ކުޅިވަރު

މެޗު ނުނިމޭ، ފަހު ހާފަށް ސީރިއަސްވާންޖެހޭ: ގާޑިއޯލާ


ޗެމްޕިއަންސް ލީގުގައި ރޭ ރެއާލް މެޑްރިޑް އަތުން ފަހަތުން އަރައި 2-1އިން މޮޅުވި ނަމަވެސް އަދި މެޗުގެ ފަހު ބައި ކުރިއަށް އެބައޮތް ކަމަށާއި މިހެންވެ ވަރަށް ސީރިއަސްވާންޖެހޭ ކަމަށް މެންޗެސްޓާ ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ބުނެފި އެވެ.

ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލް ކުޅޭނެ ޓީމެއް ޔަގީންކުރަން މި ދެ ޓީމު ކުޅޭ ފަހު މެޗު އޮންނާނީ އަންނަ ހަފުތާގައި ސިޓީގެ ދަނޑުގަ އެވެ.

ގާޑިއޯލާ ބުނީ ރެއާލް މެޑްރިޑުގެ ދަނޑުގައި އެ ޓީމު ބަލިކުރެވުމަކީ ވަރަށް ބޮޑު ކުރިއެރުމަށް ކަމަށާއި ނަމަވެސް މެޗެއް އަނބުރާލެވޭނެ ގާބިލްކަން ރެއާލްއަށް ލިބިފައިވާ ކަމަށެވެ.

"މި މެޗުން އަހަރުމެން މޮޅުވުމަކީ ވަރަށް ބޮޑު ކުރުއެރިއެރުމެއް. ވަރަށް ބޮޑު ހިތްހަމަޖެހުމެއް. އެކަމަކު މި މެޗު އަދި ނުނިމޭ. މެޗުގެ ފަހުބައި އޮތީ ކުރިއަށް. މެޗެއްގެ ނަތީޖާ ބަދަލުކޮށްލުމުގެ ގާބިލްކަން އެމީހުންނަށް ލިބިފައިވޭ. މިހެންވެ އަހަރުމެން ފުރަތަމަ ކަމަކަށް ގަބޫލުކުރަންޖެހޭ އަހަރުމެންނަށް މޮޅުވެވިދާނެކަން،" ބާސެލޯނާގެ ކުރީގެ ކޯޗު ބުންޏެވެ.

މި މެޗަކީ ދުނިޔޭގައި މިވަގުތު ތިބި އެންމެ މޮޅު ކޯޗުންގެ ތެރޭގައި ހިމެނޭ ރެއާލްގެ ކޯޗު ޒައިނުއްދީން ޒިދާނާއި ގާޑިއޯލާގެ ފުރަތަމަ ކުރިމަތިލުމެވެ.

ގާޑިއޯލާ ބުނީ މެޗުގައި އެއް ޓީމު ރަނގަޅަށް ކުޅޭވަގުތު އިދިކޮޅު ޓީމު ސްކޯކުރުމަކީ ފުޓްބޯޅައިގެ އާދައެއް ކަމަށާއި މީގެ ކުރިން ވެސް ސިޓީ މިތަޖުރިބާކުރަންޖެހިފައިވާ ކަމަށެވެ.

މެޗަށް ފަހު ރެއާލްގެ މިޑްފީލްޑަރު ކަސެމީރޯ ބުނީ 75 މިނިޓްވަންދެން ރެއާލް ރަނގަޅަށް ކުޅުނު ކަމަށާއި މެޗު ގެއްލިގެންދިޔައީ ފަހު 15 މިނިޓްގައި ރަނގަޅަށް ނުކުޅެވިގެން ކަމަށެވެ.

މިމި ދެ ޓީމު ސިޓީގެ އިއްތިހާދު ސްޓޭޑިއަމުގައި ކުޅޭ މެޗުގައި ރެއާލްގެ ކެޕްޓަން ސާޖިއޯ ރާމޯސް އަކަށް ނުކުޅެވޭނެ އެވެ. އެއީ އޭނާ އަށް ރޭ ރަތްކާޑެއް ދައްކާފައިވާތީ އެވެ. މެޗުގެ 60 ވަނަ މިނިޓްގައި އިސްކޯ ޖެހި ގޯލަށް ފަހު ސިޓީ މޮޅުކޮށްދިނީ 78 ވަނަ މިނިޓްގައި ގަބްރިއަލް ޖެސޫސް ޖެހި ގޯލާއި 83 ވަނަ މިނިޓްގައި ލިބުނު ޕެނަލްޓީއަކުން ކެވިޑް ޑެބްރޫނޭ ޖެހި ގޯލުންނެވެ.