އަތޮޅުތައް

މަނަދޫއަށް ދަތުރުކުރި ލޯންޗެއް ގަލެއްގައި ޖެހި އަޑިއަށް ހިނގައްޖެ


ނ.މިލަދޫއިން ބަލި މީހަކު ގޮވައިގެން ނ މަނަދޫއަށް ދަތުރު ކުރި " މޫސުން އެކެއް" ކިޔާ ލޯންޗެއް، މަނަދޫ ނެރު މަތިން ގަލެއްގައި ޖެހި އަޑިއަށް ހިނގައްޖެއެވެ.މި ހާދިސާ ހިނގިއިރު ލޯންޗްގައި ބަލި މީހާއާ އެކު، ޖުމްލަ 9 މީހުން ތިބި ކަމަށް މައުލޫމާތު ލިބެއެވެ. މިރޭ 8:30 އެހާއިރު ހިނގި މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާ ވެފައި ނުވާ ކަމަށާއި، ބަލި މީހާ ސަލާމަތުން ހޮސްޕިޓަލަށް ގެންދެވިފައިވާ ކަމަށް މައުލޫމާތު ލިބެއެވެ. ޕަބްލިކް ސާރިވިސް މީޑިޔާގެ ނ އަތޮޅު ސްޓްރިންގަރ އަލީ ޝިފާޒު ބުނީ ލޯންޗް ނެރުމަތީގެ ގަލެއްގައި ޖެހުމާއެކު، މަޑުކުރުމެއް ނެތި ލޯންޗް ޖެޓީއާ ކައިރިކޮށް މީހުން ބާލާފައިވާ ކަމަށެވެ. އަދި ލޯންޗް އަޑިއަށް ދިޔައީ އޭގެ 5 މިނިޓް ފަހުން، ޖެޓީ ކައިރީގައި އޮއްވާ ކަމަށާއި، ލޯންޗް ފުން ކުރުމަށް ފުލުހުން މަސައްކަތް ކުރަމުންދާ ކަމަށެވެ.ލޯންޗުގެ ކެޕްޓަނާއި ޙަވާލާދީ ސްޓްރިންގަރ ބުނީ، ގަލުގައި ޖެހުމުގެ ސަބަބުން ލޯންޗްގެ ބަނޑުފިލާ ވަރަށް ބޮޑަށް ހަލާކުވެފައިވާ ކަމަށެވެ.