ޚަބަރު

ހއ.އުލިގަމުގައި ކަސްޓަމްސްގެ އޮފީހެއް މިއަހަރުތެރޭ ހުޅުވަނީ


ރާއްޖޭގެ އެކި ސަރަހައްދުތަކަށް ކަސްޓަމްސްގެ ޚިދުމަތްތައް ފުޅާކުރުމުގެ ގޮތުން، ހއ. އުލިގަމުގައި މޯލްޑިވްސް ކަސްޓަމްސް ސަރވިސްގެ އޮފީހެއް މިއަހަރު ތެރޭ ހުޅުވިގެންދާނެކަމަށް ކޮމިޝަނަރ ޖެނެރަލް އޮފް ކަސްޓަމްސް، ޢައްބާސް އާދިލު ރިޒާ ވިދާޅުވެއްޖެއެވެ. ޕަބްލިކް ސަރވިސް މީޑިއާ، ޕީ.އެސް.އެމްއަށް މައުލޫމާތު ދެއްވަމުން، ކޮމިޝަނަރ ޖެނެރަލް އޮފް ކަސްޓަމްސް، ޢައްބާސް އާދިލު ރިޒާ ވިދާޅުވީ، ރާއްޖެ އެތެރެކުރާ މުދަލުގެ ނިސްބަތް އަހަރެއް އަހަރަކަށް އިތުރުވަމުންދިޔުމާއި ގުޅިގެން ކަސްޓަމްސްގެ ޚިދުމަތް ހޯދާ ފަރާތްތަކަށް ވިހާވެސް ފަސޭހަގޮތެއްގައި އެޚިދުމަތްތައް ލިބެނޭ އިންތިޒާމް ހަމަޖެއްސުމަށް މަސައްކަތްކަތްތަކެއް ކުރައްވަމުންދާކަމަށެވެ. އެގޮތުން ހއ. އުލިގަމުގައި ކަސްޓަމްސްގެ އޮފީހެއް އިމާރާތްކުރުމުގެ މަސައްކަތް ޕްރޮޖެކްޓް ކުރެވިގެން ކުރިއަށްދާކަމަށް ވިދާޅުވިއެވެ. އަދި މިހާރު އެމަސައްކަތް ޓެންޑަރކުރެވި، އަމާޒަކީ މިއަހަރު ތެރޭ މަސައްކަތް އެއްކޮށް ނިންމާ، އުލިގަމު އޮފީސް ހުޅުވުންކަމަށް ޢައްބާސް ވިދާޅުވިއެވެ. އުލިގަމުގެ އިތުރުން ހަނިމާދޫގައިވެސް ކަސްޓަމްސްގެ އޮފީހެއް އިމާރާތްކުރުމުގެ މަސައްކަތް މިހާރުވެސް ކުރިއަށްދާކަން ފާހަގަކުރައްވަމުން، ޢައްބާސް ވިދާޅުވީ، ހަނިމާދޫ އޮފީހުގެ މަސައްކަތްވެސް މިއަހަރުތެރޭ ނިންމާ، އެއިމާރާތް ބޭނުންކުރަން ފެށޭވަރުވާނެ ކަމަށެވެ. މީގެއިތުރުން ކަސްޓަމްސް މުވައްޒަފުންގެ ވެލްފެއަރ ކަންކަން ކުރިއެރުވުމަށް މަސައްކަތްތަކެއް ކުރަމުންދާކަމަށް ކޮމިޝަނަރ ޖެނެރަލް ފާހަގަކުރެއްވިއެވެ. އެގޮތުން ކަސްޓަމްސް މުވައްޒަފުންނަށް ލޯނު ސްކީމެއް ތަޢާރަފުކުރުމާއި، ހައުސިންގ ޕްރޮގްރާމެއް ފެށުމަށްޓަކައި، ހައުސިންގ ޑިވެލޮޕްމަންޓް ފައިނޭންސް ކޯރޕަރޭޝަން، އެޗް.ޑީ.ސީއާއެކު މަޝްވަރާތައް ކުރައްވަމުން ގެންދަވާކަމަށް ޢައްބާސް ވިދާޅުވިއެވެ. ޢައްބާސް ވިދާޅުވީ، ކަސްޓަމްސްއިން ކުރަމުންދާ މަސައްކަތްތައް، ބައެއް އާއްމު ރައްޔިތުންނަށް އެހާބޮޑަށް ސާފުނުވާކަމަށާއި، އެކަންކަން އޮޅުން ފިލުވައިދިނުމަށް މަސައްކަތްތަކެއް ކުރައްވަމުންދާކަމަށެވެ. އެގޮތުން އާއްމުންގެ ތެރެއިންނާއި، ވިޔަފާރިވެރިންގެ އިތުރުން، ކަސްޓަމްސްއިން ޚިދުމަތްހޯދާ ފަރާތްތައް ހިމެނޭހެން ކޮމިޓީތަކެއް ނަގައިގެން، ހޭލުންތެރިކުރުމުގެ ޕްރޮގްރާމްތައް ހިންގަމުންދާކަމަށެވެ.