ޚަބަރު

ގެމަނަފުއްޓާއި މިލަންދޫ ފެނަކަ އޮފީސް އިމާރާތް ތަރައްޤީކުރަން ބަޔަކާ ހަވާލުކޮށްފި


ގއ. ގެމަނަފުއްޓާއި ށ. މިލަންދޫގައި ފެނަކައިގެ އޮފީސް އިމާރާތެއް ތަރައްޤީކުރުމަށް ބަޔަކާ ހަވާލުކޮށްފިއެވެ.

ގއ. ގެމަނަފުށީ ފެނަކަ އޮފީސް އިމާރާތް ތަރައްޤީކުރުމަށް ހަވާލުކޮށްފައިވަނީ، އަފާމީ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްއާއެވެ. މިކަމުގެ އެއްބަސްވުމުގައި ފެނަކަ ކޯޕަރޭޝަންގެ ފަރާތުން ސޮއިކުރެއްވީ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ އަޙުމަދު ސަޢީދު މުޙައްމަދުއެވެ. އަދި އަފާމީ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ އަމީން މުޙައްމަދެވެ.

ގއ. ގެމަނަފުށީގައި އިމާރާތްކުރާ އައު އޮފީސް އިމާރާތަކީ، 1.98 މިލިއަން ރުފިޔާ ޚަރަދުކޮށްގެން ފެނަކައިން ކުރިއަށްގެންދާ މަޝްރޫއެކެވެ. މި މަޝްރޫޢުގެ އެއްބަސްވުމުގައިވާގޮތުން 120 ދުވަހުގެ ތެރޭގައި މަސައްކަތް ނިންމަންޖެއެވެ. އެހެންކަމުން މިއަހަރުގެ ޖޫން މަހުގެ 30 ވަނަ ދުވަހުގެ ނިޔަލަށް މަސައްކަތް ނިންމަން ޖެހޭނެއެވެ.

ށ. މިލަންދޫ ފެނަކަ އޮފީސް އިމާރާތް ތަރައްޤީކުރުމަށް ހަވާލުކޮށްފައިވަނީ، ވެހިކޮން ބިލްޑާސް ޕްރައިވެޓް ލިމިޓެޑްއާއެވެ. މިކަމުގެ އެއްބަސްވުމުގައި ފެނަކަ ކޯޕަރޭޝަންގެ ފަރާތުން ސޮއިކުރެއްވީ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ އަޙުމަދު ސަޢީދު މުޙައްމަދުއެވެ. އަދި ވެހިކޮން ބިލްޑާސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ އަހުމަދު ރަޝީދުއެވެ.

މިމަސައްކަތުގެ ދަށުން ށ. މިލަންދޫގައި އިމާރާތްކުރާ އައު އޮފީސް އިމާރާތަކީ، 9.58 މިލިއަން ރުފިޔާ ޚަރަދުކޮށްގެން ފެނަކައިން ހިންގާ މަޝްރޫޢެކެވެ. 305 ދުވަހުގެ ތެރޭގައި ނިންމަންޖެހޭ މި މަޝްރޫޢުގެ މަސައްކަތް ނިންމުމަށް ހަމަޖެހިފައިވަނީ މިއަހަރުގެ ޑިސެމްބަރު 31 ދުވަހުގެ ނިޔަލަށެވެ.

ފެނަކައިން ދާދިފަހުން ވަނީ، ނ.ޅޮހީގައި އިމާރާތްކުރާ އައު އިންޖީނުގެއާއި އޮފީސް އިމާރާތާއި، ލ.ފޮނަދޫގައި އިމާރާތްކުރާ އޮފީސް އިމާރާތް އެޅުމަށްވެސް ބަޔަކާ ހަވާލުކޮށްފައެވެ. ރަށްރަށުގައި އިންޖީނުގެ އައު އިމާރާތް އެޅުމުގެ މަޝްރޫޢަކީ، މީހުން ދިރިއުޅޭ ސަރަޙައްދުތަކުގައި ހުރި އިންޖީނުގެތައް މީހުން ދިރިނޫޅޭ ސަރަޙައްދުތަކަށް ބަދަލުކުރުމަށް ފެނަކައިން ކުރިއަަށްގެންދާ މަޝްރޫޢުއެކެވެ. މި މަޝްރޫޢުގެ ދަށުން މިހާރުވެސް ތިރީހަށްވުރެ ގިނަ ރަށުގެ އިންޖީނުގެ އެކަހެރި ސަރަޙައްދުތަކަށް ބަދަލުކުރުމުގެ މަސައްކަތްވަނީ ފަށާފައެވެ.