ޚަބަރު

ދަސްވާރުގެ ބަދަލުގައި "ހޭވައްލާ"


ދަސްވާރު އުވާލުމަށްފަހު އެޑިއުކޭޝަން މިނިސްޓްރީއިން "ހޭވައްލާ"ގެ ނަމުގައި ހުނަރު ދަސްކޮށްދިނުމަށް ޚާއްސަ ޕްރޮގްރާމް ފަށައިފިއެވެ. މިޕްރޮގްރާމް ޚާއްސަކޮށްފައިވަނީ ގްރޭޑް 10 ނިންމާ، ބައިވެރިވެވޭ 4 މަހުގެ ޕްރޮގްރާމެއްގެ ގޮތުގައެވެ.

ހުނަރު ދަސްކޮށްދިނުމަށް އެޑިއުކޭޝަން މިނިސްޓްރީން ފަށާ އައު ޕްރޮގްރާމް "ހޭވައްލާ" އިފްތިތާޙްކޮށްފައި ވަނީ ރ.އުންގޫފާރު ސްކޫލްގައެވެ. މި ޕްރޮގްރާމް އިފްތިތާޙްކޮށްދެއްވީ ރައީސުލް ޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމެވެ.

މި ފެށި ޕްރޮގްރާމަކީ ހުނަރު ދަސްކޮށްދިނުމުގެ ޕްރޮގްރާމް، ސްކޫލުގެ ނިޒާމީ ތަޢުލީމުގެ ބައިގެ ތެރެއިން މާއްދާއެއްގެ ގޮތުގައި އޮތް އޮތުން އުނިނުކޮށް، ކޮންމެ ދަރިވަރަކަށްވެސް ބައިވެރިވެވޭގޮތަށް ފެށި ޢަމަލީ ތަމްރީން ޕްރޮގްރާމެކެވެ. މި ޕްރޮގްރާމްގެ ތަމްރީންތައް ޚާއްސަކޮށްފައިވަނީ ގެރޭޑް 10 ނިންމައި، އޭލެވެލްއަށް ކިޔެވުން ފެށުމާ ދެމެދު ލިބޭ 4 މަސްދުވަހުގެތެރޭގައި ފުރިހަމަކުރެވޭ ޕްރޮގްރާމެއްގެ ގޮތުގައެވެ.

ހޭވައްލާ ޕްރޮގްރާމް އިފްތިތާޙްކުރުމަށް އުނގޫރުފާރު ސްކޫލްގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން އެޑިއުކޭޝަން މިނިސްޓަރ ޑރ.ޢާއިޝަތު ޢަލީ ވިދާޅުވީ މި ޕްރޮގްރާމް ފުރަތަމަ ފަށާނީ ރާއްޖޭގެ 20 ސްކޫލެއްގައިކަމަށެވެ. 20 ސްކޫލަކުން 250 ދަރިވަރުން މި ޕްރޮގްރާމް މެދުވެރިކޮށް ތަމްރީންވާން ފަށާނެއެވެ.

މިނިސްޓަރވަނީ ކޮންމެ ކުއްޖަކީވެސް ކޮންމެވެސް ހުނަރެއް ލިބިފައިވާ ކުއްޖެއްކަމަށާއި، މިފަދަ ހުނަރުތައް ތަރައްޤީކުރުމުގައި ކުދިންނަށް ބޭނުންވާ އެއްބާރުލުން ހުރިހާ ފަރާތްތަކުންވެސް ދޭންޖެހޭކަން ފާހަގަކުރައްވާފައެވެ. މިޕްރޮގްރާމުގައި ޢަމަލީ ހުނަރު އުނގެނެން ބޭނުންވާ ކޮންމެ ކުއްޖަކަށްވެސް ފުރުސަތު ލިބޭނެއެވެ. އަދި މިކަމުގައި ކުއްޖާގެ ތަޢުލީމީ ފެންވަރަށް ނުބަލާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

"ދަސްވާރުން ބުނެދިނީ ހުނަރު ޕްރޮގްރާމް ހިންގަނީ ނުކިޔަވާ ދަށްކުދިންނަށްކަމަށް. ސިޔާސަ ކުދިންނަށްކަމަށް. ނަތީޖާއަކަށްވީ ހަޤީގަތުގައި ހުނަރު ދަސްކުރަން ބޭނުންވި ގިނަ ކުދިންނަށް އެ ފުރުސަތު ނުލިބުން. ހުނަރުވެރިން ލިބުން މަދުވުން." މިނިސްޓަރ ވިދާޅުވިއެވެ.

އުންގޫފާރު ސްކޫލްގެ ޕްރިންސިޕަލް އަޙްމަދު މުޖުތަބާ ވިދާޅުވީ އެސްކޫލަކީ އަމިއްލަ އިސްނެގުމުގެ ދަށުންވެސް ކުދިންނަށް ދިރިއުޅުމުގެ މައިދާނުގެ ހުނަރު ދަސްކޮށްދެމުން އަންނަ ސްކޫލެއްކަމަށެވެ. އެ ސްކޫލްގައި މިހާރުވަނީ މި ތަމްރީން ޕްރޮގްރާމްތައް ހިންގުމަށް ބޭނުންވާ ވަސީލަތްތައްވެސް ޤާއިމުކޮށްފައެވެ.

"ވަޑާންކުރުން، ފެހުން، ކެއްކު، ކަރަންޓު ވައިރުކުރުންފަދަ ކަންކަން ދަސްކޮށްދެވޭނެ. މިއީ ބޮޑެތި ވަސީލަތްތަކާއި ނުލާވެސް ފަސޭހައިން ކުދިންނަށް ދަސްކޮށްދެވޭނެ ކަންކަން." ޕްރިންސިޕަލް ވިދާޅުވިއެވެ.

ޖަލްސާއަށްފަހު ނައިބު ރައީސް ފައިސަލް ނަސީމާއި، އެޑިއުކޭޝަން މިނިސްޓަރ ޑރ.ޢާއިޝަތު ޢަލީވަނީ ހުނަރު ދަސްކޮށްދޭ ކްލާސްތައް ފަރުމާކޮށްފައިވާގޮތް ބައްލަވާލައްވާފައެވެ. އަދި ކުދިން ކޮށްފައިވާ ބައެއް މަސައްކަތްތައްވެސް ބައްލަވާލެއްވިއެވެ.