ޚަބަރު

ފޭރާމުގައި ހަރުކުރެވޭ ކެމެރާ ފުލުހުން ބޭނުން ކުރަން ފަށައިފި


ފޭރާމުގައި ހަރުކުރެވޭ ކެމެރާ ފުލުހުން ބޭނުން ކުރަން ފަށައިފިއެވެ. ފޭރާމުގައި ހަރުކުރެވޭ ކެމެރާ ނުވަތަ ބޮޑީ ވޯން ކެމެރާ ދިވެހި ފުލުހުން ބޭނުންކުރަން ފެށިކަން ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދު ވަނީ ޓުވިޓަރ މެދުވެރިކޮށް ހާމަކުރައްވާފައެވެ.

ފޭރާމުގައި ހަރުކުރެވޭ ކެމެރާ ނުވަތަ ބޮޑީ ވޯން ކެމެރާ ދިވެހި ފުލުހުން ބޭނުންކުރަން ފެށިކަން ހާމަކުރައްވާ ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދު ކުރެއްވި ޓުވީޓްގައި އެމަނިކުފާނުވަނީ، ދިވެހި ފުލުހުންގެ މަސައްކަތްތައް ހަރުދަނާކުރުމަށްޓަކައި ގިނަ މަސައްކަތްތަކެއް ކުރަމުންދާކަން ފާހަގަކުރައްވާފައެވެ. އެގޮތުން ފުލުހުންގެ މަސައްކަތްތަކުގައި ހުރި ގޮންޖެހުންތަށް ކުޑަކުރުމަށް ޒަމާނީ ވަސީލަތްތަކުގެ ބޭނުން ހިފަމުން އަންނަކަން އެމަނިފާނު ފާހަގަކުރެއްވިއެވެ.

އަލަށް ބޭނުންކުރަންފެށި ފޭރާމުގައި ހަރުކުރެވޭ ކެމެރާ ފުލުހުންގެ ޕްރޮންޓް ލައިންގައި ހަރަކާތްތެރިވާ ފުލުހުން ބޭނުންކުރާނެކަން ކޮމިޝަނަރ އޮފް ޕޮލިސް ވަނީ ހާމަކުރައްވާފައެވެ. ސީޕީ ހަމީދު ވިދާޅުވީ މި ކެމެރާއަކީ އާންމުންނަށް މަގުމަތީގައި ކުރިމަތިވާ ފުރައްސާރައާއި ދިމާވާކަންކަމުގައި އެހީވުމުގައި ބޮޑެތި އެހީތަކެއް ފޯރުކޮށްދޭ ވަސީލަތެއްކަމަށެވެ. އަދި އަލަށް ތަޢާރަފްކުރި މިވަސީލަތާއެކު ދިވެހިން ފުލުހުންނަށް ކުރާ އިތުބާރު އިތުރުވެގެންދާނެކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދު ކުރެއްވި ޓުވީޓް

ރާއްޖޭގައި ފޭރުމާއި، ފުރައްސާރައިގެ މައްސަލަތައް އިތުރުވަމުންދާއިރު، މިކަންކަމުގެ މައްސަލައިގައި އެކަށޭނަ ހެކި ނުލިބުމުން ކުށްވެރިންވަނީ ދޫކޮށްލަންޖެހިފައެވެ. ފުލުހުން އަލަށް ބޭނުންކުރަން ފެށި ފޭރާމުގައި ހަރުކުރެވޭ ކެމެރާ އާއެކު މިފަދަ ކަންކަމަށް ހައްލުލިބިގެންދާނެކަމަށް ބެލެވެއެވެ.

ފޭރާމުގައި ހަރުކުރެވޭ ކެމެރާ ފުލުހުން ބޭނުން ކުރަން ފަށާފައިވާއިރު، މިދިޔަ އަހަރުގެ ފަހުކޮޅު ފުލުހުންވަނީ ވެހިކަލް ދުއްވާ ބާރުމިން ދެނެގަތުމަށް އެންމެ ޒަމާނީ ސްޕީޑް ގަން ބޭނުންކުރަން ފަށާފައެވެ. އެގޮތުން 320 ކިލޯމީޓަރު ބާރުމިނާ ހަމައަށް ދުއްވާ އުޅަނދުތަކުގެ ފޮޓޯ އާއި ވީޑިއޯ މަދު ސިކުންތުކޮޅެއްގެ ތެރޭގައި ރިކޯޑުކޮށް ރައްކާކުރެވޭނެކަމަށް ފުލުހުން ވިދާޅުވެއެވެ. ޓްރެފިކް މޮނީޓަރ ކުރުމަށް ފުލުހުން ކުރިއަށްގެންދާ އެކި އޮޕަރޭޝަންތަކުގައި ފުލުހުން އަންނަނީ މި ގަން ބޭނުންކުރަމުންނެވެ. އެންމެ ފުރަތަމަ ސްޕީޑުގަން ރާއްޖޭގައި ޓްރެފިކް މޮނީޓަރކުރުމަށް ބޭނުންކުރަން ފަށާފައިވަނީ 2004 ވަނަ އަހަރުގައެވެ. ފުލުހުންދަނީ ސިނަމާލެ ބްރިޖް އަދި ހުޅުލެ ހުޅުމާލެ ގުޅުވައިދޭ ހައިވޭގައިވެސް ސްޕީޑް ކެމެރާ ހަރުކުރުމުގެ މަސައްކަތްކުރަމުންނެވެ..