ޚަބަރު

ފުރަތަމަ 6 މަސްދުވަސްތެރޭ 5.7 މިލިއަން ރުފިޔާގެ މަސްތުވާތަކެތި


މިއަހަރުގެ ފުރަތަމަ 6 މަސްދުވަހުގެ ތެރޭގައި 5.7 މިލިއަން ރުފިޔާގެ މަސްތުވާތަކެތި އަތުލައިގަނެވިފައިވާކަމަށް ފުލުހުންގެ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓުން ބުނެފިއެވެ. އެ ޑިޕާޓްމަންޓުން އާއްމުކޮށްފައިވާ އެންމެފަހުގެ ތަފާސް ހިސާބުތައް ދައްކާގޮތުން، މިއަހަރުގެ ފުރަތަމަ ހަ މަސްދުވަހުގެ ތެރޭގައި މަސްތުވާތަކެތީގެ އެކި މައްސަލަތަކުގައި 975 މީހުން ފުލުހުންގެ ބެލުމުގެ ދަށަށް ވަނީ ގެންގޮސްފައެވެ.މި އަހަރުގެ ފުރަތަމަ ހަ މަސްދުވަސްތެރޭ މަސްތުވާތަކެތީގެ 1562 މައްސަލައެއް ފުލުހުންނަށް ހުށައަޅާފައިވާއިރު  މަސްތުވާ ތަކެއްޗާ ގުޅުންހުރި 1282 މައްސަލައެއްގެ ތަޙްޤީޤް ނިންމައި، 1167 މައްސަލައެއް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވާފައިވެއެވެ. މިއަހަރުގެ ފުރަތަމަ 6 މަސްދުވަހު އަތުލައިގަތް މަސްތުވާތަކެތީގެ މަގުމަތީގެ އަގު ގާތްގަނޑަކަށް 5.7 މިލިޔަނަރަށް ވުރެ ގިނަ ރުފިޔާ އަރާނެކަމަށް ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓުން ހާމަކުރެއެވެ.މި މުއްދަތުގެ ތެރޭގައި، ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓުން މަސްތުވާ ތަކެއްޗާ ގުޅުންހުރި 56 އޮޕަރޭޝަނެއް މާލެއާއި، ރާއްޖޭގެ އެކި ރައްތަކުގައި ވަނީ ހިންގާފައިވެއެވެ. މީގެތެރެއިން 45 އޮޕަރޭޝަނެއްގައި ފާރަ ބޭނުންކޮށް މަސްތުވާތަކެތި އަތުލައިގަނެފައިވެއެވެ. މީގެ ތެރެއިން 6 އޮޕަރޭޝަނަކީ ޚާއްޞަ ގޮތެއްގައި ފާހަގަ ކޮށްގެން ހިންގި އޮޕަރޭޝަން ތަކެއް ކަމަށް ފުލުހުންގެ ޑްރަގް އެންފޯސްމަންޓް ޔުނިޓުން މައުލޫމާތުދެއެވެ. މަސްތުވާތަކެތީގެ މައްސަލަތަކުގައި ނުވަ ސަތޭކައަށް ވުރެ ގިނަ މީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންދެވިފައިވާއިރު، އޭގެ ތެރޭގައި އަންހެނުންނާ ފިރިހެނުންނާއި ބިދޭސީންވެސް ހިމެނެއެވެ. މަސްތުވާތަކެއްޗާއި ގުޅުންހުރި މައްސަލަތަކުގައި ރާއްޖެއަށް އަންނަ ބިދޭސީންނާއި ރާއްޖޭގައި ލޭބަރުންގެ ގޮތުގައި މަސައްކަތްކުރާ ބިދޭސީން ބޭނުންކޮށްގެން މަސްތުވާތަކެތީގެ ވިޔަފާރި ކުރުމާއި، ބަނގުރަލުގެ މައްސަލަތަކުގައި ގިނަ ބަޔަކު ވަނީ ހައްޔަރުކޮށްފައެވެ. މަސްތުވާތަކެތީގެ ނުރައްކަލުން މުޖުތަމައު ސަލާމަތް ކުރުމަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން މަސްތުވާތަކެތީގެ ނުރައްކަލުން ރައްކާތެރިވުމަށް އެޅިދާނެ ފިޔަވަޅުތަކާއި، މަސްތުވާތަކެތި އަތުލައިގަތުމަށް ހިންގާ އޮޕަރޭޝަންތަކާއި، މަސްތުވާ ތަކެތީ ބޭނުން ކުރުން ހުއްޓުވުމަށް ކުރެވިދާނެ ކަންކަމާއި ގުޅޭގޮތުން، ތަޢުލީމާއި ތަޖުރިބާ ހޯދުމަށް ފާއިތުވި 6 މަސްދުވަހުގެތެރޭގައި ފުލުހުންގެ 3 އޮފިސަރަކު ރާއްޖެއިން ބޭރަށް ފޮނުވާފައިވާ ކަަމަށް ފުލުހުންގެ އިދާރާއިން ބުނެއެވެ.