ކައުންސިލް އިންތިޚާބަށް ފޯމު ހުށަހަޅަންދިޔަ އާންމު ފަރާތަކުން އިލެކްޝަންސް ކޮމިޝަނުގެ މުވައްޒަފުންނަށް ބިރުދައްކާފައިވާކަމަށް އެ ކޮމިޝަނުން ވިދާޅުވެއްޖެއެވެ.
އިލެކްޝަންސް ކޮމިޝަނުގެ ނައިބް ރައީސް އަޙްމަދު އަކްރަމް ވިދާޅުވީ މިއަދު ހެނދު ފޯމް ހުށަހަޅަން އައި އާންމު ފަރާތަކުން ކޮމިޝަންގެ މުވައްޒަފުންނަށް ބިރުދައްކައި އިންޒާރުދީފައިވާކަމަށެވެ. ކައުންސިލް އިންތިޚާބާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބުގެ ފޯމްތައް ބަލައިގަތުމަށް އިލެކްޝަންސް ކޮމިޝަނުގައި ޙަރަކާތްތެރިވާ މުވައްޒަފުންނަށް ބިރު ދައްކައި އިންޒާރު ދިނުމަކީ އެ ކޮމިޝަނުން ކަންބޮޑުވާ ކަމެއްކަމަށްވެސް އަކްރަމް ވިދާޅުވިއެވެ.
ކޮމިޝަނުން ކުރަމުންދާ މަސައްކަތަށް ހުރަސްއަޅައި މުވައްޒަފުންނަށް ހިންގާ ބިރުދެއްކުމުގެ ހަރަކާތްތަކަކީ އެއްވެސް ހާލެއްގައި ބަލައިގަންނަނާނެކަމެއް ނޫންކަމަށް އިލެކްޝަން ވިދާޅުވެއެވެ. އަދި މިފަދަ އަމަލުތައް ހިންގާ ފަރާތްތަކާމެދު ޤާނޫނީ ގޮތުން އަޅަންޖެހޭ ފިޔަވަޅު އަޅަމުންދާނެކަމަށްވެސް އަކްރަމް ވިދާޅުވިއެވެ. އަދި މިފަދަ އަމަލުތައް ހިންގި ނަމަވެސް މިނިވަން އިންސާފުވެރި އިންތިޚާބެއް ބޭއްވުމަށް ކުރަމުންދާ މަސައްކަތައް އެއްވެސް ބުރުލެއް ނާރާ ކުރިއަށްދާނެކަމުގެ ޔަޤީންކަން އަކްރަމް ވަނީ ދެއްވާފައެވެ.
އޭޕްރީލް މަހުގެ 4 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބަށް ކުރިމަތިލުމުގެ ފުރުޞަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލާފައިވަނީ މިމަހުގެ 4 ވަނަ ދުވަހުއެވެ. ލޯކަލް ކައުންސިލް އިންތިޚާބަށް ކުރިމަތިލުމުގެ އެންމެފަހުގެ ތާރީޙަކީ މިމަހުގެ 20 ވަނަ ދުވަހެވެ. އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބަށް ކުރިމަތިލުމުގެ އެންމެފަހު ތާރީޚަކީ މިމަހުގެ 24 ވަނަ ދުވަހެވެ.
ދެ އިންތިޚާބަކީވެސް އެއްދުވަހެއްގައި ބޭއްވުމަށް ހަމަޖެހިފައިވާ ދެ އިންތިޚާބަށްވުމުން ގިނަ އަދަދެއްގެ ފޯމްތައް ހުށަހަޅާނެކަމަށްބަލައި އިލެކްޝަންސް ކޮމިޝަނުން ވަނީ އެކަމަށް ތައްޔާރުވެފައެވެ. ފޯމް ހުށަހަޅާ ފަރާތްތަކުން ކުށުގެ ރެކޯޑްސާފުކުރާ ފޯމް ފުރުމުގައާއި، އައިޑީކާޑުފަދަ މުހިންމު ލިޔުންތަކުގެ މުއްދަތު ހަމަވެފައި އޮތްތޯބަލައި ދުރާލާ ޚާއްސަ ސަމާލުކަމެއް ދިނުމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ އެދިވަޑައިގެންފައެވެ.