ޚަބަރު

ޤާނޫނާއި ޚިލާފަށް މަސްވެރިކަން ކުރުން ހުއްޓުވުމަށް އެއްބަސްވުމެއް ޤާއިމުކޮށްފި


ޤާނޫނާއި ގަވާއިދާ ޚިލާފަށް މަސްވެރިކަން ކުރުން ހުއްޓުވުމަށް ފިޝަރީޒް މިނިސްޓްރީއިން ކަސްޓަމްސްއާއެކު އެއްބަސްވުމެއް ޤާއިމުކޮށްފިއެވެ.

މި އެއްބަސްވުމުގެ މައިގަނޑު މަޤްޞަދަކީ، ޤާނޫނާއި ޤަވާއިދާ ޚިލާފަށް ބެލެހެއްޓުމެއްނެތި، އަދި ރިޕޯޓުކުރުމެއްނެތި ކުރާ މަސްވެރިކަން ނުވަތަ އިލީގަލް އަންރެގިއުލޭޓެޑް އެންޑް އަންރިފޯޓެޑް ފިޝިންގ ހުއްޓުވުމަށް ބަނދަރުތަކުގައި އަޅާނެ ފިޔަވަޅުތަކާބެހޭ ޤަވާއިދު ގައި ކަނޑައަޅާފައިވާ ކަންތައްތައް ހަރުދަނާ ނިޒާމެއްގެ ތެރެއިން ތަންފީޒުކުރުމަށް ދެ އިދާރާ ގުޅިގެން މަސައްކަތްކުރުމެވެ.

މި އެއްބަސްވުމުގެ ދަށުން، މަސްގަތުމަށް ނުވަތަ މަސް ބަރުކުރުމަށް ނުވަތަ އެހެނިހެން ބޭނުމަކަށް ވެސް ރާއްޖޭގައި ބަނދަރުކުރުމަށް އަންނަ ބޭރު ގައުމުތަކުގެ މަސްވެރިކަން ކުރާ އުޅަނދު ފަހަރާއި މަސްއުފުލާ ކެރިއަރު ނުވަތަ ރީފަރ ވެސަލް ފަދަ އުޅަނދުފަހަރަށް އިންވަރޑް އަދި އައުޓުވަރޑް ކްލިއަރެންސް ދިނުމާއި، އެފަދަ އުޅަނދުފަހަރު އިންސްޕެކްޓްކުރުމުގެ ކަންކަން ބައިނަލްއަގުވާމީ މިންގަނޑުތަކާއި ހެދިފައިވާ ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެމަތިން ކުރިއަށް ގެންދިއުމަށް މަގުފަހިވެގެންދާނެކަމަށް ފިޝަރީޒް މިނިސްޓްރީން ބުންޏެވެ.

އެގޮތުން އަޅާފިޔަވަޅުތަކުގެ ސަބަބުން، ގާނޫނާއި ގަވާއިދާ ހިލާފަށް ހަރަކާތްތެރިވާ ބޭރުގެ މަސްވެރި އުޅަނދުފަހަރުގެ ހަރަކާތްތައް ހުއްޓުވައި، އެފަދަ އުޅަނދުފަހަރުން ތަފާތު ބޭނުންތަކަށް ރާއްޖޭގެ ބަނދަރުތައް ބޭނުންކުރުން ހުއްޓުވިގެން ދާނެކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.

އަދި ހަމަ މިއާއެކު ގަވާއިދުގެ ދަށުން ރާއްޖޭގައި ބަނދަރުކުރާ ބޭރުގެ މަސްވެރި އުޅަނދުފަހަރާއި މަސްއުފުލާ ކެރިއަރު ފަދަ އުޅަނދުފަހަރު އިންސްޕެކްޓްކުރުމާއި، ބޭރުގެ މަސްބަރުކުރާ ކެރިއަރުތަކަށް މަސްބަރުކުރުމަށް ރާއްޖޭގެ ޕޯޓްތަކުގައި ކުރިއަށް ގެންދާ އޮޕަރޭޝަންތައް މޮނިޓަރކުރުމުގެ އިތުރުން އިންސްޕެކްޝަން އޮފިސަރުންންނަށް ބޭނުންވާ ތަމްރީން ފޯރުކޮށްދިނުމާއި ކަމާގުޅޭ މަޢުލޫމާތު ބަދަލުކުރުމުގައި ދެއިދާރާއިން ގުޅިގެން މަސައްކަތްކުރުމަށް އެެއްބަސްވެފައި ވެއެވެ.