ޚަބަރު

ހިތުގެ ޑޮކްޓަރަކަށް ދެއްކުމަށް ކުރީގެ ރައީސް ޔާމީން އައިޖީއެމް ހޮސްޕިޓަލަށް ގެންގޮސްފި


ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމް ޑޮކްޓަރަށް ދެއްކުމަށްޓަކައި އައިޖީއެމް ހޮސްޕިޓަލަށް ގެންގޮސްފިއެވެ.

5 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ ކުރީގެ ރައީސް އަބްދުﷲ ޔާމީން އައިޖީއެމް ހޮސްޕިޓަލަށް ގެންގޮސްފައިވާކަމަށް ކަރެކްޝަންގެ އޮފިޝަލުންވެސް ވަނީ ވިދާޅުވެފައެވެ. ނަމަވެސް ހޮސްޕިޓަލަށް ގެންގޮސްފައިވަނީ ކޮންކަމަކާ ގުޅިގެންކަމެއް ކަރެކްޝަނުން ހާމަކޮށްފައިނުވެއެވެ.

މައުލޫމާތު ލިބިފައިވާގޮތުގައި ރައީސް ޔާމީން ހޮސްޕިޓަލަށް ގެންގޮސްފައިވަނީ ހިތުގެ ޑޮކްޓަރަކަށް ދެއްކުމަށެވެ. މީގެ ކުރިންވެސް ސިއްޙީ އެކި މައްސަލަތަކަށް ރައީސް ޔާމީން ވަނީ އައިޖީއެމް ހޮސްޕިޓަލުގައި ފަރުވާ ހޯއްދަވާފައެވެ.

މަނީ ލޯންޑަރިންގެ މައްސަލައިގަ ރައީސް ޔާމީން ފަސް މިލިއަން ޑޮލަރުން ޖޫރިމަނާކޮށް، ފަސް އަހަރަށް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފައިވަނީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 28 ވަނަ ދުވަހުއެވެ. އެމަނިކުފާނުގެ ފަރާތްޕުޅުންވަނީ މިމައްސަލަ އިސްތިއުނާފްކޮށް މައްސަލަ ބާތިލްކޮށް ކަފާލާތުގެ ދަށުން ގެއަށް ދޫކުރުމަށް އެދިވަޑައިގެންފައެވެ.

ހައިކޯޓަށް ހުށައެޅުނު އިސްތިއުނާފުގެ އަޑުއެހުމެއްގައި ރައީސް ޔާމީން ވަނީ އެމަނިކުފާނު ޖަލަށް ވަޑައިގަންނަވަން ޖެހުމުން ހިތުގެ ބައްޔެއް އުފެދި، ނަފްސާނީ ގޮތުންނާއި ޖިސްމާނީ ގޮތުން އަނިޔާތަކަކާ ކުރިމަތިލާން ޖެހިވަޑައިގެންފައިވާކަމަށް ވިދާޅުވެފައެވެ. އަދި އެމަނިކުފާނަށް ޖެހިވަޑައިގެންފައިވާ ހިތްޕުޅުގެ އާލާސްކަންފުޅަށް ހަދަންޖެހޭ ޓެސްޓްތައް ވެސް ރާއްޖެއިން ހެދެން ނެތްކަމަށް ރައީސް ޔާމީން ވަނީ ވިދާޅުވެފައެވެ.

ނަމަވެސް މަނީ ލޯންޑަރިންގެ ކުށް ސާބިތުވެ ރައީސް ޢަބްދުﷲ ޔާމީންގެ މައްޗަށް އިއްވާފައިވާ 5 އަހަރުދުވަހުގެ ޖަލު ޙުކުމް ތަންފީޒުކުރުން ފަސްކޮށްދެވެން ނެތްކަމަށާ، އަދި އެމަނިކުފާނު ކަފާލާތުގެ ދަށުން މިނިވަންކުރެވެން ވެސް ނެތްކަމަށް ހައިކޯޓުން ވަނީ ކަނޑައަޅާފައެވެ.