މަސްވެރިން ވިއްކާ މަހަށް ހަމައަގު ނުވަތަ ރަނގަޅު އަގެއް ލިބޭނީ ރާއްޖެއިން ބޭރަށް މަސް އެކްސްޕޯޓުކުރުމުގައި ނަގާ ޑިއުޓީ ކުޑަކުރެވިގެންކަމަށް ރާއްޖެއިން ބޭރަށް މަސް އެކްސްޕޯޓްކުރާ އެންސިސް ފިޝަރީޒްއިން ބުނެފިއެވެ.
އެންސިސް ފިޝަރީޒްއިން މިހެން ބުނެފައިވަނީ މަސްވެރިން ވިއްކާ މަހުގެ އަގު ދަށްވެ، މަހަށް ހަމައަގު ނުލިބުމާއި ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ މަހިބަދޫ ދާއިރާގެ މެމްބަރު އަހުމަދު ތާރިޤު ހުށަހެޅި މައްސަލައަކާއި ގުޅިގެންނެވެ.
ރައްޔިތުންގެ މަޖިލީހުގެ އިޤްތިސާދީ ކޮމިޓީގައި ވާހަކަދައްކަވަމުން އެންސިސްގެ މެނޭޖިންގ ޑިރެކްޓަރު މުހައްމަދު ވަސީމް އިސްމާއިލް ވިދާޅުވީ ރާއްޖެއިން ބޭރަށް މަސް އެކްސްޕޯޓުކުރުމުގައި އެކި ފަރާތްތަކުން ނަގާ ފީއާއި ޑިއުޓީގެ ސަބަބުން މަސް ހެޔޮ އަގެއްގައި މަސްވެރިންގެ އަތުން ގަތުމަށް ދަތިވާކަމަށެވެ. ޚާއްސަކޮށް ޔޫރަޕަށް މަސް އެކްސްޕޯޓުކުރުމުގައި ނަގާ ޑިއުޓީ ބޮޑުކަން ވަސީމް ފާހަގަކުރެއްވިއެވެ. އެގޮތުން ޔޫރަޕަށް މަސް އެކްސްޕޯޓުކުރާއިރު ކިލޯއަކަށް 4 ޑޮލަރު ނަގާކަމަށާއި މި ޑިއުޓީ ކުޑަކުރެވިއްޖެނަމަ މިކަމުގެ ފައިދާ ސީދާ މަސްވެރިންނަށް ކުރާނެކަމަށް ވަސީމް ވިދާޅުވިއެވެ.
ވަސީމް ވިދާޅުވީ ގިނަ ޤައުމުތަކުން ބޭރުގެ އެހެން ޤައުމުތަކާއެކު ހަދާފައިވާ ޓްރޭޑް އެގްރީމަންޓްތަކުގެ ދަށުން އެއްވެސް ޑިއުޓީއަކާއި ނުލައި އެކްސްޕޯޓް ކުރަމުންދާކަމަށެވެ. ނަމަވެސް މަޖިލީހުގެ ކޮމިޓީގައި ދެއްކެވި ވާހަކައިގައި ވަސީމް ވަނީ މަހުން ނަގާ ޑިއުޓީ ކުޑަކުރުމަށް ސަރުކާރުން މަސައްކަތެއް ނުކުރާކަމަށް ވިދާޅުވެފައެވެ.
"އަޅުގަނޑުމެންނަށް ޑިއުޓީ ފްރީ ބެނެފިޓް ނުލިބެނީ ސަރުކާރުން ވާވަރަށް މަސައްކަތް ނުކުރައްވާތީ. މަސައްކަތް ކުރައްވައިފިނަމަ ސަރުކާރަށް މިކަން ވާނެ." ވަސީމް ވިދާޅުވިއެވެ.
މަހަށް ނަގާ ޑިއުޓީގެ އިތުރުން ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުން ވެސް އެކްސްޕޯޓުކުރާ މަހުގެ ކޮންމެ ކިލޯއަކަށް ޓަރމިނަލް ޗާޖާއި ހޭންޑްލިންގ ޗާޖުގެ ގޮތުގައި 1 ރުފިޔާ 83 ލާރި ނަގައެވެ. ރާއްޖެއިން ބޭރަށް އެތައް ޓަނެއްގެ މަސް ބޭރުކުރެވޭއިރު އެމްއޭސީއެލްއިން ނަގާ ފީވެސް ބޮޑުކަމަށް ވަސީމް ވިދާޅުވިއެވެ.
" އަޅުގަނޑު ޤަބޫލުކުރާގޮތުން ސިލޯނުން އެދަނީ އެއް ޑޮލަރު 90 ސެންޓު. އަޅުގަނޑުމެން ދައްކަނީ ދެ ޑޮލަރު 30 ސެންޓް. ޑޮލަރަކަށް ވުރެ ބޮޑު ތަފާތެއް މިފެންނަނީ. ހަމައެގޮތަށް އެމްއޭސީއެލްއިން ނަގާ ޗާޖުވެސް ބޮޑު. އެއަށްވުރެ ކުޑަކޮށް ޗާޖުކުރެވޭނެ. މި ބެނިފިޓްތައް އަޅުގަނޑުމެންނަށް ލިބިއްޖެނަމަ މިއިން މަސްވެރިންނަށް ސީދާ ފައިދާކުރާނެ." ވަސީމް ވިދާޅުވިއެވެ.
މަޖިލީހުގެ އިޤްތިސާދީ ކޮމިޓީގައި އެންސިސްގެ ވާހަކަތަކަށް ރައްދުދެއްވަމުން އެމްއޭސީއެލްއިން ވިދާޅުވީ މި ފީތަކަކީ ކުންފުނީގެ މެޝިނަރީސްއާއި ވޯކްފޯސްގެ ޚަރަދުތައް ބެލެހެއްޓުމަށް ކަނޑައަޅާފައިވާ ރޭޓުތަކެއްކަމަށެވެ. އެހެންކަމުން މިއީ ކުރާ މަސައްކަތާ އަޅާބަލާއިރު ނިސްބަތުން ކުޑަ އަދަދެއްކަމަށް އެމްއޭސީއެލްއިން ބުނެއެވެ.
މަސްވެރިން ބާނާ މަހަށް ހަމައަގު ހޯދައިދިނުމަކީ ރައީސް އިބްރާހިމް މުހައްމަދު ޞާލިޙުގެ ރިޔާސީ ވަޢުދުފުޅެކެވެ. އެ ވަޢުދު ފުއްދުމަށް ސަރުކާރުން ގިނަ މަސައްކަތްތަކެއް ދަނީ ކުރަމުންނެވެ. އެގޮތުން ޔުރަޕަށް މަސް އެތެރެކުރުމުގައި ނަގާ ފީ ކުޑަކުރުމަށް މިދިޔަ އަހަރު ޔޫރަޕިއަން ޔޫނިއަންއާއެކު ސަރުކާރުން ވަނީ މަޝްވަރާކޮށްފައެވެ.