ސިޔާސީ

ނާއިބު ރައީސްގެ އިތުބާރުނެތް މައްސަލަ މާދަމާއަށް އެޖެންޑާނުކުރޭ


ރައީސުލްޖުމްހޫރިއްޔާގެ
ނާއިބުގެ އިތުބާރު ނެތްކަމުގެ މައްސަލަ މާދަމާ ބާއްވާ ރައްޔިތުންގެ މަޖިލީހުގެ
ޖަލްސާއަށް އެޖެންޑާ ކުރެވޭނެ ކަމަށް ކުރިން ބެލެވުނު ނަމަވެސް އެމައްސަލަ
އެޖެންޑާ ނުކޮށް މާދަމާ ބާއްވާ ޖަލްސާގެ އެޖެންޑާ އިޢުލާންކޮށްފިއެވެ.

މާދަމާ
ބާއްވާ ޖަލްސާއަށް އެޖެންޑާކޮށްފައިވަނީ، ރައީސުލްޖުމްހޫރިއްޔާގެ
ނާއިބުކަމުގެ މަގާމަށް އައްޔަން ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ފޮނުއްވާ
ނަންފުޅަށް ރުހުން ދިނުމަށް ބާއްވާ ބަހުސް އެއްގަޑިއިރަށް ކުރިއަށްގެންދާގޮތަށް
މަޖލީހުގެ ޤަވާޢިދު އިސްލާހުކޮށް ކޮމިޓީން ނިންމި ގޮތުގެ ރިޕޯޓަށް ބަހުސްކުރުމެވެ.
އަދި އެރިޕޯޓަށް ބަހުސްކޮށް ނިމިއްޖެނަމަ ރިޕޯޓް ފާސްކުރުމަށް މާދަމާ ވޯޓަށް
އަހާނެއެވެ. އެހެންކަމުން މާދަމާ ކޮމިޓީގެ ރިޕޯޓް ފާސްކުރުމަށްފަހު އަންގާރަ
ދުވަހު ބާއްވާ ޖަލްސާއަށް ނާއިބު ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލަ
އެޖެންޑާކުރާނެ ކަމަށް ވަނީ ބެލެވިފައެވެ. 

މީގެ އިތުރުން ރައީސުލްޖުމްހޫރިއްޔާ
ރައްޔިތުންގެ މަޖިލީހުގެ މަޝްވަރާއަށް އެދިވަޑައިގެން ފޮނުއްވި މައްސަލައެއްވެސް
ވަނީ މާދަމާ ބާއްވާ ޖަލްސާއަށް އެޖެންޑާކޮށްފައެވެ. ނަމަވެސް އެ މައްސަލައިގެ
އިތުރު ތަފްސީލެއް އަދި ލިބިފައެއް ނުވެއެވެ. މާދަމާގެ ޖަލްސާއަށް އިތުރު ގިނަ މަސައްކަތްތަކެއްވެސް
ވަނީ އެޖެންޑާކޮށްފައެވެ. 

ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ޑރ. މުހައްމަދު ޖަމީލް އަހުމަދުގެ އިތުބާރު
ނެތްކަމުގެ މައްސަލަ ބާރަށު ދާއިރާގެ މެމްބަރު އިބްރާހިމް ޝުޖާއު މަޖިލީހަށް ހުށަހެޅުއްވީ 61 މެމްބަރުންގެ ވޯޓާއި އެކުއެވެ. މިމައްސަލަ ރައްޔިތުންގެ މަޖިލީހަށް  ހުށައަޅުއްވާފައިވަނީ މިދިޔަ ޖޫން މަހުގެ
ތިރީސް ވަނަ ދުވަހުއެވެ. އަދި އެމައްސަލައަށް ޖަވާބުދާރީ ވުމުގެ ކުރިން ޑރ.
ޖަމީލަށް ފޮނުއްވި ނޯޓިސްގެ މުއްދަތުވެސް މިހާރު ވަނީ ހަމަވެފައެވެ. ޑރ. ޖަމީލްގެ
ފަރާތްޕުޅުން މަޖިލީހަށް ޖަވާބުދާރީވެ ވަޑައިގަންނަވާނީ ޤާނޫނީ ވަކީލު ހުސްނުއް
ސުއޫދެވެ.