ހިއުމަން ރައިޓްސް ކޮމިޝަނުން ރ. އުނގޫފާރު ޕޮލިސް ސްޓޭޝަނަށް ޒިޔާރަތެއްކޮށްފިއެވެ.
ހިއުމަން ރައިޓްސް ކޮމިޝަނުން މަޢުލޫމާތު ދޭގޮތުގައި ފެބުރުވަރީ 24 އިން 26 ކުރި މި ޒިޔާރަތަކީ މޮނިޓަރިންގ ޒިޔާރަތެކެވެ.
މި ޒިޔާރަތުގެ މަޤްސަދަކީ ރ. އުނގޫފާރުގައި ހުންނަ ޕޮލިސް ސްޓޭޝަނުގައި ތަޙުޤީޤަށް ބަންދުކުރެވޭ މީހުން ބަންދުގައި ބައިތިއްބާއިރު އެ ފަރާތްތަކާއިދޭތެރޭ އަނިޔާވެރި، ލާއިންސާނީ ނުވަތަ ދަށުދަރަޖައިގެ ޢަމަލެއް ހިނގާތޯބެލުމާއި، ދައުލަތުގެ ބެލުމުގެދަށުގައި ރާއްޖޭގައި ލިބިދީފައިވާ އިންސާނީ ޙައްޤެއް ގެއްލޭފަދަކަމެއް މި ސްޓޭޝަނުގެ ބަންދުގައި ތިބޭ ފަރާތްތަކާމެދު ހިނގާތޯބަލައި، މިނިވަންކަން ގެއްލޭގޮތަށް ބަންދުގައި ބައިތިއްބާ މީހުންގެ އާންމު ޙާލަތު ދެނެގަތުމާއި ޕޮލިސް ސްޓޭޝަނުގައި މަސައްކަތްކުރާ މުވައްޒަފުންގެ ޙާލަތު ދެނެގަތުން ކަމުގައި އެޗްއާރްްސީއެމުން ހާމަކޮށްފައި ވެއެވެ.
މި ޒިޔާރަތުގައި އެންޓި ޓޯޗަރ ޤާނޫނުގެ މަސްއޫލިއްޔަތާ އަދި "ދަ މަންޑޭލާ ރޫލްސް"އަށް ރ. އުނގޫފާރު ޕޮލިސް ސްޓޭޝަނުގައި މަސައްކަތްކުރާ މުވައްޒަފުން އަހުލުވެރިކުރުވުމުގެ ގޮތުން ސެޝަނެއްވަނީ ބާއްވާފައެވެ.
މި ޒިޔާރަތަށްފަހު، ކޮމިޝަނުން އާއްމުކޮށް ޢަމަލުކުރަމުންދާ އުޞޫލުގެ މަތިން، މި ޒިޔާރަތުން ފާހަގަކުރެވުނު ކަންތައްތައް ހިމެނޭ އަވަސް ކަރުދާސް ރައީސުލްޖުމްހޫރިއްޔާގެ އޮފީހާއި، ރައްޔިތުންގެ މަޖިލީހުގެ އިދާރާއާއި، މޯލްޑިވްސް ޕޮލިސް ސަރވިސް އަދި ރ. އުނގޫފާރު ޕޮލިސް ސްޓޭޝަނާއި ޙިއްޞާކޮށް، ޒިޔާރަތުގައި ފާހަގަކުރެވުނު މުހިންމު ކަންކަމުގެ މައްޗަށް އެކުލަވާލާ ރިޕޯޓު، ރ. އުނގޫފާރު ޕޮލިސް ސްޓޭޝަނާއި، އަދި ކަމާގުޅޭ އެހެނިހެން އިދާރާތަކާ ޙިއްޞާ ކުރާނެއެވެ. މީގެ އިތުރުން އެޗްއާރްސީއެމްއަށް ފާހަގަކުރެވުނު ކަންތައްތަކުގެ މަށްޗަށް ރިޢާޔަތްކޮށް އިސްލާޙުކުރަން ހުރިކަންކަން ފާހަގަކޮށް ހުށައެޅުންތައް ހުށައަޅާނެއެވެ.
މީގެއިތުރުން، ކޮމިޝަނުގެ ރިޕޯރޓުގައި ފާހަގަކޮށްފައިވާ ކަންކަމާއި، އިސްލާޙުކުރުމަށް ހުށަހަޅާފައިވާ ހުށަހެޅުންތަކާ ގުޅޭގޮތުން މަޝްވަރާކުރުމަށް މޯލްޑިވްސް ޕޮލިސް ސަރވިސްއާ ބައްދަލުކޮށް، މި ރިޕޯޓުގެ ހުށަހެޅުންތައް ތަންފީޛުވަމުންދާ މިންވަރު ދެނެގަތުމަށް، ލިޔުމުން ގަވާއިދުން ފޮލޯ-އަޕް ހެދުމަށް ކޮމިޝަނުންވަނީ ކަނޑައަޅާފައެވެ.