މާލޭގައި ހިނގި ނުރައްކާތެރި އެކްސިޑެންޓެގައި ޒަހަމްވި ޒުވާނަކު މަރުވެއްޖެއެވެ.
ރޭ މާލޭގައި ހިނގި މި އެކްސިޑެންޓްގައި ޒަހަމްވެ ފަރުވާދެމުންދަނިކޮށް މަރުވެފައިވަނީ ހ. ބުލޫބާރޑްގެ އުމުރުން 26 އަހަރުގެ މުހައްމަދު މިދުހަތުއެވެ. މި ޒުވާނާ މަރުވައިފައިވަނީ ރޭ ދަންވަރު 01:45 އެހާކަންހައިރުއެވެ. މި އެކްސިޑެންޓް ހިނގާފައިވަނީ ރޭ ބުރުޒުމަގުގައި ހުންނަ ޕީޓްރަލް ހޮޓާ ކައިރީގައެވެ.
ފުލުހުން ވިދާޅުވީ މި އެކްސިޑެންޓް ހިނގާފައިވަނީ ބުރުޒުމަގު އިރުން ހުޅަނގަށް ދުއްވާފައިދިޔަ ސައިކަލެއްގައި އެ މަގުން އިރުން ހުޅަނގަށް ދިޔަ އެހެން ސައިކަލަކުން ޖެއްސުމުންކަމަށެވެ. އަދި މި އެކްސިޑެންޓް ހިނގި ވަގުތު އެތަނުން އެއް ސައިކަލް ދުއްވަން އިނީ 31 އަހަރުގެ ޒުވާނެކެވެ. އަދި އެ ސައިކަލުގައި ފަހަތުގައި އިނީ 22 އަަހަރުގެ އަންހެނަކަމަށްވެސް ފުލުހުން ވިދާޅުވެއެވެ. މި ދެމީހުންނަށް އެކިވަރުގެ އަނިޔާ ލިބިގެން އަންހެން މީހާއަށް އަޖީއެމް ހޮސްޕިޓަލްގައި އަދި ފިރިހެން މީހާއަށް އޭޑީކޭ ހޮސްޕިޓަލްގައި ފަރުވާދެމުން އަންނަަކަމަށްވެސް ފުލުހުން ވިދާޅުވެއެވެ.
މި އެކްސިޑެންޓްގައި ޒަހަމްވުމުން ފަރުވާދެނިކޮށް މަރުވެފައިވަނީ ގަސްތުގައި ގޮސް އެކްސިޑެންޓް ކޮށްލި ސައިކަލް ދުއްވަން އިން ޒުވާނާކަމަށާއި އޭނާ ހޮސްޕިޓަލަށް ގެންދިޔައިރު ބޮޑެތި އަނިޔާތަކެއް ލިބިފައިވާކަމަށް ހޮސްޕިޓަލާއި ހަވާލާދީ ފުލުހުން ވިދާޅުވެއެވެ.
ފުލުހުން ވިދާޅުވީ މި އެކްސިޑެންޓްވި ދެ ސައިކަލްވެސް ދުއްވަން ތިބި ޒުވާނުންގެ އަތުގައި ލައިސަންސް ނެތްކަމަށެވެ. އަދި ދެ ސައިކަލަށްވެސް ބޮޑެތި ގެއްލުންތައް ލިބިފައިވާކަމަށްވެސް ފުލުހުން ވިދާޅުވެއެވެ.
މި ޒުވާނާގެ ކަށި ނަމާދު އޮންނާނީ މިއަދު މެންދުރު ނަމާދަށްފަހު އާ ސަހަރާ މިސްކިތުގައެވެ.
މި އެކްސިޑެންޓުގައި މަރުވި މިދުހަތަކީ، 2014 ވަނަ އަހަރު ހިނގި މާރާމާރިއެއްގައި ސ. މަރަދޫ އަހްމަދު މަފާޒްގެ ދައުލަތުން ދައުވާ އުފުލާފާފައިވާ މީހެކެވެ. މި މައްސަލާގައި މިދުހަތުގެ އިތުރުން އެހެން ދެ މީހެއްގެ މައްޗަށްވެސް ދައުލަތުން ވަނީ ދައުވާކޮށްފައެވެ. މަފާޒަށް ތޫނު އެއްޗަކުން ހަމަލާދީ މަރާލާފައިވަނީ 2014 ވަނަ އަހަރުގެ ޑިސެމްބަރ މަހުގެ 7 ވަަނަ ދުވަހުގެރޭ ގ މަސްއޮޑިގޭގެ ކަންމަތީގައެވެ.