ޚަބަރު

ގއ. ގެމަނަފުށީ ފެނަކަ އޮފީހުގެ ބިންގާ އަޅައިފި


ގއ. ގެމަނަފުށީ ފެނަކަ އޮފީހުގެ ބިންގާ އަޅައިފިއެވެ. ގެމަނަފުށީގައި ބޭއްވި ރަސްމިއްޔާތެއްގައި މި އޮފީހުގެ ބިންގާ އަޅުއްވައިދެއްވީ ފެނަކަ ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ އަހުމަދު ސައީދު މުހައްމަދާއި ގެމަނަފުށީ ދާއިރާގެ މެމްބަރ އަހުމަދު ސައީދެވެ.

ގއ. ގެމަނަފުށީ ފެނަކަ އޮފީސް އިމާރާތް ތަރައްޤީކުރުމަށް ހަވާލުކޮށްފައިވަނީ، އަފާމީ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްއާއެވެ. މިކަމުގެ އެއްބަސްވުމުގައި މިދިޔަ ހޯމަދުވަހު ފެނަކަ ކޯޕަރޭޝަންގެ ފަރާތުން ސޮއިކުރެއްވީ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ އަޙުމަދު ސަޢީދު މުޙައްމަދުއެވެ. އަދި އަފާމީ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ އަމީން މުޙައްމަދެވެ.

ގއ. ގެމަނަފުށީގައި އިމާރާތްކުރާ އައު އޮފީސް އިމާރާތަކީ، 1.98 މިލިއަން ރުފިޔާ ޚަރަދުކޮށްގެން ފެނަކައިން ކުރިއަށްގެންދާ މަޝްރޫއެކެވެ. މި މަޝްރޫޢުގެ އެއްބަސްވުމުގައިވާގޮތުން 120 ދުވަހުގެ ތެރޭގައި މަސައްކަތް ނިންމަންޖެއެވެ. އެހެންކަމުން މިއަހަރުގެ ޖޫން މަހުގެ 30 ވަނަ ދުވަހުގެ ނިޔަލަށް މަސައްކަތް ނިންމަން ޖެހޭނެއެވެ.