ވިޔަފާރި

ބޮޑު މޮހޮރާ ޖާބިރުގެ ކުންފުންޏަށް ދޭން ޓޫރިޒަމް މިނިސްޓްރީން އެއްބަސްވެއްޖެ


ވ.ބޮޑު މޮހޮރާއާއި ބޮޑު މޮހޮރާ ފަޅު ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެމްބަރު އަދި ވިޔަފާރިވެރިޔާ ޢަބްދުﷲ ޖާބިރުގެ ބޮޑު ޙިއްސާއެއް އޮންނަ މެރިން ޓެކްނޮލޮޖީ މޯލްޑިވްސްއަށް ކުށްޔަށް ދިނުމަށް ޓޫއަރިޒަމް މިނިސްޓްރީން އެއްބަސްވެއްޖެއެވެ.

މިއަދު މިނިސްޓްރީގައި ބޭއްވި ބައްދަލުވުމެއްގައި ޓޫރިޒަމް މިނިސްޓްރީން ވަނީ މެމްބަރު ޢަބްދުﷲ ޖާބިރާއެކު މިކަމުގެ އެއްބަސްވެއްގައި ސޮއިކުރައްވާފައެވެ.
އަބްދުﷲ ޖާބިރު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ 7 އަހަރު ފަހުން ބޮޑުމޮހޮރާއާއި ބޮޑުމޮހޮރާ ފަޅު ލިބުނުކަން ފާހަގަކުރައްވައި ސަރުކާރަށް ޝުކުރުއަދާކުރައްވާފައެވެ.

" ބޮޑުމޮހޮރާގެ މައްސަލައަށް 7 އަހަރު ފަހުން އިންސާފުލިބުނުކަމީ ވަރަށްބޮޑު އުފަލެއް. ރައީސް ޔާމީން ވެރިކަމަށް އެރުވީ އިންސާފު ލިބޭނެކަމަށް އުއްމީދުކޮށްގެން. ވެރިކަމުން ބޭލީ އިންސާފަށް ހުރަސް އެޅުމުން. ރައީސް އިބްރާހިމް މުހައްމަދު ޞާލިޙް ވެރިކަމަށް ވަޑައިގަތީ އިންސާފުހޯދައިދިނުމަށްކަން ސާބިތުކޮށްދެއްވައިފި." ޖާބިރު ވިދާޅުވިއެވެ.

ޖާބިރު ކުރެއްވި ޓްވީޓުގައި މިރަށް ތަރައްޤީކުރުމުގެ ޕްރޮޖެކްޓަށް އެއް ބިލިއަން ޑޮލަރު ޚަރަދުކުރައްވާނެކަމަށް ވިދާޅުވެފައިވެއެވެ. އަދި މިކަމުގެ ޑްރާފްޓް ޕްލޭން ހަދަމުންދާކަމަށްވެސް ޖާބިރު ވިދާޅުވެފައިވެއެވެ.

ވ.ބޮޑު މޮހޮރާއަކީ ހިތްގައިމު ބޮޑު ފަޅުރަށެކެވެ. މެރިން ރިސާޗު ސެންޓަރުގެ އެކިއެކި ބޭނުންކަށާއި ތަޙްލީލުތަކަށް އެރަށް ކުރިނއް ބޭނުންކުރިއެވެ. އޭގެފަހުން ރައީސް މުޙައްމަދު ނަޝީދުގެ ވެރިކަމުގައި 2010ވަނަ އަހަރު އެރަށްވަނީ މެރިން ކަލްޗަރގެ ދާއިރާއިން ތަރައްޤީކުރުމަށް ހުޅުވާލާފައެވެ. އެހެންނަމަވެސް އޭގެފަހުން 2011ވަނަ އަހަރު އެރަށްވަނީ ރިސޯޓް ހަދަަން ސަރުކާރުން އިޢުލާންކުރެއްވި ރަށްރަކުގެ ތެރޭގައި ހިމަނުއްވައިގެން އަލުން އިޢުލާންކުރައްވާފައެވެ.

އޭގެފަހުން 2014ވަނަ އަހަރު ރައިސް ޢަބްދުﷲ ޔާމީންގެ ވެރިކަމުގެ ދުވަސްވަރު ފިނޭންސް މިނިސްޓްރީންވަނީ ޖާބިރަށް މިރަށް ދޭން މަސައްކަތްކޮށްފައެވެ. އެހެންނަމަވެސް އެކަމުގައި ކޮރަޕްޝަނަށް މަގުފަހިވާ ކަންތައްތަކެއް ހިމެނޭކަމުގެ ތުހުމަތުކޮށް އޭސީސީން އެކަން ހުއްޓުވިއެވެ.

މިމައްސަލަ ސިވިލް ކޯޓަށް ހުށަހެޅުމާއެކު އެކޯޓުންވަނީ 2017ވަނަ އަހަރުގެ ފެބްރުއަރީމަހުގެ 16ވަނަ ދުވަހު ޖާބިރާ އެއްކޮޅަށް ޙުކުމްކޮށްފައެވެ. އެކޯޓުން ޙުކުމްކުރީ ޖާބިރުގެ ޙިއްސާ އޮންނަ މެރިން ޓެކްނޮލޮޖީއާ ރަށް ޙަވާލުކުރުމަށެވެ.

އެހެންނަމަވެސް ސުޕްރީމްކޯޓުންވަނީ ސިވިލް ކޯޓުން ކުރި ހުކުމްކުމް ބާޠިލްކޮށް، އެމައްސަލަ ބެއްލެވި ޤާޒީވެސް ޒިންމާތަކުން ދުރުކޮށްފައެވެ.

ޖާބިރު ތުހުމަތުކުރައްވަނީ މިއީ ރައީސް ޔާމީން ސަރުކާރުން ފޭރިގަތް ރަށެއްގެ ގޮތުގައެވެ. މިއަދު ޓުއަރިޒަމް މިނިސްތްރީން ބޮޑުމޮހޮރާ ޙަވާލުކުރީ ޖާބިރުގެ ބޮޑު ޙިއްސާއެއް އޮންނަ މެރިން ޓެކްނޮލޮޖީ މޯލްޑިވްސްއާ 50 އަހަރުދުވަހުގެ މުއްދަކަށެވެ. 36 މަސް ދުވަހުގެ ތެރޭގައި އެތަނުގައި ރިސޯޓް ހަދަންޖެހެއެވެ.