ވިޔަފާރި

ދިރާގުގެ ބޯޑު ޑިރެކްޓަރުކަމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި


ދިރާގުގެ ޢާންމު ހިއްސާދާރުންގެ ފަރާތުން ބޯޑު ޑިރެކްޓަރުކަމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

ދިރާގުން ބުނީ ކުންފުނީގެ ޢާންމު ހިއްސާދާރުންގެ ފަރާތުން ބޯޑަށް އައްޔަންކުރާ ޑިރެކްޓަރަކު އިންތިހާބުކުރާނީ އަންނަ އޭޕްރީލްމަހު ބާއްވާ އެކުންފުނީގެ އަހަރީ ޢާންމު ޖަލްސާގައިކަމަށެވެ. ދިރާގުން ވަނީ އަންހެން ބޭފުޅުން މި މަޤާމަށް ކުރިމަތިލުމަށް ބާރު އަޅާފައެވެ.

މި މަޤާމަށް ޝައުގުވެރިވާ ފަރާތްތަކުން އަންނަމަހުގެ 10 ވަނަ ދުވަހުގެ ކުރިން އެކަމަށް އެދި ހުށަހަޅަންޖެހޭ ފޯމާއެކު އެކަމާ ގުޅޭ ލިޔެކިޔުންތައް ހުށަހަޅަންޖެހޭނެކަމަށް ދިރާގުން ބުނެއެވެ.

އެ މަގާމުގެ ޝަރުތުތަކުގެ ތެރޭގައި ދިރާގުގެ ހިއްސާދާރަކަށްވުމާއި، ޑިގްރީއެއް ހާސިލްކޮށްފައިވުން ހިމެނެއެވެ. އަދި ސަރުކާރުގެ ވަޒީފާއެއް ނުވަތަ އަމިއްލަ ކުންފުންޏެއްގައިވެސް މަސައްކަތްކުރުމަށްފަހު 10 އަހަރުދުވަހުގެ ތަޖުރިބާ ހުރުމާއި، ކުންފުންޏެއްގެ ބޯޑުގައި މަސައްކަތް ކޮށްފައިވުންވެސް ހިމެނެއެވެ.

ދިރާގަކީ ސަރުކާރުގެ 41.8 އިންސައްތަ ހިއްސާ އަދި އިނގިރޭސިވިލާތުގެ ބަޓެލްކޯ ކުންފުނީގެ 52 އިންސައްތަ ހިއްސާއާއި އާއްމުންގެ 6.2 އިންސައްތަ ހިމެނޭ ކުންފުންޏެކެވެ. އެކުންފުނީގެ ބޯޑުގައި ޑިރެކްޓަރުންގެ ގޮތުގައި 9 ބޭފުޅުން ތިއްބަވާއިރު، 5 ޑިރެކްޓަރުން އައްޔަންކުރަނީ ބަޓެލްކޯއިންނެވެ. އަދި ސަރުކާރުން 3 ޑިރެކްޓަރުން އައްޔަންކުރާއިރު، އާއްމު ހިއްސާދާރުން ތަމްސީލްކުރުމަށް 1 ޑިރެކްޓަރަކު އައްޔަންކުރެއެވެ.