރީ އޮފް ހޯމް އެފެއާޒްގެ ލީގަލް ޑިޕާޓްމަންޓާއި، ޖުވެނައިލް ޖަސްޓިސް ޔުނިޓާއި، މޯލްޑިވްސް ޕޮލިސް ސަރވިސް އާއި މިނިސްޓްރީ އޮފް އާޓްސް ކަލްޗަރ އެންޑް ހެރިޓޭޖްގެ ތަޖުރިބާކާރުން މިފަހަރުގެ ފޯރަމްގައި މަޢުލޫމާތު ދިނުމަށް ވަނީ ނިންމާފައެވެ. މިއަހަރުގެ ފޯރަމް ކުރިއަށްދާނީ މިމަހުގެ 27 އިން 29 އަށް ނ އަތޮޅު ތަޢުލީމީ މަރުކަޒު ހޯލްގައެވެ.