ޚަބަރު

ހޫނުގަދަ ދުވަސްވަރާއި ދިމާކޮށް، ކަރަންޓު މައްސަލަ ކުޑަކުރުމަށް ސްޓެލްކޯއިން މަސައްކަތްތަކެއް ކުރަނީ


އަހަރުފެށިގެން އަންނަ ފުރަތަމަ 6 މަސް ދުވަހަކީ ރާއްޖެއަށް އަބަދުވެސް ހޫނުގަދަ ދުވަސްވަރެކެވެ. މިދުވަސްވަރަކީ ޚާއްސަކޮށް މާލެއަށް ކަރަންޓުގެ މައްސަލަތައް ބޮޑު ދުވަސްވަރެކެވެ. މިކަމަށް ލުޔެއް ހޯދުމަށް ސްޓެލްކޯއިން މަސައްކަތް ފަށާފައިވާއިރު، މައްސަލަތައް ކުޑަކުރުމަށް ކަރަންޓު ބޭނުންކުރާ މިންވަރު މަދުކުރުމަށް ފަރުދީގޮތުން މަސައްކަތްކުރުމަކީވެސް މުހިންމުކަމެކެވެ.

ކޮންމެ އަހަރަކުވެސް މުޅި އަހަރުގެ ތެރޭގައި ރާއްޖެއަށް އެންމެ ހޫނުގަދަވާ ދުވަސްވަރަކީ ފެބްރުއަރީމަހުން ފެށިިގެން ޖޫންމަހާ ދެމެދު މިހިންގާ ދުވަސްތަކެވެ. ރާއްޖޭގައި ހޫނުމިން އާއްމުކޮށް 28ޑިގްރީ ސެސްލްސިއަސްގައި ހުރިނަމަވެސް، މިދުވަސްވަރު މެންދުރުގެ ވަގުތުތަކުގައި ހޫނުމިން 32 ޑިގްރީ ސެލްސިއަސްއަށްވެސް އިތުރުވެއެވެ. ހޫނު ގަދަވުމުގެ ސަބަބުން މިވަގުތުތަކުގައި ކަރަންޓު ބޭނުންކުރާ ނިސްބަތްވެސް އެތައް ގުނައަކަށް އިތުރުވެގެންދެއެވެ. މިއީ އިންޖީނުތަކަށްވެސް އެންމެ ލޯޑުބޮޑުވާ ވަގުތުތަކެވެ. ދުވާލުގަޑީގައި ގިނައިން ކަރަންޓު ބޭނުންކުރާ ދުވަހެއްގެ އެވަރެޖްކޮށް ޕީކް ލޯޑް 280 މެގަވޯޓަށް އަރައެވެ.

ހޫނުގަދަވުމުގެ ސަބަބުން ކަރަންޓަށް އޮންނަ ޑިމާންޑް ބޮޑުތަނުން އިތުރުވާންފަށައެވެ. އެގޮތުން އެއަރ ކޮންޑިޝަން ބޭނުންކުރުމަކީ ކަރަންޓަށް އެންމެ ލޯޑުބޮޑުވާ ސަބަބުކަމަށް ހަކަތައިގެ ޚިދުމަތްދޭ ކުންފުނިތަކުން ބުނެއެވެ. މިހާރަށް ބަލާނަމަ ގިނަ ގެތަކުގައި އެއަރކޮންޑިޝަން ހުންނާނެއެވެ.
މި މައްސަލަ ޚާއްސަކޮށް މާލެއަށް ބޮޑެވެ. ބެދިފައި ހުންނަ ކުދި ކޮޓަރިތަކުގައި އޭސީހުރުން ވެފައިވަނީ ގިނަ މީހުންގެ ޒަރޫރީ ބޭނުމަކަށެވެ.

މާލޭގައި 75 މެގަވޮޓްގެ ކަރަންޓު ކެޕޭސިޓީ ހުރިއިރު 65 މެގަވޮޓަކީ މިހާރުގެ މާލޭގެ ކަރަންޓުގެ ޑިމާންޑެވެ. އެހެންކަމުން މިދުވަސްވަރުވެފައިވަނީ ކަރަންޓުގެ މައްސަލަތައް އިތުރު ދުވަސްތަކަކަށެވެ. އިންޖީނުގެ ލޯޑު ބޮޑުވެ ކޮންމެ ވަގުތަކުވެސް ކަރަންޓު ހިނގައިދާނެއެވެ. މިއީ އެތައް މަސައްކަތަކަށް ހުއްޓުން އަންނަ ކަމެކެވެ. ޚާއްސަކޮށް ކަރަންޓު ނެތި ހޫނުގައި މަޑުކުރަންޖެހުމަކީ މާ ބޮޑު ތަކުލީފެކެވެ.

ހޫނު ދުވަސްވަރަށް ތައްޔާރުވުމަށް މާލެއަށް ކަރަންޓުގެ ޚިދުމަތްދޭ ސްޓެލްކޯއިން އަންނަނީ ދުރާލާ ތައްޔާރުވަމުންނެވެ. އެގޮތުން އިންޖީނުތަކުގައި ހުރި މައްސަލަތައް ރަނގަޅުކުރުމާއި، އަދި މައްސަލަ ދިމާވެދާނެހެންހުރި ކަންކަން ބަލައި އެކަންކަން ރަނގަޅުުކުރުމުގެ މަސައްކަތްވަނީ ފަށާފައެވެ.

"ކޮންމެ އަހަރަކުވެސް ހޫނުމޫސުމަށް ވަރަށް ބޮޑެތި ތައްޔާރީތައް ވާންޖެހޭ. މިހާރުވެސްމިވަނީ އިންޖީނުތަކުގެ މެއިންޓަނަންސް މަސައްކަތް ފަށާފައެވެ. އަދި އޯވަހޯލް ކުރުމާއި، މިދުވަސްވަރު ކަރަންޓު ބޭނުންކުރުމުގައި ވީހާވެސް މަދުން އިޤްތިޞާދުކޮށްގެން ބޭނުންކުރުމަށް އާއްމުން ހޭލުންތެރިކުރަމުންދަނީ." ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ ހަސަން މުޣްނީ ވިދާޅުވިއެވެ.

އަދި ކަރަންޓުގެ މައްސަލަތައް ކުޑަކޮށް ކަރަންޓުގެ ވިއުގަ ޒަމާނީ ކުރުމަށް މާލޭގައި ވަޅުލާފައި ހުރި ކަރަންޓު ކޭބަލްތައް ނަގާ ފެންވަރު ރަނގަޅު ކޭބަލް އެޅުމުގެ މަސައްކަތްވެސް ސްޓެލްކޯއިންދަނީ ކުރަމުންނެވެ.

ސްޓެލްކޯއިންވަނީ "އެނަރޖީ ސޭވިންގ"ގެ ނަމުގައި އާއްމުން ހޭލުންތެރިކުރުމަށް ޕްރޮގްރާމެއްވެސް ފަށާފައެވެ. މި ޕްރޮގްރާމަކީ ކަރަންޓު ބޭނުންކުރުން މަދުކުރުމަށް ކުރެވޭނެ ކަންކަމާއި، ބިލް ކުރުމުގެ ކަންކަމާއި ގުޅޭ މަޢުލޫމާތު ދިނުމަށް އާއްމުންނަށް ކުރިއަށްގެންދާ ޕްރޮގްރާމެކެވެ.

އެހެންކަމުން ހޫނު ދުވަސްވަރު ކަރަންޓަށް ދިމާވާ މައްސަލަ ކުޑަކުރުމަށް ގޭގަޔާއި ކަރަންޓު ބޭނުންކުރާއިރު ސަމާލްވުމަކީ ވަރަށް މުހިންމު ކަމެކެވެ.