ޚަބަރު

އުދައަރާ ޖެޓީ ރަށާވަކިވި ފޮއްދޫގެ ރައްޔިތުންނަށް އާ އުއްމީދެއް


ގޮނޑުދޮށް ގިރާ ރަށުގެ ޖެޓީ ރަށާވަކިވެ ލަފާފުރުމުގައި އެތައް އުނަދގޫތަކެއް ކުރިމަތިވެފައިވާ ނ. ފޮއްދޫގެ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫޢު އެމްޓީސީސީއާއި ހަވާލުކޮށްފިއެވެ. މި މަސައްކަތް އެ ކުންފުންނާއި ހަވާލުކޮށްފައިވަނީ 6 މަސްދުވަހުގެ ތެރޭގައި ނިންމުމަށެވެ.

ނ. ފޮއްދޫއަށް ފަހުގެ ތާރީހެއްގައި އުފަ ނާރާހާ ބޮޑަށް އުދަ އަރާ އެރަށުގެ ރައްޔިތުން ލަފާފުރުމަށް ބޭނުންކުރި ޖެޓީ އެރަށާއި ވަކިގެންދިޔައީ މިދިޔަ މަހުގެ 23 ވަނަދުވަހުއެވެ. ފާލަން ރަށާއި ވަކިވުމުން ރަށުގެ ރައްޔިތުން ރަށަށް އަރާފައިބަނީ ރަށުގެ ހުޅަނގު ފަރާތަށް ޑިންގީ ނުވަތަ ބޮއްކުރާ ގާތްކޮށްގެންނެވެ. ފަޅެއް ނެތުމުން މީ ރައްކާތެރިކަމެއް ނޫންކަން އެރަށުން ކައުންސިލުން ވިދާޅުވެއެވެ.

ލޯކަލް ޓުއަރިޒަމް ފުޅާވަމުން އަންނައިރު ޖެޓީ ރަށާއި ވަކިވެފައިވުމުން ފަތުރުވެރިންނަށް ވެސް ބޮޑެތި ދަތިތަކެއް ކުރިމަތިވަމުން އަންނަކަމަށް އެރަށުން ކައުންސިލުން ވިދާޅުވެއެވެ.

ލަފާފުރަން ބޭނުންކުރާ ފާލަން ރަށާއި ވަކިވުމުން އެކަމުގެ ކަންބޮޑުވުންތައް އެރަށު ރައްޔިތުން ދިޔައީ ސޯޝަލް ީޑީއާގައި ފާޅުކުރަމުންނެވެ.

ފޮއްދޫގެ ޖެޓީން ރަށާ ގުޅިފައިވާ ބައި ރަށާ ވަކިވުމުން އެކަމުގެ ސަމާލުކަން ސަރުކާރުގެ ކަމާއި ބެހޭ އިދާރާތަކާއި އާއްމުންގެ ސަމާލުކަމަށް އެންމެ ފުރަތަމަ ގެންނެވި އެ ބޭއްފުޅަކީ އެ ދައިރާގެ ރައްޔިތުން މަޖިލީހުގެ މެމްބަރު މުހައްމަދު އަބްދުﷲ ޝަފީގެވެ. އަދި މިއަހަރުގެ ބަޖެޓްގައި ފޮއްދޫ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއުވެސް ވަނީ ހިމަނާފައެވެ.

ށ. ފޮއްދޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫޢު މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގް ކޮންޕެނީ ޕަބްލިކް ލިމިޓެޑް، އެމްޓީސީސީ މި ވަނީ ހަވާލުކޮށްފައެވެ. މިމަސައްކަތުގެ އެއްބަސްވުމުގައި ޕްލޭނިން އެންޑް އިންފްރާސްޓްރަކްޗަރ މިނިސްޓްރީން ސޮއިކުރެއްވީ އެ މިނިސްޓްރީގެ ޑިރެކްޓަރ ޖެނެރަލް ފާތުމަތު ޝާނާ ފާރޫގެވެ. އެމްޓީސީސީގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ ކުންފުނީގެ ސީއީއޯ އާދަމް އާޒިމް އެވެ.

މި މަޝްރޫއަށް ދައުލަތުގެ ބަޖެޓުން 7.6 މިލިއަން ރުފިޔާ ވަނީ ކަނޑައަޅާފައެވެ. މި މަސައްކަތް އެމްޓީސީސީއާއި ހަވާލުކޮށްފައިވަނީ 6 މަސްދުވަހުގެ ތެރޭގައި ނިންމާގޮތަށެވެ. އެގޮތުން މި މަސައްކަތުގެ އީއައިއޭ އެއްމަސްދުވަހުގެ ތެރޭ ނިންމާ އަމަލީ މަސައްކަތް ފަށަން ޖެހެއެވެ.

މި މަޝްރޫއުގެ ދަށުން ރަށުގެ އިރުމަތީ ފަރާތުގެ ޖެޓީ ކައިރިން 180 މީޓަރުގެ ސަރަހައްދެއްގެ ގޮނޑުދޮށުން ހިމާޔަތް ކުރުމަށްވަނީ ހަމަޖެހިފައެވެ. ގޮނޑުދޮށް ހިމާޔަތް ކުރަން ބޭނުންކުރާނީ ޖިއޯ ބޭގް ރިވެޓްމެންޓް ކަމަށް ޕްލޭނިން މިނިސްޓްރީން ވިދާޅުވެއެވެ.

ފަހަކަށް އައިސް ރާއްޖޭގެ ބައެއް ރަށްތައް އަންނަނީ ވަރަށް ބޮޑަށް ގިރަމުންނެވެ. މިކަން ހައްލުކުރުމަށް ސަރުކާރާއި ރަށު ރައްޔިތުން ގުޅިގެން ގިނަ މަސައްކަތްތަކެއްވެސް އަންނަނީ ކުރަމުންނެވެ. މިގޮތުން ގިރަމުން އަންނަ ރަށްރަށް ވަގުތީ ހައްލެއްގެ ގޮތުން އީޕީއޭގެ ހުއްދަ ނުހޯދާވެސް ގޮނޑުދޮށުގައި ވެލި ބަސްތާތަކާއި ޖަމްބޯ ބޭގްސް ޖަހަމުން ގެންދިޔުމަށް އީޕީއޭއިން ވަނީ އިލްތިމާސްކޮށްފައެވެ.