ޚަބަރު

މުއައްސަސާތަކުގެ އެންމެބޮޑު ވާޖިބަކީ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކޮށްދިނުން - ނައިބް ރައީސް


ޤާނޫނު އަސާސީން އުފެދިފައިވާ މުއައްސަސާތަކުގެ އެންމެބޮޑު ވާޖިބަކީ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކޮސްދިނުންކަމުގައި ނައިބް ރައީސް ފައިޞަލް ނަސީމް ވިދާޅުވެއްޖެއެވެ. އިލެކްޝަން ކޮމިޝަނުން އިސްނަގައިގެން "މަސަލަސް ރާއްޖެ" މިނަމުގައި ކުރިއަށްގެންދާ މިޕްރޮގުރާމް އިފްތިތާޙުކޮށްދެއްވައި ވާހަކަ ފުޅުދައްކަވަމުން ނައިބްރައީސް ވަނީ ހުރިހާ މުއައްސަސާތަކުންވެސް ރައްޔިތުންގެ ބާރުތައް ކަށަވަރު ކޮށްދެއްވުމަށް އިލްތިމާސްކުރައްވާފައެވެ.

"މަސަލަސް ރާއްޖެ" ޕްރޮގްރާމު އިފްތިތާޙްކޮށްދެއްވައި ވާހަކަފުޅުދައްކަވަމުން ނައިބް ރައީސް ފައިޞަލް ނަސީމް ވިދާޅުވީ، ޤާނޫނު އާސާސީން ދިވެހި ރައްޔިތުންނަށް އެތަކެއް ޙައްގުތަކެއް ކަށަވަރު ކޮށްދެއްވާފައިވާކަމަށެވެ. މީގެތެރެއިންވެސް މިއަދު ކުޑަކުދިންގެ ޙައްގުތައް ކަށަވަރުކޮށް އެކުދިންގެ ހައްޤު ރައްކާތެރިކުރުމަށް ޤާނޫނެއް އެކުލަވާލެވި ޢަމަލުކުރެވެމުން ދިއުމަކީ އުފާކުރަންޖެހޭ ކަމެއްކަމަށެވެ.
އެމަނިކުފާނު ވިދާޅުވީ ކޮންމެ ޤާނޫނު އަސާސީންނާއި ޤާނޫނުތަކުން ފަހިކޮށްދީފައިވާ ހައްޤުތައް ރައްޔިތުންނަށް ލިއްބައިދިނުމަށްޓަކައި ޤާނޫނުތަކާއި ޤަވާޢިދުތަކުގެ މަޢުލޫމާތު ރައްޔިތުންނަށް ފޯރުކޮށްދޭންޖެހޭކަމަށެވެ.

މިކަން ކުރުމުގައި މުވައްސަސާތަކުން މިހާރުވެސް މަސައްކަތް ކުރަމުންދިޔަ ނަމަވެސް އިލެކްޝަން ކޮމިޝަނާއި، މުވައްސަސާތަކުން ގުޅިގެން މިފަދަ މައުލޫމާތުތައް ރައްޔިތުންނަށް ދެއްވުމަށް ޕްރޮގުރާމެއް ފެށިކަމީ ނުހަނު އުފާކުރައްވާކަމެއްކަމަށެވެ. އަދި މިކަމުގެ ސަބަބުން ރައްޔިތުން ޤާނޫނުތަކަށް އަހުލުވެރިވެ ކުށްތަކާއި ނޭދެވޭ އަމަލުތަކުން ދުރުވުމަށް އިތުރަށް ހޭލުނެރިވެގެންދާނެކަމަށް ޤަބޫލުކުރާކަމަށް ނައިބް ރައީސް ވިދާޅުވިއެވެ.

"ރާއްޖޭގެ މުވައްސަސާތަކުގެ އެންމެބޮޑު ބޭނުމަކ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށްދިނުން. ވަކި މީހަކަށްވީތީ، ނުވަތަ ވަކި ބަޔަކަށްވީތީ އެމީހަކުކުރާ ކަމެއް ފޮރުވައި ސިއްރުކުރުމަކީ އަޅުގަނޑުމެން ގަބޫލުކުރާނެ ކަމެއްނޫން. އެކަން އެއްވެސް މުވައްސަސާއަކުން ކޮށްގެންވެސް ނުވާނެ" ނައިބް ރައީސް ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން އިލެކްޝަން ކޮމިޝަންގެ ރައީސް އަޙްމަދު ޝަރީފް ވިދާޅުވީ ރާއްޖޭގެ ޙާލަތު އޮތްގޮތުން ރައްޔިތުންނަށް ގިނަ މަޢުލޫމާތުތަކެއް ދޭންޖެހޭކަމަށެވެ. މިމަސައްކަތް ކުރުމުގައި ދައުލަތުގެ މުވައްސަސާތަކާއި އެންޖޯއީސްތައް ގުޅިގެން މިފެށޭ ހަރަކާތުން ގިނަ މައުލޫމާތުތަކެއް ރައްޔިތުންނަށް ފޯރުކޮށް ދެވިގެންދާނެކަމަށް ޝަރީފް ވިދާޅުވިއެވެ. އަދި މިޕްރޮގުރަމުގެ ޒަރީއާއި، ޤާނޫނީ، އިޖްތިމާއީ އަދި އެހެނިހެންދައިރާތަކުން ރައްޔިތުން ހޭލުންތެރި ކުރުމުގެ ޕްރޮގުރާމްތައް ހިންގިގެންދާނެކަމަށް ޝަރީފް ވިދާޅުވިއެވެ.

ޕްރޮގުރާމުގެ ބައިވެރިއެއްގެ ހައިސިއްޔަތުން ހޯޕްފޯވިމެންގެ ފައުނޑާ މެމްބަރު އަނީސާ އަހުމަދު ވިދާޅުވީ ޤާނޫނު އަސާސީން ރައްޔިތުންނަށް ގިނަ ހައްގުތަކެއް ކަށަވަރުކޮށްދެއްވާފައިވާކަމަށެވެ. ޤާނޫނުތަކައި ގަވާއިދުތަކަކީ އަބަދުވެސް ބަދަލުތަކެއް އަންނާނެ އެއްޗަކަށްވުމުން އޭގެ މައުލޫމާތު ރައްޔިތުންނަށް ފޯރުކޮށް ދިނުމަކީ މުހިންމުކަމެއްކަމުގައި އަނީސާ ފާހަގަކުރެއްވިއެވެ.

މަސަލަސް ރާއްޖެ ޕްރޮގުރާމުގައި 16 މުއައްސަސާ ގުޅިގެން ކަނޑައެޅިފައިވާ 12 ދާއިރާއެއްގެ މައުލޫމާތު ދިނުމަށް ވަނީ ހަމަޖެހިފަ. މިހަރަކާތް ހިންގުމަށް ހަމަޖެހިފައިވަނީ 4 ފިޔަވައްސަކަށް ބަހާލައިގެންނެވެ. އެގޮތުން މިއަހަރުގެ ޖެނުއަރީއިން އޭޕްރީލްގެ ނިޔަލަށް ހިންގާ ޕްރޮގުރާމު ޚާއްސަ ކުރެވިފައިވަނީ އިންތިޚާބްތަކާއި ގުޅޭގޮތުން ރައްޔިތުން ހޭލުންތެރިކުރުމަށްކަމަށެވެ.