ވިޔަފާރި

ޔޫރަޕަށް ބޭރުކުރާ މަހަށް ހަމައަގު ހޯދުމަށް ކުރާ މަސައްކަތްތުގައި ކުރިއެރުންތަކެއް ލިބިއްޖެ - ފޮރިން މިނިސްޓްރީ


ރާއްޖެއިން ޔޫރަޕަށް އެކްސްޕޯޓުކުރާ މަހަށް ހަމައަގު ހޯދައިދިނުމަށްޓަކައި ކުރަމުންދާ މަސައްކަތްތަކަށް މިހާރު ވަރަށްބޮޑު ކުރިއެރުންތަކެއް ލިބެމުންދާ ކަމަށް ފޮރިން މިނިސްޓްރީން ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މަހިބަދޫ ދާއިރާގެ މެންބަރު އަޙްމަދު ޠާރިޤް ފޮނުއްވާފައިވާ ސިޓީއަކާ ގުޅިގެން ފޮރިން މިނިސްޓްރީގެ އިސްބޭފުޅުންނާއެކު މަޖިލީހުގެ އިޤްތިޞާދީ ކޮމިޓީން ބޭއްވި ބައްދަލުވުމުގައި ފޮރިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އަޙްމަދު ޙަލީލް ވިދާޅުވީ ޔޫރަޕުގެ އިއްތިޙާދު (އީޔޫ)އާ ރާއްޖެއާ ދެމެދު އޮތް ގުޅުމަށް ފާއިތުވި އަހަރުދުވަހުގެތެރޭގައި ހެޔޮ ބަދަލުތަކެއް އައިސްފައިވާ ކަމަށެވެ.

އެންމެކުޑަކޮށް ތަރައްޤީވެފައިވާ ޤައުމަކުގެ ލިސްޓުން، ތަރައްޤީވަމުން އަންނަ ޤައުމަކުގެ ލިސްޓަށް ރާއްޖެ އަރާފައިވާތީ، ރާއްޖެއިން ޔޫރަޕުގެ ޤައުމުތަކަށް އެކްސްޕޯޓުކުރާ މަހުގެ ބާވަތްތަކަށް ލިބެމުންއައި ޑިއުޓީގެ ޢިނާޔަތްވަނީ، ދެހާސްތޭރަވަނަ އަހަރުގެ ޑިސެމްބަރުމަހުން ފެށިގެން ކަނޑާލާފައެވެ. އޭގެސަބަބުން ރާއްޖެއިން ޔޫރަޕަށް މަސް އެކްސްޕޯޓުކުރުމުން ލިބެމުންއައި މަންފާ ވަރަށްބޮޑަށް ދަށްވެފައިވެއެވެ.

މިޢިނާތް އަލުން ހޯދުމަށް 2014ވަނަ އަހަރުން ފެށިގެން ރާއްޖެއިންދަނީ މަސައްކަތް ކުރަމުންނެވެ. މިކަމަށްޓަކައި ރާއްޖެއިން ކުރަންޖެހޭކަމަށް އީޔޫއިން ޝަރުތުކުރާ ގިނަ ކަންތައްތަކެއް ރާއްޖެއިން މިހާރު ފުރިހަމަކޮށްފައިވާކަމަށް ފޮރިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އަޙްމަދު ޙަލީލް ވަނީ ވިދާޅުވެފައެވެ.
އެންމެ ކުޑަކޮށް ތަރައްގީވެފައިވާ ގައުމެއްގެ ގޮތުގައި ރާއްޖެ އޮތް އިރު، ރާއްޖެއިން ޔޫރަޕަށް އެކްސްޕޯޓުކުރާ މަހުގެ ބާވަތްތަކުން ޑިޔުޓީ ދައްކަން ނުޖެހެނީ އީޔޫގެ "ޖެނެރެލައިސްޑް ސިސްޓަމް އޮފް ޕްރިފެރެންސް" (ޖީއެސްޕީ)ގެ ދަށުންނެވެ.

"އީޔޫއާއެކު ވަރަށް ގިނަ މަސައްކަތްތަކެއް ކުރަމުން އެބަދަން، އީޔޫއާއި އެކު ވިޔަފާރީގެ ގުޅުން ބަދަހި ކުރުމަށްވެސް މަސައްކަތްކުރަމުންދަނީ، ޖީއެސްޕީ ޕްލަސް މިއަހަރުގެތެރޭ ރިވިއު ކުރާނެ ކުރާ އިރު ރާއްޖޭގެ އިޝޫ ނަގާނެ ކަން ވަނީ އަންގާފައި،" ޚަލީލް ވިދާޅުވިއެވެ.

ދިވެހި މަސްވެރިން ބާނާ މަހަށް ރަގަޅު އަގެއް ހޯދައިދިނުމަށް އީޔޫގައި ހިމެނޭ ވަކިވަކި ޤައުމުތަކާއެކުވެސް މަސައްކަތް ކުރަމުންދާކަމަށް ސްޓޭޓް މިނިސްޓަރ ޚަލީލު ވިދާޅުވިއެވެ.
ރާއްޖެއިން އެކްސްޕޯޓްކުރާ މަހުގެ ގާތްގަނޑަކަށް ސާޅީސް އިންސައްތަ އެކްސްޕޯޓުކުރަނީ ޔޫރަޕަށެވެ. ރާއްޖެއިން ޔޫރަޕަށް މަސް އެކްސްޕޯޓު ކުރުމަށް މިހާރު ސައުވީސް އިންސައްތައިގެ ޑިއުޓީއެއް ދައްކަންޖެހެއެވެ.