ދީން

މިއަހަރު މީހުން ޙައްޖަށް ގެންދިއުމަށް 4 ކުންފުންޏަކަށް ހުއްދަ ދޭން ނިންމައިފި

މިއަހަރު މީހުން ޙައްޖަށް ގެންދިއުމަށް 4 ކުންފުންޏަކަށް ހުއްދަ ދިނުމަށް އިސްލާމިކް މިނިސްޓްރީން ނިންމަވައިފިއެވެ.

1441 ވަނަ އަހަރު ރާއްޖެއިން ޙައްޖަށް މީހުން ގެންދިއުމަށް ޝަޢުގުވެރިވާ ފަރާތްތަކަށް ޕްރޮޕޯސަލް ހުށަހެޅުމަށް ހުޅުވާލި ފުރުޞަތުގައި 15 ފަރާތަކުން ކުރިމަތިލާފައިވާކަމުގައި އެމިނިސްޓްރީން ވިދާޅުވެފައި ވެއެވެ.

އިސްލާމިކް މިނިސްޓްރީގެ ފަރާތުން މިއަދު ވަނީ 1441 ވަނަ އަހަރު ރާއްޖެއިން މީހުން ޙައްޖަށް ގެންދިއުމަށް ޝަޢުގުވެރިވާ ކުންފުނިތަކުން ބިޑު ހުށަހެޅުމުގެ ކަންކަން ކުރިއަށްގެންގޮސްފައެވެ. ރާއްޖެއިން މީހުން ޙައްޖަށް ގެންދިޔުމަށް ޝަޢުގުވެރިވާ ކުންފުނިތަކަށް އެކަމަށް އެދި ޕްރޮޕޯސަލް ހުށައެޅުމުގެ ފުރުސަތު މިމަހުގެ 10 ވަނަ ދުވަހުން ފެށިގެން 23 ވަނަ ދުވަހުގެ ނިޔަލަށް ހުޅުވާލާފައިވާއިރު، މުއްދަތު ހަމަވިއިރު ބިޑު ހުށަހަޅާފައިވަނީ 15 ކުންފުންޏަކުންނެވެ. އޭގެ ތެރެއިން ހޮވުމަށް ހަމަޖެހިފައިވަނީ 4 ކުންފުންޏެއްކަމަށް އިސްލާމިކް މިނިސްޓްރީން ވިދާޅުވެފައިވެއެވެ. މިއާއެކު މިއަހަރު މީހުން ޙައްޖަށް ގެންދާނީ ޙައްޖު ކޯރޕަރޭޝަން ހިމެނޭހެން ޖުމްލަ 5 ކުންފުންޏަކުންނެވެ.

މިއަހަރު ރާއްޖެއިން މީހުން ހައްޖަށް ގެންދިޔުމަށް ހުއްދަ ދިނުމަށް ނިންމި އަމިއްލަ 4 ކުންފުނީގެ މައުލޫމާތެއް އަދި މިނިސްޓްރީއަކުން ހާމައެއް ނުކުރެއެވެ. މިދިޔަ އަހަރު ރާއްޖެއިން މީހުން ހައްޖަށް ގެންދިޔުމަށް ހުއްދަދީފައި ވަނީ އަމިއްލަ 5 ކުންފުންޏަކަށެވެ.

ޙައްޖަށް މީހުން ގެންދިޔުމަށް ހުއްދަ ދޭން ނިންމާފައި ވަނީ އެކަމަށް އެދި ހުށައަޅާފައިވާ ކުންފުނިތައް އިވެލުއޭޓްކުރުމަށްފަހު އެންމެ މަތިން މާކްސް ލިބުނު 4 ކުންފުންޏަށްކަމަށް އިސްލާމިކް މިނިސްޓްރީން ވިދާޅުވެއެވެ. އެގޮތުން އެ ކުންފުނިތައް ހޮވާފައި ވަނީ ޙައްޖަށް ގެންދިއުމަށް ހުށަހަޅާ އަގަށް %10 މާކްސް، ފޯރުކޮށްދޭ ޚިދުމަތާއި ޚިދުމަތުގެ ފެންވަރަށް %85 މާކްސް އަދި ތަޖުރިބާއަށް %5 މާކްސް ކަނޑައަޅައިގެންކަމަށްވެސް އެ މިނިސްޓްރީން ވިދާޅުވެފައިވެއެވެ.

ރާއްޖެއަށް ލިބޭ ރަސްމީ ކޯޓާއިން ހުއްދަ ލިބޭ ކޮންމެ ކުންފުންޏަކަށް ދިނުމަށް ހަމަޖެހިފައިވަނީ 90 މީހުންގެ ޖާގަކަމަށް އިސްލާމިކް މިނިސްޓްރީން މީގެ ކުރިން ވިދާޅުވެފައިވެއެވެ. އަދި އެ މިނިސްޓްރީން ދުރާލައި ކުންފުނިތައް ހޯދަން ނިންމަވާފައި ވަނީ، ޙައްޖާއި ގުޅުން ހުރި ކަންތައްތައް ކުންފުނިތަކަށް ދުރާލާ ހަމަޖެއްސޭނެ ގޮތް ހަދައިދިނުމުގެ މަޤުސަދުގައި ކަމަށާއި، ކުންފުނިތަކުން ކުރަންޖެހޭ މަސައްކަތްތައް ދުރާލާ ކުރެވިއްޖެނަމަ ޙައްޖަށް ގެންދިޔުމަށް އެފަރާތްތަކުން ކަނޑައަޅާ އަގު ކުޑަވާނެކަމަށްވެސް އެ މިނިސްޓްރީން ވިދާޅުވެފައިވެއެވެ.

ޙައްޖަށް މީހުން ގެންދިއުމަށް ޝަޢުގުވެގެން ހުށަހަޅާފައިވާ ޕްރޮޕޯސަލްތައް އިވެލުއޭޓު ކޮށްފައިވަނީ އެކަމަށް ޚާއްސަ ކޮމެޓީ އަކުންނެވެ. އެ ކޮމެޓީގައި ހިމެނެނީ އެޓާނީ ޖެނެރަލްގެ އޮފީހުން ކަނޑައަޅާ މެންބަރަކާއި، ފިނޭންސް މިނިސްޓްރީން ކަނޑައަޅާ މެންބަރެއްގެ އިތުރުން އިކޮނޮމިކް މިނިސްޓްރީގެ މެންބަރަކާއި، އިސްލާމިކް މިނިސްޓްރީން ކަނޑައަޅާ ދެ މެންބަރެކެވެ.

ޙައްޖުގެ ކަންކަން ވީހާވެސް ލުއިފަސޭހަ ކުރުމުގެ ގޮތުން އިސްލާމިކް މިނިސްޓްރީންވަނީ ޙައްޖު ޕޯޓަލް އެއް ޤާއިމްކުރުމަށް ނިންމާފައެވެ. މި ޕޯޓަލަކީ ޙައްޖުގެ ކަންކަން ލުއިފަސޭހަކުރުމަށާއި ޙައްޖުވެރިންގެއަތުން އިތުރަށް ފައިސާ ނެގުމަށް ޙައްލެއް ގެނައުމަށް ޤާއިމްކުރާ ޕޯޓަލެކެވެ. އަދި މިޕޯޓަލް ޤާއިމްކުރުމަށްފަހު ޙައްޖަށްދާން ބޭނުންވާ ފަރާތްތައް ރަޖިސްޓަރވާނީ އެޕޯޓަލްގައެވެ.

ޕޯޓަލްގެ ޒަރިއްޔާއިން ޙައްޖަށް ގެންދާ ޖަމާއަތްތަކުންދޭ ޚިދުމަތްތައް ފެންނަން ހުންނާނެކަމަށާ ޙައްޖުވެރިޔާ ބޭނުންވާ ޖަމާޢަތެއް އިޚްތިޔާރުކުރުމުގެ އިތުރުން ފައިސާވެސް ދެއްކުމަށް ހަމަޖެހިފައިވަނީ އެ ޕޯޓަލަށްކަން އިސްލާމިކް މިނިސްޓްރީން ވިދާޅުވެއެވެ.