ޚަބަރު

43 ވަނަ ހިއުމަން ރައިޓްސް ކައުންސިލްގައި ބައިވެރިވަޑައިގަތުމަށް މިނިސްޓަރ ޝާހިދު ޖެނީވާއަށް


އދ.ގެ 43 ވަނަ ހިއުމަން ރައިޓްސް ކައުންސިލްގައި ބައިވެރިވަޑައިގަތުމަށް ޚާރިޖީ ވަޒީރު އަބްދުﷲ ޝާހިދު ޖެނީވާއަށް ވަޑައިގެންފިއެވެ.

މިނިސްޓަރ ޝާހިދުގެ މިދަތުރުފުޅުގައި އެމަނިކުފާނު ހިއުމަން ރައިޓްސް ކައުންސިލްގެ އިސްވެރިންގެ ބައްދަލުވުންތަކުގައި ބައިވެރިވެޑައިގަތުމަށް ވަނީ ހަމަޖެހިފައެވެ. ތިން ދުވަހަށް ދެމިގެންދާ ހިއުމަން ރައިޓްސް ކައުންސިލްގެ އިސްވެރިންގެ ބައްދަލުވުންތަކުގައި އިންސާނީ ހައްޤުތައް ރައްކާތެރިކުރުމުގެ ދާއިރާއިން ފުޅާދާއިރާއެއްގައި މަޝްވަރާކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ. 80 މެމްބަރު ޤައުމު ހިމެނޭ، ހިއުމަން ރައިޓްސް ކައުންސިލްގައި މިނިސްޓަރ ޝާހިދު ރާއްޖޭގެ ފަރާތުން ބަޔާން އިއްވުމަށްވެސް ވަނީ ހަމަޖެހިފައެވެ. މިމަހުގެ 25 ވަނަ ދުވަހު އިއްވާ މިބަޔާނުގައި ބައިނަލްއަޤްވާމީގޮތުން ހުރި އިންސާނީ ހައްޤުތަކުގެ މައްސަލަތަކާއި، ރާއްޖޭގައި އިންސާނީ ހައްޤުތަކުގެ ޙާލަތުގެ އިތުރުން މި މައްސަލަތައް ހައްލުކުރުމަށް ސަރުކާރުން ކުރާ މަސައްކަތް ބަޔާންކުރުމަށް ނިންމާފައިވާ ކަމަށް ފޮރިން މިނިސްޓްރީން މަޢުލޫމާތުދެއެވެ.

ޚާރިޖީ ވަޒީރު އަބްދުﷲ ޝާހިދުގެ މިދަތުރުފުޅުގައި 43 ވަނަ ހިއުމަން ރައިޓްސް ކައުންސިލްގެ ހަވާސާގައި އދގެ ހައި ކޮމިޝަނަރ ފޮރ ހިއުމަން ރައިޓްސް މިޝޭލް ބެޗްލެޓްއާއި ބައްދަލުކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން އެކި ޤައުމުތަކުން މި ބައްދަލުވުމުގައި ބައިވެރިވެވަޑައިގަންނަވާ ޚާރިޖީ ވަޒީރުންނާއި، އިސްފަރާތްތަކާއި، ބައްދަލުކުރައްވާ، އިންސާނީ ހައްޤުތަކުގެ ދާއިރާއިން ފުޅާ ދާއިރާއެއްގައި މަޝްވަރާކޮށް ގުޅުން ބަދަހިކުރުމަށްމަށްވެސްވަނީ ހަމަޖެހިފައެވެ.

އދގެ 43 ވަނަ ހިއުމަން ރައިޓްސް ކައުންސިލްގައި ރާއްޖެ ތަމްސީލުކުރާ ވަފުދުގެ އިސްކޮށް މިނިސްޓަރ ޝާހދިު ހަރަކާތްތެރިވެވަޑައިގަންވާއިރު، ޖެނީވާގައި ހުންނަ އދގެ އޮފީހުގެ ޕަރމަނަންޓް ރެޕްރެޒެންޓެޓިވް ޑރ. ހާލާ ހަމީދު އަދި އެމްބެސެޑަރ އެޓް ލާޖް ޑރ. އާސިމް އަހުމަދު ބައިވެރިވެވަޑައިގަންނަވައެވެ.