ތަޢުލީމު

އީ.ޓީ.ސީ.ސީ ދަރިވަރުންނާ ބައްދަލުކޮށް އެސް.ޓީ.ސީން ހަދިޔާ ދީފި


މާފުށީގައި ހުންނަ ތައުލީމާއި މަސައްކަތްތެރިކަން އުނގަންނައިދޭ ކުޑަކުދިންގެ މަރުކަޒުގައި ތިބޭ ކުދިންނަށް ސްކިލް ޓްރެއިނިންގ ސެންޓަރުގެ ދަރިވަރުންނާއި، މުވައްޒަފުންގެ ފަރާތުން ހަދިޔާދިނުމުގެ ޕްރޮގްރާމެއް ކުރިޔަށް ގެންގޮސްފިއެވެ.މިއީ އީދު ދުވަހަށް ޚާއްސަކޮށްގެން ކޮންމެ އަހަރަކުވެސް ސްކިލް ޓްރެއިނިންގ ސެންޓަރުން ކުރިޔަށްގެންދާ ހަރަކާތެކެވެ.މިހަރަކާތާގުޅޭ ގޮތުން މައުލޫމާތު ދެއްވަމުން އެސެންޓަރުގެ ފައުންޑަރ ދިމްނާ ފާކިރު ވިދާޅުވީ، ޖެންޑަރ މިނިސްޓްރީން އެދިވަޑައިގެންފައިވާ ގޮތުގެ މަތީން އެފަދަ ސެންޓަރުތަކުގައި ތިބޭ ދަރިވަރުންނަށް އެހީތެރިވެދިނުމުގެ ގޮތުން މާފުށީގައި ހުންނަ ތައުލީމާއި މަސައްކަތްތެރިކަން އުނގަންނައިދޭ ކުޑަކުދިންގެ މަރުކަޒުގެ ދަރިވަރުންނަށް ހަދިޔާ ދެމުންގެންދަނީ އެތަނުގައި މަދު ކުދިންތިބެފައި އެކުދިންނަށް ގިނަ ފަރާތްތަކުން މިފަދަ ހަދިޔާގެ އެހީތެރިކަން ލިބެމުން ނުދާތީއާއި، ހަދިޔާދީ އެކުދިންނާއެކު ސްކިލް ޓްރެއިނިންގ ސެންޓަރުގެ ދަރިވަރުންނާއެކު އުފާވެރި ވަގުތުކޮޅެއް ހޭދަކުރުމުގެ ބޭނުމުގައިކަމަށެވެ. މާފުށީގައި ހުންނަ ތައުލީމާއި މަސައްކަތްތެރިކަން އުނގަންނައިދޭ ކުޑަކުދިންގެ މަރުކަޒުގައި ތަމްރީނުދެމުންދަނީ 8 ދަރިވަރަކަށެވެ.