ދީން

ދިވެހިރާއްޖޭގެ އެންމެ އަލިގަދަ ތަރިއަކަށް އިބްރާހީމް އަލީ


ޓީ.ވީ.އެމްއިން ގެނެސްދޭ "ދިވެހިރާއްޖޭގެ އެންމެ އަލިގަދަ ތަރި" ޤުރުއާން މުބާރާތުގެ އެއްވަނަ މާލޭ ދަފްތަރު ނަންބަރު 9286، އަލްޙާފިޒް، އަލްޤާރީ، އިބްރާހިމް އަލީ ހޯދައިފިއެވެ. މުބާރާތުގެ އެއްވަނައަށް ހޮވޭ ފަރާތަކަށް ޓީ.ވީ.އެމްއިން އެއްލައްކަ ރުފިޔާގެ ފައިސާގެ އިނާމް ހުށަހަޅާފައިވާއިރު، ހެޔޮއެދޭ ފަރާތްތަކުންވެސް އެއްލައްކައަށް ވުރެ ގިނަ ރުފިޔާގެ ފައިސާގެ އިނާމް ވަނީ ހަދިޔާކޮށްފައެވެ. އަލް ހާފިޒް، އަލްޤާރީ އިބްރާހިމް އަލީއަށް ޓީ.ވީ.އެމްއިންދޭ އެންމެ އަލިގަދަ ތަރި އެވޯޑާއި، އެއްލައްކަ ރުފިޔާގެ ރަމްޒީ ޗެކް، އަދި ހެޔޮއެދޭ ފަރާތްތަކުން ހުށަހަޅާފައިވާ ފައިސާގެ އިނާމްތައް ރޭގެ ފައިނަލް ޝޯވގައި ވަނީ ހަވާލުކޮށްފައިއެވެ. މިތަކެތި ހަވާލުކޮށްދެއްވީ، އެންމެ އަލިގަދަ ޕްރޮގްރާމްގެ ފައިނަލް ޝޯވގެ ޝަރަފުވެރި މެހެމާން އިސްލާމިކް މިނިސްޓަރ ޑރ. އަހުމަދު ޒިޔާދު ބާޤިރުއެވެ. މި މުބާރާތުން ދެވަނަ ރ. ކަނދޮޅުދޫ، ސީސަންގޭ އަލްޤާރިޔާ އުއްމުހާނީ އިބްރާހިމް ހާސިލުކޮށްފައިވާއިރު، މުބާރާތުގެ ތިންވަނަ ލިބިފައިވަނީ އދ. މާމިގިލީ، ހިރިގާ، ޔަޝްފާ މުހައްމަދު އަށެވެ. މި ފަރާތްތަކަށްވެސް ހެޔޮއެދޭ ފަރާތްތަކުން ވަނީ ފައިސާގެ ގިނަ އިނާމްތަކެއް ހަދިޔާކޮށްފައެވެ.މި މުބާރާތުން އެއްވަނަ ހާސިލުކުރި އިބްރާހިމް އަލީ ޕީ.އެސް.އެމްއާއި ވާހަކަދައްކަމުން ބުނީ، ވަރަށް ވާދަވެރި ރޫހެއްގައި ކުރިއަށްދިޔަ މުބާރާތަކުން، ފަހުރުވެރި ވަނައެއް ލިބިގެންދިޔުމާއި ގުޅިގެން އުފާކުރާކަމަށެވެ. އަދި ރާއްޖޭގެ ބޭއްވޭ އެހެން ޤުރުއާން މުބާރާތްތަކާއި، މި މުބާރާތާއި ހުރި ތަފާތު ފާހަގަކޮށް، މުބާރާތުގެ ތެރެއިން ކުރެވުނު ތަޖުރިބާ އޭނާ ކިޔައިދިނެވެ. އަލިގަދަ ތަރި މުބާރާތުގައި ފަނޑިޔާރުކަން ކޮށްދެއްވި ބޭފުޅުންގެ ފަރާތުން ވާހަކަދައްކަވަމުން ޢަބްދުލްޖަލީލު އިސްމާޢީލް ވިދާޅުވީ، ކުރީ އަހަރުތަކުގެ މުބާރާތްތަކާ އަޅާބަލާއިރު މިފަހަރުގެ މުބާރާތުން ކޮންމެވެސް ވަރެއްގެ ބަދަލުތަކެއް ފެނިގެންގޮސްފައިވާކަމަށެވެ. އަދި މިބަދަލުތަކުގެ ސަބަބުން، ބައިވެރިންގެ މެދުގައި ވާދަވެރިކަން އިތުރުވެގެންދިޔަ ކަން ފާހަގަކުރެވިފައިވާކަމަށް އޭނާ ވިދާޅުވިއެވެ.  މި ޕްރޮގްރާމްގެ ޕްރޮޑިއުސަރ، މުޖުތަބާ ރަޝީދު ވިދާޅުވީ، ބެލުންތެރިން ޝައުގުވެރިވާނެ ފަދަ ގޮތަކަށް، މި މުބާރާތުގެ ކަންކަން ކުރިއަށްދިޔުމަށް އަބަދުވެސް ޚާއްސަ ސަމާލުކަމެއްދެއްވާ ކަމަށެވެ. އަދި ބޭރު ޤައުމުތަކާއި އެއް ފެންވަރެއްގައި މި ޕްރޮގްރާމް ކުރިއަށްދިޔުމަށް މަސައްކަތް ކުރައްވާނެކަމަށެވެ. ބާރަ ބައިވެރިންނާއެކު ކުރިއަށް ގެންދިޔަ މި މުބާރާތުގައި، ކީރިތި ޤުރުއާން ބަލައިގެންނާއި ނުބަލައި ކިޔެވުމުގެ އިތުރުން، ތަޖުވީދުގެ ހަމަތަކާއި، ޤުރުއާނުގެ އިލްމާ ގުޅޭގޮތުން ފުޅާދާއިރާއެއްގައި ސުވާލުތައް ކޮށްފައިވެއެވެ.މި ޕްރޮގްރާމްގެ ޕްރީ-ޝޯވއާއެކު ޖުމްލަ ނުވަ ޝޯވއެއް ޓީ.ވީ.އެމުން ގެނެސްދީފައިވެއެވެ.  މިއީ މި ޕްރޮގްރާމް ޓީ.ވީ.އެމުން ގެނެސްދިން 3 ވަނަ އަހަރެވެ. އަންނަ އަހަރުވެސް މި މުބާރާތް މިއަށްވުރެ ފުރިހަމަކޮށް ބޭއްވުމަކީ ޓީ.ވީ.އެމްގެ އުއްމީދެކެވެ.