ކޮވިޑް-19 ވައިރަހަކީ އައު ވައިރަހެއް ކަމަށާއި އެވައިރަހުގެ ސަބަބުން ފެންނަ އަލާމާތްތައްވެސް ބަދަލުވަމުންދާތީ، ކަމާބެހޭ ފަރާތްތަކުން ދެމުންގެންދާ އިރުޝާދުތައް ބަދަލުވުމަކީ އެކަށީގެންވާކަމެއްކަމަށް އެޗްޕީއޭގެ ކޮމިއުނިކަބަލް ޑިސީސަސްގެ ހެޑް ޑރ.ފާތުމަތު ނަޒްލާ ވިދާޅުވެއްޖެއެވެ.
ނަޒްލާ ވިދާޅުވީ މިޙާލަތުގައި ހުރިހާ ފަރާތްތަކުންވެސް ކަމާބެހޭ ފަރާތްތަކުން ދެއްވާ އިރުޝާދުތަކަށް ސަމާލުވެތިބުމަކީ މުހިއްމުކަމެއް ކަމަށެވެ.
ޕީއެސްއެމްނިއުސްގެ ރާއްޖެ މިއަދު ޕްރޮގްރާމުގައި ވާހަކަފުޅުދައްކަވަމުން ހެލްތު ޕްރޮޓެކްޝަން އޭޖެންސީގެ ކޮމިއުނިކަބަލް ޑިޒީސަސްގެ ހެޑް ޑރ.ފާތުމަތު ނަޒްލާ ވިދާޅުވީ ނޮވެލް ކޮރޯނާ ވައިރަހަކީ މުޅިން އަލަށް ފެނިފައިވާ ވައިރަހެއް ކަމަށާއި މިވައިރަހާއި ބެހޭ ހުރިހާ މައުލޫމާތެއް މިހާތަނަށް ހޯދިފައި ނުވާކަމަށެވެ.
ޑރ.ނަޒްލާ ވިދާޅުވީ މިވައިރަހާއި ގުޅޭގޮތުން މިހާތަނަށް އެނގިފައިވަނީ މީގެ ކުރިން ފެނިފައިވާ ކޮރޯނާވައިރަހުގެ ބާވަތްތައްކަމަށްވާ ސާސްއާއި މާސް އާއި ގުޅޭ އެއްގޮތް ކަންކަމާއި މިވައިރަހަށް ޕޮޒިޓިވް ވި މިހުންގެ ކިބައިން މިހާތަނަށް ހޯދުނުކަންކަން އެކަނިކަމަށެވެ. އެހެންކަމުން މިވަގުތު ވައިރަހުގެ ހުރިހާ ހަޤީޤަތް ދެނެ ނުގަނެވޭ ކަމަށާއި، މީގެ ސަބަބުން ކަމާބެހޭ ފަރާތްތަކުން ދެމުންގެންދާ އިރުޝާދުތައް ދުވަހުން ދުވަހަށް ބަދަލުވުމަކީ އެކަށީގެންވާކަމެއްކަމަށް ޑރ.ނަޒްލާ ވިދާޅުވިއެވެ.
މިދުވަސްވަރު ވައިރަހާއި ގުޅޭގޮތުން ކަމާ ގުޅޭ އިދާރާތަކުން ދެމުންގެންދާ މަޢުލޫމާތުތަކަށް ޚާއްސަ ސަމާލުކަމެއް ދިނުމަށް ޑރ.ނަޒްލާ ވަނީ އިލްތިމާސްކުރައްވާފައެވެ. ޑރ.ނަޒްލާ ވަނީ ދިވެހިން އުޅޭ ޤައުމުތަކުގެ ތެރެއިން މިވަގުތު ވައިރަސް ފެނިފައިވާ ޤައުމުތަކުގެ ދިވެހިންނަށްވެސް ރައްކާތެރިވުމަށް ފިޔަވަޅުތައް އެޅުމަށް އިލްތިމާސްކުރައްވާފައެވެ.
"އެކި ޤައުމުތަކުގައިވެސް ވައިރަސްގެ ޙާލަތު ވަރަށް ތަފާތު. އެހެންކަމުން ޢާއްމު ސާފުތާހިރުކަމަށް އިސްކަންދޭގޮތަށް އެޤައުމަކުން ނެރެޢާއްމުކުރަމުންދާ މަޢުލޫމާތުތަކަށް ސަމާލުކަން ދިނުމަކީވެސް މުހިއްމުކަމެއް."ޑރ.ނަޒްލާ ވިދާޅުވިއެވެ.
ޑރ.ނަޒްލާ ވިދާޅުވީ ވުހާންއިން ނެރުނު 7 ދިވެހިންވެސް އިންޑިއާގައި ކަރަންޓީނުކޮށްފައި ބައިތިއްބާފައި ވާއިރު ފާއިތުވި 14 ދުވަސްތެރޭގައި އެމީހުންގެ ކިބައިން ބަލީގެ އެއްވެސް އަލާމާތެއް ފެނިފައިނުވާތީ އިންޑިއާއިންވެސް އެމީހުން ދޫކޮށްލާނެކަމަށެވެ. ރާއްޖެމިއަދުގައި ވާހަކަފުޅުދައްކަވަމުން ޑރ.ނަޒްލާ ވަނީ މިވަގުތު ވައިރަސް ނުފެންނަ ޤައުމުތަކުގައި ތިބި ދިވެހިންވެސް އެޤައުމެއްގައި ހުރި ދިވެހި ހައި ކޮމިޝަނެއްގައި ނުވަތަ އެމްބަސީއެއްގައި ރަޖިސްޓްރީވުމަށް އިލްތިމާސްކުރައްވާ ކަމަށެވެ. ޑރ.ނަޒްލާ ވިދާޅުވީ ވައިރަސް ޤައުމުތަކަށް ދަތުރުކުރަނީ ވަރަށް ކުއްލި ގޮތަކަށް ކަމަށްވުމުން ދިވެހިންތިބި ޤައުމުތަކާއި މެދު ދިވެހި ސަރުކާރަށާއި ކަމާ ގުޅޭ ފަރާތްތަކަށް ފިޔަވަޅުތަކެއް ދުރާލައި ކަންކަން ރޭވިފައި ވުމަކީ، ޢާއްމުގެ ރައްކާތެރިކަން ކަށަވަރުކުރުމަށް އޭގެ ސަބަބުން ފަސޭހަވެގެންދާނެ ކަމަށެވެ.
އަޑު: "ކޮރޯނާވައިރަހާއި ގުޅޭގޮތުން ދަންނަވާލާނީ ޕެނިކް ވާން ވީ ނޫނޭ، އެހެންނަމަވެސް އަދި ޙާލަތު އޮތީ ހަމަޖެހިގެން ތިބެވޭ ފަދަ ދަރަޖައެއްގައިވެސް ނޫން. އެހެންކަމުން ރައްކާތެރިކަމުގެ ފިޔަވަޅުތައް ހުރިހާ ފަރާތަކުންވެސް އަޅަންވީ." ޑރ ނަޒްލާ ވިދާޅުވިއެވެ.
ރާއްޖެއިން މިހާތަނަށް ކޮރޯނާ ވައިރަހަށް ޕޮޒިޓިވްވެފައިވާ މީހަކު ފެނިފައެއް ނުވެއެވެ. އެހެންނަމަވެސް ދިވެހިން އެންމެ ގިނައިންގޮސް އުޅޭ އިންޑިއާގެ ކެރެލާގައި މިމަހުގެ 3 ވަނަ ދުވަހާއި ހަމައަށް 3 މީހަކު ވަނީ ކޮރޯނާ ވައިރަހަށް ޕޮޒިޓިވް ވެފައެވެ.
ދިވެހިން ޢާއްމުކޮށް ގޮސްއުޅޭ ޤައުމުތަކުގެތެރޭގައި ވައިރަހަށް އެންމެ ގިނަ މީހުން ޕޮޒިޓިވްވަމުން އަންނަނީ ސިންގަޕޫރުންނެވެ. އެގޮތުން މިހަތަނަށް އެޤައުމުގައި މިވައިރަހަށް ފަސްދޮޅަސް ހަތް މީހަކުވަނީ ޕޮޒިޓިވްވެފައެވެ. މެލޭޝިއާގައި 21 މީހަކުވަނީ ޕޮޒިޓިވްވެފައެވެ. ޖަޕާނުގައި 41 މީހަކު ވަނީ ޕޮޒިޓިވްވެފައެވެ. އަދި ތައިލެންޑުގައި 34 މީހަކު މިހާތަނަށް ވަނީ ޕޮޒިޓިވްވެފައެވެ. މުޅި ދުނިޔޭގައި މިހާތަނަށް ފަންސާސް ހާހަށްވުރެ ގިނަ މީހުން މިވައިރަހަށް ޕޮޒިޓިވްވެފައި ވާއިރު ވައިރަސް ކޮންޓްރޯލްކުރުމަށް އަދި ދުވަސްތަކެއް ނަގާނެކަމަށް ކަމާބެހޭ ފަރާތްތަކުން ލަފާކުރެއެވެ.