ޚަބަރު

ކަރަންޓާއި ގުޅޭގޮތުން އާންމުންގެ ހުރި ސުވާލުތަކަށް ޖަވާބު ދިނުމަށް ސްޓެލްކޯއިން ހާއްސަ ކެމްޕޭނެއް ފަށައިފި


ހޫނު މޫސުމުގައި ކަރަންޓް ބިލް ކުޑަކުރެވޭނެ ގޮތާއި، އަދި ކަރަންޓާއި ގުޅޭގޮތުން އާންމުންގެ ހުރި ސުވާލުތަކަށް ޖަވާބު ދިނުމަށް ސްޓެލްކޯއިން ހާއްސަ ކެމްޕޭނެއް ފަށައިފިއެވެ.

ސްޓެލްކޯއިން ދަނީ ހޫނު ގަދަވާ ދުވަސްވަރާއި ދިމާކޮށް ކަރަންޓު ވިއުގަ ވަރުގަދަކުރުމުގެ މަސައްކަތް ބާރު ސްޕީޑެއްގައި ކުރަމުންނެވެ.

ހޫނު ގަދަވާ ދުވަސްވަރު ކަރަންޓް ބިލް ކުޑަކޮށް، ކަރަންޓާއި ގުޅޭގޮތުން އާންމުންގެ ހުރި ސުވާލުތަކަށް ޖަވާބު ދިނުމަށް ސްޓެލްކޯއިން ފެށި ކެމްޕޭނަކީ، އެ ކުންފުނީގެ ގްރީން އިނިޝިއޭޓިވްގެ ދަށުން "ސޭވް އެނަރޖީ"ގެ ނަމުގައި ފެށި ކެމްޕޭނެކެވެ. "ސޭވް އެނަރޖީ" ކެމްޕޭން ފައްޓަވާދެއްވުމަށްފަހު ވާހަކަދައްކަވަމުން ސްޓެލްކޯގެ މެނޭޖިންގް ޑިރެކްޓަރ ހަސަން މުޣުނީ ވިދާޅުވީ، ކޮންމެ އަހަރެއްގެ ހޫނު ގަދަވާ ދުވަސްވަރު ކަރަންޓު ބިލު ބޮޑު ވަނީ ނޭނގިތިބެވެސް ކަރަންޓު ގިނައިން ބޭނުންކުރެވޭތީކަމަށެވެ.

ސަރުކާރުގެ ކަރަންޓް ކުންފުނި، ސްޓެލްކޯއިން ކަރަންޓު ބިލުތައް ގަސްދުގައި ބޮޑު ކުރާ ކަމަށް ބައެއް ފަރާތްތަކުން ކުރާ ތުހުމަތުތައް ދޮގުކޮށް އެ ކުންފުނިން ރައްދު ދީފި އެވެ. ސްޓެލްކޯއިން ގަސްތުގައި އެއްވެސް ފަރާތެއްގެ ކަރަންޓްބިލް ބޮޑު ނުކުރާނެކަމުގެ ޔަޤީންކަން މުޣުނީ ދެއްވިއެވެ. އަލަށް ފެށި ކެމްޕޭނުން އާންމުންގެ ސުވާލުތަކަށް ޖަވާބު ދިނުމަށް ސޯޝަލް މީޑިއާގެ އެކި ޕްލެޓްފޯމްތަކާއި، ޕެނަލް ޑިސްކަޝަންތައް ކުރިއަށްގެންދާނެކަން މުޣުނީ ފާހަގަކުރެއްވިއެވެ.

"ކަރަންޓް ޕީކްވެ ބިލް ބޮޑުވުމުން މިކަމުގެ ޝަކުވާ ގިނަ ކަސްޓަމަރުން ކުރޭ. މި މައްސަލައަށް ހައްލު ހޯދުމަށް ހޫނު ގަދަވާ ދުވަސްވަރު ކަރަންޓް ބިލް ކުޑަކޮށް، ކަރަންޓާއި ގުޅޭގޮތުން އާންމުންގެ ހުރި ސުވާލުތަކަށް ޖަވާބު ދިނުމަށް ފަށާ ކެމްޕޭނެއް. އަލަށް ފެށި ކެމްޕޭނުން އާންމުންގެ ސުވާލުތަކަށް ޖަވާބު ދިނުމަށް ސޯޝަލް މީޑިއާގެ އެކި ޕްލެޓްފޯމްތަކާއި، ޕެނަލް ޑިސްކަޝަންތައް ކުރިއަށްގެންދާނެ." ސްޓެލްކޯގެ މެނޭޖިންގް ޑިރެކްޓަރ ހަސަން މުޣުނީ ވިދާޅުވިއެވެ.

ހޫނު ގަދަވާ ދުވަސްވަރާއި ދިމާކޮށް ސްޓެލްކޯއިން ކުރާ މަސައްކަތްތަކުގެ މަޢުލޫމާތު ހިއްސާކުރައްވަމުން ސްޓެލްކޯގެ މެނޭޖިންގް ޑިރެކްޓަރ ހަސަން މުޣުނީ ވަނީ ކަރަންޓު ވިއުގަ ވަރުގަދަކުރުމުގެ މަސައްކަތް ބާރު ސްޕީޑެއްގައި ކުރަމުން އަންނަކަން ފާހަގަކުރައްވާފައެވެ. ނެޓްވޯކް އަޕްގްރޭޑް ކުރުމުގެ މަސައްކަތުގެ ދަށުން ކޭބަލްތައް ބަދަލުކުރުމުގެ މަސައްކަތް ކުރަމުންދާކަން މުޣުނީ ވިދާޅުވިއެވެ. މީގެ އިތުރުން އިންޖީނުގެ ޑިމާންޑް ފޯކާސްޓް ހެދުމަށްފަހު އިންޖީނުގެތަކުގެ ކެޕޭސިޓީ އިތުރުކުރުމުގެ މަސައްކަތް ކުރަމުންދާކަން ސްޓެލްކޯގެ މެނޭޖިންގް ޑިރެކްޓަރ ފާހަގަކުރެއްވިއެެވެ.

"ކަރަންޓުގެ މައްސަލަ ހައްލުކޮށް ޕީކް ލޯޑަށް ކޭޓަރ ކުރުމަށް ނެޓްވޯކް އަޕްގްރޭޑް ކުރުމުގެ މަސައްކަތުގެ ދަށުން ގިނަ ދުވަސްވީ ކޭބަލްތަކުގެ ބަދަލުގައި ފަލަ ފެންވަރު ރަނގަޅު ކޭބަލްތައް ބަދަލުކުރުމުގެ މަސައްކަތް މިހާރު މިދަނީ ކުރަމުން. އިންޖީނުގެ ޑިމާންޑް ފޯކާސްޓް ހެދުމަށްފަހު އިންޖީނުގެތަކުގެ ކެޕޭސިޓީ އިތުރުކުރުމުގެ މަސައްކަތްވެސް މިދަނީ ކުރަމުން." ސްޓެލްކޯގެ މެނޭޖިންގް ޑިރެކްޓަރ ހަސަން މުޣުނީ ވިދާޅުވިއެވެ.

ކަރަންޓް ބޭނުންކުރުން މަދުކުރުމަށް "ސޭވް އެނަރޖީ"ގެ ނަމުގައި ކެމްޕޭނެއް ފަށާފައި ވާއިރު، "ރިނިއުބަލް އެނާޖީ" މަޝްރޫއެއްވެސް އެ ކުންފުނިން ވަނީ ފަށާފައެވެ. މި މަޝްރޫޢަކީ، ސްޓެލްކޯގެ މުވައްޒަފުންނަށް ޚާއްސަކޮށްގެން ސޯލާ ޕެނަލް ގަނެވޭނެ ޚާއްސަ މަޝްރޫޢެކެވެ.