ޚަބަރު

ސިޔާސީ އެއްވެސް ނުފޫޒެއް ނެތް، އެފަދަ ނުފޫޒަކަށް ބޯނުލަބާނަން - މަރިޔަމް ވަޙީދާ


ބްރޯޑްކާސްޓިން ކޮމިޝަނާ ޙަވާލުވިފަހުން މިހާތަނަށް އެއްވެސް ސިޔާސީ ނުފޫޒެއް ފޯރާފައި ނުވާކަމަށާ، އެފަދަ ނުފޫޒަކަށް ކޮމިޝަނުން ބޯ ނުލަނބާނެކަމުގައި ބްރޯޑްކާސްޓިން ކޮމިޝަންގެ ރައީސާ މަރިޔަމް ވަޙީދާ ވިދާޅުވެއްޖެއެވެ.

ޕީއެސްއެމްގެ ރާއްޖެ މިއަދު ޕްރޮގްރާމުގައި ވާހަކަދައްކަވަމުން ބްރޯޑްކާސްޓިން ކޮމިޝަނުގެ ރައީސާ މަރިޔަމް ވަޙީދާ ވިދާޅުވީ ކޮމިޝަނާއި ޙަވާލުވެގެން މިވީ ކުރު މުއްދަތުގެ ތެރޭގައި މަސައްކަތް ކުރަމުންދަނީ ވަރަށް މިނިވަންކަމާ އެކުކަމަށެވެ. ކޮމިޝަނުން ބަލަމުންދާ މައްސަލަތަކާއި ހުށަހެޅޭ މައްސަލަތަކުގައި ޢަމަލު ކުރަމުންދަނީ ޤާނޫނާއި ޤަވާޢިދުގެ ތެރެއިންކަމަށް މަރިޔަމް ވަހީދާ ވިދާޅުވިއެވެ.

އެކޮމިޝަނުން ފާއިތުވެދިޔަ ތަނުގައި މަސައްކަތް ކޮށްފައިވާ ގޮތުން ރައްޔިތުންނާއި ބްރޯޑްކާސްޓް ކުރާ ފަރާތްތަކުގެ އިތުބާރުވެސް ކުޑަވެފައިވާކަމަށް އޭނާ ވިދާޅުވިއެވެ. ފާއިތުވެދިޔަ ތަނުގައި ކަންކަން ހިނގާފައިވާގޮތުން ބައެއް ބްރޯޑްކާސްޓަރުން ކޮމިޝާނާ ބައްދަލުރަން ބޭނުންނުވާކަމަށެވެ. ނަމަވެސް މިހާރު އެކަންކަން ހައްލުކޮށް ވާހަކަދައްކައި ދިމާވާ މައްސަލަތައް ހައްލުކުރުމަށް ކޮމިޝަނުން ނުހަނު ބޮޑު އިސްކަމެއް ދީގެން މަސައްކަތް ކުރަމުންދާކަމަށް މަރިޔަމް ވަހީދާ ވިދާޅުވިއެވެ.

"އަޅުގަނޑުމެން ޑިސެމްބަރުމަހު ކޮމިޝަނާއި މިހަވާލުވީ. މިވީ މުއްދަތުގެ ތެރޭގައި އަޅުގަނޑުމެންގެ މަސައްކަތަށް ސިޔާސީ އެއްވެސް ނުފޫޒެއްނެތް. އަދި އެއްވެސް މައްސަލައެއް ނުވަތަ އެއްވެސް ކަމެއް ނިންމުމުގައި އެއްވެސް ފަރާތެއްގެ ނުފޫޒެއް ފޯރުވާފައިނުވޭ. އެފުރުސަތު އަޅުގަނޑުމެން ނުވެސްދޭނަން. އަދި އެފަދަ ނުފޫޒެއް އެއްވެސް ގޮތަކުން އައިނަމަވެސް އަޅުގަނޑުމެން އެޔަކަށް ބޯނުލަބާނަން." މަރިޔަމް ވަޙީދާ ވިދާޅުވިއެވެ.

ޓޫރިޒަމްގެ ބޭނުމަށް ދޫކުރާނެ އާ ރަށްތައް އިޢުލާނުކުރަން ދަރުބާރުގޭގައި މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައި ބޭއްވި "ބުރަބި" ޖަލްސާ ހުށަހެޅި މައްސަލާގައި ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުވައްސަސާތަކާބެހޭ ކޮމިޓީއަށް ހާޒިރުކޮށް ކުރެވުނު ސުވާލުތަކާގުޅިގެން ކޮމިޝަންގެ ރައީސާ މަރިޔަމް ވަހީދާ ވިދާޅުވީ، ޖަލްސާ ހުށަހެޅުމަކީ ގޯހުން ކުރެވުނު ކަމެއްކަމަށް މިހާރުވެސް ގަބޫލު ނުކުރާކަމަށެވެ. ނަމަވެސް ކޮމީޓީން އެފަދަ ޖަލްސާތައް ހުށަހެޅުމަކީ ރަނގަޅު ކަމެއްނޫންކަމަށް ވިދާޅުވެ، އެންގުމެއް އަންގައިފިނަމަ އެކަމަށް ބޯލަބާނެކަމަށް މަރިޔަމް ވަހީދާ ވިދާޅުވިއެވެ.

މިިނިވަން މުވައްސަސާތަކާއިބެހޭ ކޮމިޓީންވަނީ ބްރޯޑްކާސްޓިން ކޮމިޝަންގެ އެއްވެސް މެމްބަރަކު ކޮމިޝަންގެ މަގާމުގެ ހައިސިއްޔަތުން ފިޔަވައި، ބްރޯޑްކާސްޓް ކުރާ އެއްވެސް ޖަލްސާއެއްގައި ބައިވެރިވެވަޑައިނުގެންނެވޭ ގޮތަށް ބްރޯޑްކޮމްގެ ގަވާއިދުގައި ލިޔުމަށް ނިންމާފައެވެ. އަދި މިފަދަ ޖަލްސާތައް ހުށަނޭޅޭގޮތަށް ބްރޯޑްކޮމްގެ ގާނޫނަށް ގެންނަން ޖެހޭ އިސްލާހުތައް ގެނައުމަށް ކުރަން ޖެހޭ ކަންކަން ފަށަން ވެސް ކޮމިޓީން ވަނީ ނިންމާފައެވެ.