ޚަބަރު

އުމްރާވެރިން އެނބުރި ރާއްޖެ އަންނަން ފަށައިފި


ހައްޖު ކޯޕަރޭޝަންގެ
ހަވާލުގައި ރަމަޟާންމަހުގެ ފަހު ފަނަރައިގަ އުމްރާއަށް ދިއަމީހުން އެނބުރި ރާއްޖެ
އަންނަން ފަށައިފިއެވެ.



ހައްޖު ކޯޕަރޭޝަންގެ
މެނޭޖިންގ ޑިރެކްޓަރ ޔާމީން އިދުރީސް ވިދާޅުވީ އެކޯޕަރޭޝަންގެ ހަވާލުގައި
އުމްރާއަށް ދިއަ 311 މީހުންގެ ތެރެއިން 210 މީހުން މިހާރު ރާއްޖެ
އައިސްފައިވާކަމަށެވެ. އަދި ބާކީ ތިބި މީހުން މާދަމާ ރާއްޖެ އަންނާނެކަމަށާއި ހުރިހާ
އުމްރާވެރިންގެ ހާލުވެސް ރަނގަޅުކަމަށެވެ.



ހައްޖު ކޯޕަރޭޝަންގެ
އިތުރުން މި އަހަރުގެ ރަމަޟާން މަހާ ދިމާކޮށް 11 ގްރޫޕެއްގެ
ހަވާލުގައި އެއްހާސް ތިންސަތޭކައަށްވުރެ ގިނަ މީހުން އުމްރާއަށް ގޮސްފައިވެއެވެ.



ޢުމްރާގެ އަޅުކަމަށް
ފަހު އުމުރާވެރިން އެނބުރި ރާއްޖެ އަންނައިރު ފެތުރިދާނެ ރޯގާއަކަށް ސަމާލު ވުމަށް
ހެލްތު މިނިސްޓްރީން އިލްތިމާސްކޮށްފައިވެއެވެ. އަދި ހައްޖާއި އުމުރާގެ އަޅުކަމުން
އެނބުރި ވަޑައިގަންނަވާ ފަރާތްތަކަށް ޚާއްސަ ކުލިނިކެއް އެ މިނިސްޓްރީންވަނީ
ގާއިމުކޮށްފައެވެ. އަދި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތަފާތު ރޯގާތައް އިތުރުވަމުންދާތީ، ފްލޫ ކްލިނިކްތަކެއް އައި ޖީ އެމް އެޗާއި، ހުޅުމާލޭ ހޮސްޕިޓަލާއި ކޮންމެ އަތޮޅެއްގެ އަތޮޅު ހޮސްޕިޓަލްތަކުގައި ގާއިމް ކޮށްފައިވާ ކަމަށްވެސް ހެލްތު މިނިސްޓްރީން ވިދާޅުވެއެވެ.

މީގެ އިތުރުން މާސް
ކޮރޯނާ ވައިރަސް ފެތުރެމުންދާ ގައުމަކުން އެނބުރި އަންނަތާ 14 ދުވަސް ތެރޭގައި
ހުންއައިސް ކެއްސާ ނޭވާލަން އުދަގޫވެ ރޯގާގެ އުދަގުލެއް ކުރިމަތިވޭތޯ ބައްލަވަމުން
ގެންދިއުމަށް ހެލްތު މިނިސްޓްރީން އިލްތިމާސްކުރެއެވެ.

ރާއްޖޭގައި މި ރޯގާއަށް
ޝައްކު ކުރެވޭ މީހަކު ޓެސްޓް ކުރަން ޖެހިއްޖެނަމަ ޑަބުލިއު އެޗްއޯއާ ގުޅިގެން
ތައިލެންޑްގެ ލެބްގައި ޓެސްޓް ކުރެވޭނެ އިންތިޒާމްވެސް ހެލްތު މިނިސްޓްރީން ވަނީ
ހަމަޖައްސާފައެވެ.